Last Updated: July 14, 22:13
Sunday, July 14, 2024
ރިޕޯޓް

ޒުވާނުން ކުށުގެ ވެއްޓާ ދުރު ކުރެވޭނީ ކިހިނެތް؟

ޒުވާނުންނަކީ ޤައުމެއްގެ އެންމެ މުހިއްމު ރައުސުލްމާލެވެ. ޤައުމުގެ ތަރައްޤީގެ ރާސްތާ ގެ ހަލުވިކަން ބިނާވެފައި ވަނީ ޒުވާނުންގެ ދިރިއުޅުމުގެ ވައްޓަފާޅީގެ މައްޗަށެވެ. އެހެންކަމުން ޒުވާން ޖީލަކީ ދުޅަހެޔޮ ތަޢުލީމީ ޖީލަކަށް ހެދޭތޯ ކޮންމެ ޤައުމަކުން ވެސް މަސައްކަތްކުރެ އެވެ.

އަޚްލާޤީ ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ ބަޔަކަށް ހެދޭތޯ މަސައްކަތްކުރެއެވެ. ބަވަނަވަމުންދާ ދުނިޔޭގައި މިފަދަ ސިފަތައް ލިބިފައިވާ ޒުވާންޖީލެއް ބިނާކުރުމުގައި ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހެއެވެ.

މި ދަތިތަކާ އެކަށީގެންވާ ގޮތެއްގައި ކުރިމަތި ނުލެވުމުގެ ނަތީޖާއެއްގެ ގޮތުން ގިނަ ޤައުމުތަކުގެ ޒުވާން އާބާދީ ގެ ތެރެއިން ކުށުގެ ވެއްޓާއި ގުޅޭ ޒުވާނުންގެ ޢަދަދު ފާހަގަކޮށްލެވޭ މިންވަރަށް އިތުރުވެފައިވއެވެ. މި ރިޕޯޓުގައި އަލިއަޅުވައިލެވިފައިވަނީ ދިވެހި ޒުވާނުން ކުށުގެ ވެށިން ދުރުހެލިކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތަކުގެ މައްޗަށެވެ.

1. ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުން

ކުށްމަދު މުޖުތަމަޢެއްގެ ސިއްރަކީ ހުރިހާ ގޮތަކުންވެސް ދުޅަހެޔޮ ޢާއިލާތަކެވެ. މުޖުތަމަޢަށް ޚިދުމަތްކުރާނެ ހަރުދަނާ ދަރިން އުފެއްދޭނީ މިފަދަ ޢާއިލާތަކަށެވެ. އެހެންކަމުން ދަރިން ތަރުބިއްޔަތކުރުމަކީ އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
ކުށުގެ ވެއްޓާ ދުރު ޒުވާން ޖީލެއް އުފެއްދުމަށްޓަކައި މައިންބަފައިންނަކީ ރިވެތި އަޚްލާޤުގެ ނަމޫނާއެއް ކަމުގައިވާންޖެހެއެވެ. މައިންބަފައިންގެ ކިބައިން އިސްލާމީ ރިވެތި އާދަތައް ދަރިންނަށް ފެނިގެންދާނަމަ، އެ ދަރިންވެސް އެ ސިފަތަކުގެ އަހުލުވެރިންކަމުގައިވެގެންދާނެއެވެ.
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
«كُلُّكُمْ رَاعٍ وَكُلُّكُمْ مَسْؤُولٌ عَنْ رَعِيَّتِهِ» [متفق عليه]
މާނައީ: “ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ ބެލެހެއްޓުންތެރިޔެކެވެ. އަދި ކޮންމެ މީހަކީވެސް އެމީހެއްގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކާމެދު ސުވާލު ކުރެވޭނެ މީހެކެވެ.”

ރާއްޖޭގައި ގޭންގްތައް އުފަންވެގެންދިޔުމުގެ އެންމެ ބޮޑު އެއް ސަބަބަކީވެސް ދަރިން ތަރުބިއްޔަތުވުމުގައި އިހްމާލުވުމެވެ.2 މިގޮތުން ނުވަދިހައިގެ އަހަރުތަކުގައި އެފަދައިން އަޅާނުލެވުނު ކުދިން ގެ ޢަދަދު ގިނަވަމުން އައިސް، އެ ފަދަ ކުދިން އެކުވެ ގުޅުންތައް އުފައްދައި، ގޭންގްތަކޭ ކިޔުނު ކުށުގެ ހާލިތަކެއް އުފަންކުރީއެވެ.

2. ވަކި ޢުމުރަކަށް ދިޔުމުން ދަރީންނާ މެދު އިހުމާލުވުމުން ދުރުވުން

ބައެއް ބޭފުޅުންނަށް ހީވެފައި އޮންނަނީ ދަރިން ވަކި ޢުމުރަކަށް ދިޔުމުން ދެން އެދަރިންގެ ކަންތައްތައް އެހަ ކައިރިން ބަލަންނުޖެހޭނެކަމަށެވެ. އެފަދަ ބޭފުޅުން ދެކޭ ގޮތުގައި ލޯތްބާއިއެކު ތަރުބިއްޔަތުކުރުމަކީ މިއީއެވެ. ނަމަވެސް މިއީ ރަނގަޅުވިސްނުމެއްނޫނެވެ.

ލޯތްބާއެކު ތަރުބިއްޔަތު ކުރުން ނަފީކުރާ ބައެއް ކަންކަމަކީ:

– އެކުދިން ބޭނުންވާ ކޮންމެ އެއްޗެއް ހޯދައިދިނުން.
– އަދަބުވެރިކުރުމަށް އިހުމާލުވުން.
– އެކުދިންކުރާ ކުށްތައް އިޞްލާޙު ނުކުރުން.

