Last Updated: April 30, 09:18
Wednesday, April 30, 2025
ޚަބަރު

ރައީސް އައްޔަންކުރާ ބަޔަކަށް އެސްޖީން ހަދަން ޖެހޭ

މެންބަރު މުހައްމަދު އައްބާސް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް ފަރާތް، ސެކްރެޓަރީ ޖެނެރަލުންކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ބަޔަކަށް ހަދަން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ އަދަދު މަދު ކުރުމާ ގުޅޭ ގަރާރަށް ބަހުސް ކުރައްވަމުން އައްބާސް ވިދާޅުވީ މެންބަރުންގެ ދިފާއުގައި އެ މެންބަރުން ތެދުބަހުން ވާހަކަ ދައްކަންޖެހޭކަމަށެވެ. އައްބާސް ވިދާޅުވީ މަޖިލީހުގެ މެންބަރެއްގެ މުސާރަ ސްޓޭޓް މިނިސްޓަރަކަށް ވުރެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ވުރެ އަދި ކުންފުނިތަކުގެ އެމްޑީންނަށް ވުރެ ދަށް ކަމަށެވެ.

އައްބާސް ވިދާޅުވީ ކުރިން ރަށު އޮފީސްތަކާއި ކަތީބުން އަދި ރަށް ކުރިއަރުވާ ކޮމިޓީތައް އޮތުމަކީ ދައުލަތުގެ ހަރަދު ކުޑަވެގެންދާނެ ކަމެއްކަމަށް މިހާރު ދެކެވޭ ކަމަށެވެ. މަދު އާބާދީތަކުގައި 5 ކައުންސިލަރުން ތިބެން ނުޖެހޭ ކަމަށާއި، ކައުންސިލް ރައީސްގެ އިތުރުން ހަމައެކަނި ބައްދަލުވުމުގައި ބައިވެރިވާނެ ދެ މެންބަރުން ދައުލަތުގެ ހަރަދުތައް ވަރަށް ބޮޑަށް ކުޑަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ކައުންސިލްތަކުގެ ސެކްރަޓަރީ ޖެނެރަލުންނަކީ ސިވިލް ސާވިސްގެ މަގާމެއްގެ ގޮތުގައި ބާއްވަން ނުފެންނަ ކަމަށް އައްބާސް ވިދާޅުވިއެވެ. އަދި ބައެއް ކައުންސިލްތަކުގެ ސެކްރަޓަރީ ޖެނެރަލުން ސަރުކާރަށް ޖެއްސުންކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް ތުހުމަތު ކުރެއްވިއެވެ.

"އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ ސިޔާސީ މަގާމަކަށް އެސްޖީންގެ ނަމުން ނަން ދެއްވާފަ ހަމަޖެއްސެވީމަ އެކަންވެސް އެއޮތީ ރަނގަޅަށް." އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ ރަށްރަށް ތަރައްގީ ކުރުމުގައި ރަށްރަށުގައި އިސްކޮށް އުޅުއްވާ ސެކްރެޓަރީ ޖެނެރަލުން ވާންވާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ ބަޔަކަށް ކަމަށެވެ.

ލޯކަލް ކައުންސިލްތަކަށް މުޅިން އަލަށް 2021 ވަނަ އަހަރު ސެކްރެޓަރީ ޖެނަރަލުން އައްޔަންކުރަން ނިންމީ ލާމަރުކަޒީ ގާނޫނު އެ އަހަރު އެގޮތަށް އިސްލާހުކުރުމުންނެވެ. ގާނޫނުގައި ބުނެފައިވަނީ އެ މަގާމަށް މީހުން އައްޔަނު ކުރާނީ ކައުންސިލްގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.