Last Updated: April 30, 11:35
Wednesday, April 30, 2025
ޚަބަރު

މެންބަރުންގެ މުސާރަ ކުޑަ: ޝުޖާއު

މެންބަރު އިބްރާހިމް ޝުޖާއު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ އަދަދު މަދު ކުރުމާ ގުޅޭ ގަރާރަށް ބަހުސް ކުރައްވަމުން ޝުޖާއު ވިދާޅުވީ މަޖިލީހުގެ މެންބަރުކަން ކުރުމަށްފަހު ވަކިވެގެންދާ މެންބަރުންނަށް އިނާޔަތް ދިނުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށެވެ. އަދި މަޖިލީހުގެ މުސާރަވެސް އެކުލެވިގެންވަނީ ވަރަށް "ހެއްވާ" ކޮށް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މަޖިލީހަށް އައުމަށް މަސައްކަތްކުރާ ގިނަ ފަރާތްތައް މަޖިލީހުގެ މެންބަރުންގެ މުސާރައާ ގުޅޭގޮތުން ޝަކުވާ ކުރާނެ ކަމަށެވެ. މަޖިލީހުގެ މެންބަރެއްގެ އަސާސީ މުސާރައަކީ 42،500 ރުފިޔާކަން ފާހަގަކޮށް ޝުޖާއު ވިދާޅުވީ ސިޓީ ކައުންސިލަރަކަށް މުސާރައަށް 30،000 ރުފިޔާ ލިބޭ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ރައްޔިތުންގެ މަޖިލީހަށް ލިބޭ މުސާރަ ކުޑަ." ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ ޒިންމާތައް އެނގޭނީ މެންބަރަކަށް އައުމުން ކަމަށާއި ރައްޔިތުންނާ ގާތުން ހިދުމަތްކުރާ މެންބަރުންގެ އަތުގައި ލޯލާރިއެއްވެސް ނޯންނާނެ ކަމަށެވެ. މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރައަށް ވުރެ މަޖިލީހުގެ ރައީސްއަށް ލިބޭ މުސާރަ ކުޑަކަންވެސް ޝުޖާއު ފާހަގަ ކުރެއްވިއެވެ.

މެންބަރުންގެ މުސާރަ އެމެންބަރުން އަމިއްޔައަށް ކަނޑައެޅުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ. އަދި ރައްޔިތުން ބަލައިގަންނަ ގޮތަކަށް މުސާރައާ އިނާޔަތްތައް ކަނޑައަޅަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ މެންބަރުންނަށް އަސާސީ މުސާރައިގެ ގޮތުގައި 42،500 ރުފިޔާ، ލިވިން އެލަވެންސްގެ ގޮތުގައި 20،000 ރުފިޔާ އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާ ލިބެއެވެ.