ފަހެ، ބައެއްފަހަރު މައިންބަފައިން ކަންކަމުގައި ދޫނުދިނުމަކީވެސް ލޯތްބާއެކު ތަރުބިއްޔަތު ކުރުމުގެ ތެރެއިންވާ ކަމެކެވެ.

3. ޒުވާނުން އުފެއްދުންތެރި ކަންކަމުގައި މަޝްޣޫލުކުރުވުން

ދެހާސް ބާރަ ވަނަ އަހަރު ގޭންގްތަކާ ގުޅޭގޮތުން ކުރެވުނު ދިރާސާއިން ދައްކާގޮތުން، ޒުވާނުން ގޭންގްތަކާ ގުޅޭ އެއް ސަބަބަކީ ކަމެއް ނެތި ހުސްކޮށް ހުންނަންޖެހުމުން އެ ލިބޭ އެކަނިވެރިކަން ފިލުވާލުމެވެ. ވަޒީފާއެއް ނެތުމުން އަމިއްލަ ޚަރަދުތައް ހަމަޖެއްސުމަށްވެސް ބައެއް ޒުވާނުން ގޭންގްތަކާއި ގުޅެއެވެ.

ޝެއިޙް ޢިމާދު ޔޫސުފު ވިދާޅުވާގޮތުގައި ކުރާނެ ކަމެއްނެތި ހުސްކޮށް ހުންނަންޖެހުމަކީ ޝައިތާނާގެ ވަސްވާސްތަކަށް މީހާ ވަރަށްބޮޑަށް ލަންބުވައިދޭ ކަމެކެވެ. ސިކުނޑިއާއި ރޫޙަށް ވަރަށްބޮޑު ހުސްކަމެއް ގެނެސްދޭ ކަމެކެވެ.
އެހެންކަމުން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމާއި އިޖްތިމާޢީ ޙަރަކާތްތަކުގައި ގިނަގިނައިން ޒުވާނުން ބައިވެރިކުރުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. އެހެނިހެން ޤައުމުތަކުންވެސް ވަނީ ކުށުގެ ވެށިން ޒުވާނުން ދުރުކުރުމުގެ ގޮތުން ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ޒުވާނުންނަށް ހޯދައިދީފައެވެ.

4. ތަޢުލީމީ މަންހަޖުގެ ތެރޭގައި އިސްލާމީ ތަރުބިއްޔަތަށް ދެވިފައިވާ އަހައްމިއްޔަތު ބޮޑުކުރުން

ދުނިޔޭގެ މުސްލިމު ޤައުމުތަކުގައި އެ ޤައުމުތަކުގެ ސަރުކާރުން ޤައުމީ މަންހަޖުގައި އިސްލާމްދީނުގެ މައުލޫމާތު ތަފްޞީލްގޮތެއްގައި ކިޔަވާދޭގޮތަށް ހަމަޖައްސާފައި އޮވެއެވެ.
ނަމަވެސް ރާއްޖޭގައި އިސްލާމް މާއްދާ އަށް އެކަށީގެންވާ ވަރަށް ވަގުތުދެވިފައެއްނުވެއެވެ. މި އުނިކަން ފޫބޭއްދުމުގެ ގޮތުން ޖަމްޢިއްޔަތުއްސަލަފާއި ޕީސް ފައުންޑޭޝަންފަދަ ބައެއް އެން.ޖީ.އޯ ތަކުން ދީނީ ޢިލްމުކިޔަވައިދޭ އިންސްޓިޓިޔުޓުތަކާއި ސެމިނަރ ތައް ބާއްވައެވެ.

5. ވިސްނުންތެރިކަމާއެކު ކުށުގެ ޢަދަބު ދިނުން

ހިރާއްޖޭގެ ޖަލުތަކުގެ ހާލަތު މިހާރު ހުރި ގޮތުން އެންމެ ކުށެއް ކޮށްގެން ޖަލަށްވަންނަ ޒުވާނާވެސް ގިނަފަހަރު އުޅެން ޖެހެނީ އެންމެ ބޮޑެތި ކުށްތަކަށްއަރައިގެންފައިވާ މީހުންނާއި އެއްތަނެއްގައެވެ. މިކަމުގެ ސަބަބުން ބައެއް ޒުވާނުން ޖަލުން ނުކުތުމަށްފަހު ކުށުގެ ވެއްޓާއި ގުޅެން ވަރަށް ބޮޑަށް ފަސޭހަވެ އެވެ. ދެހާސް ސަތާރަ ވަނަ އަހަރު ތަންފީޒުކުރެވެން ފެށުނު އާ ޤާނޫނުލް އިޖުރާއާތުގައި މިކަމަށް ޙައްލެއް ހޯދައިދީފައިވެއެވެ. މިގޮތުން ފުރަތަމަ ފަހަރަށް ކުރާ ކުދިކުދި ކުށްތަކުގައި ދައުވާނުކޮށް ދޫކޮށްލުމުގެ އިޚްތިޔާރު ޕީޖީއަށް ލިބިގެންވެ އެވެ.

ކުށްކުރުމުން، (ހަމައެކަނި) ކުށްކުރި ޒުވާނާއާއި އަދަބުގެ ވާހަކަދެއްކުމުގެ ބަދަލުގައި، އެ ޒުވާނާ ކުށަށް އަރައިގަތުމުގެ ކުރިން ކަޑައްތުކުރި މަރުޙަލާތަކާއި ތަޙަންމަލު ކުރި ކަންތައްތަކާއި ހާލަތްތަކާ ދޭތެރޭ ވިސްނާލަން ޖެހެ އެވެ.

ނޯޓް: އިލްމު.އެމްވީ