Last Updated: April 30, 09:18
Wednesday, April 30, 2025
ޚަބަރު

ގަވަރުނަރު ވަކިކުރުމުގެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފި

ގަވަރުނަރު އަލީ ހާޝިމް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް މަޤާމުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މަޝްވަރާ ދިނުމާގުޅޭގޮތުން މާލިއްޔަތު ކޮމިޓީގެ މުގައްރިރު، މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ފޮނުވި ސިޓީ އިއްވާފައެވެ. ގަވަރުނަރު އަލީ ހާޝިމް ވަކިކުރުމުގެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިމައްސަލަ އިއްވާފައިވާއިރު، މައްސަލައިގައި ބުނެފައިވަނީ ގައުމުގެ ފިސްކަލް ހާލަތު ރަނގަޅުކުރުމަށްޓަކައި އިކޮނޮމިކް ރިފޯމް އެޖެންޑާއެއް އެކުލަވާލާ، އެކަމަށް ބޭނުންވާ ޤާނޫނުތައް ތައާރަފްކޮށް އާ ސިޔާސަތުތައް ތަންފީޒުކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އެހެންނަމަވެސް ގައުމުގެ އިގްތިސާދު ހީނަރުވެ އިޔާދަކުރަން ދަތިވާ ހިސާބަށް އިގްތިސާދުގެ ހާލަތު ދިޔައިރު އެމްއެމްއޭގެ ޤާނޫނުގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރެވިފައި ނެތްކަމަށެވެ. އަދި އެމްއެމްއޭގެ މައިގަނޑު އެއް އަސާސްކަމަށްވާ މަނިޓަރީ ޕޮލިސީ އެންމެ އެކަށޭނަ ގޮތުގައި ހިންގަމުން ނުދާ ކަމަށެވެ.

ގަވަރުނަރު އަލީ ހާޝިމް މަޤާމުން ވަކިކުރުމުމުގެ މައްސަލަ ދިރާސާ ކުރުމަށް ވަނީ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައެވެ.

ގަވަރުނަރު އަލީ ހާޝިމް ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފެށިއިރު، އެމަނިކުފާނު މިވަގުތު ހުންނެވީ ޗުއްޓީއެއްގައި ރާއްޖެއިން ބޭރަށް ވަަޑައިގެންނެވެ.

އަލީ ހާޝިމް ގަވަރުނަރު ކަމަށް އައްޔަނު ކޮށްފައިވަނި 2019 ސެޕްޓެމްބަރު 8 ވަނަ ދުވަހުއެވެ. ހާޝިމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 އިން 2010 ގެ ނިޔަލަށް ފިނޭންސް މިނިސްޓަރުގެ މަގާމުވެސް އަދާކުރައްވާފައެވެ.