Last Updated: July 14, 22:13
Sunday, July 14, 2024
ރިޕޯޓް

މައްކާގެ މާތްކަން

ﷲ ތަޢާލާވަނީ މައްކާ މާތްކުރައްވާ ޝަރަފުވެރިކުރައްވާފައެވެ. އަދި އަމާންކަން ލިބިގެންވާ ރަށުގެ ގޮތުގައި މައްކާ ސިފަ ކުރައްވާފައެވެ.

އަދި އެރަށަށް ޚާއްސަވެގެންވާ ކަންތައްތަކަކާއި ސިފަތަކެއް ލައްވާފައެވެ. މިގޮތުން މައްކާއާއި ގުޅޭގޮތުން ކަނޑައަޅުއްވައިފައިވާ ޙުކުމްތަކާއި ޞިފަތަކުން ދޭހަކޮށްދެނީ މައްކާގެ ހައިބަތާއި މަތިވެރި މަޤާމެވެ. މިފަދަ ބައެއް ކަންކަމަކީ:

1. ޙުރުމަތްތެރި ކުރެވިގެންވުން

ﷲ ތަޢާލާވަނީ މައްކާއަކީ ޙަރަމެއްކަމުގައިލައްވަވާ މާތްކުރައްވައިފައެވެ. މިކަން ބަޔާންކުރައްވާ ސޫރަތުއް ނަމްލްގައި މާތް ﷲ ވަހީކުރައްވައިފައިވަނީ

إِنَّمَا أُمِرْتُ أَنْ أَعْبُدَ رَبَّ هَـٰذِهِ الْبَلْدَةِ الَّذِي حَرَّمَهَا وَلَهُ كُلُّ شَيْءٍ ۖ وَأُمِرْتُ أَنْ أَكُونَ مِنَ الْمُسْلِمِينَ ﴿٩١﴾

ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް أمر ކުރައްވާފައިވަނީ، މިރަށުގެ (އެބަހީ: مكة ގެ) ވެރިރަސްކަލާނގެއަށް އަޅުކަން ކުރުމަށެވެ. އެކަލާނގެއީ، އެރަށް حرمة ތެރިކުރެއްވި ރަސްކަލާނގެއެވެ. އަދި ހުރިހާ އެއްޗެއް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އަދި ތިމަންކަލޭގެފާނަށް أمر ކުރައްވާފައިވަނީ، ތިމަންކަލޭގެފާނު مسلم ންގެ ތެރެއިން ވުމަށެވެ. [27:91]

އިބުނު ޢައްބާސް ރިވާ ކުރައްވައިފައިވެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.

”ހަމަކަށަވަރުން މިރަށް ﷲ ތަޢާލާވަނީ ޙުރުމަތްތެރިކުރައްވައިފައެވެ. އެރަށުގެ ގަސްގަހާގެހި އުފުރުމާއި، އެރަށުގައި ޝިކާރަކުރުމާއި، އެރަށުން ހޮވޭ އެއްޗެހި އޭގެ ވެރިފަރާތަށް ރައްދުކުރުމަށްޓަކައި މެނުވީ ހޮވުން ވަނީ ޙަރާމް ކުރައްވައިފައެވެ.”

އެހެން ރިވާޔަތެއްގައިވެއެވެ.

”އުޑުތަކާއި ބިން ހެއްދެވި ދުވަހުއްސުރެ މިރަށް ވަނީ ﷲ ތަޢާލާ ޙުރުމަތްތެރިކުރައްވައިފައެވެ. ޤިޔާމަތް ދުވަހާއި ޖެހެންދެން އެރަށަކީ ﷲ ތަޢާލާ ގެ ޙުރުމަތުން ޙުރުމަތް ލިބިގެންވާ ޙަރަމެއްކަމުގައި ލެއްވިގެންވެއެވެ.”

އަދި އެހެން ރިވާޔަތެއްގައިވެއެވެ.

”ހަމަކަށަވަރުން މައްކާ ޙުރުމަތްތެރިކުރެއްވީ ﷲ ތަޢާލާއެވެ. އެރަށް ޙުރުމަތްތެރިކުރީ މީސްތަކުންނެއްނޫނެވެ.

ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާ މީހަކަށް އެރަށުގައި ލޭއޮހޮރުވުން ހުއްދަވެގެންނުވެއެވެ. އަދި އެރަށުގައި ޤުދުރަތީ ގޮތުން ހެދޭ ގަސްތަކުން ބައިތައް ވަކިކޮށް ކެނޑުން ހުއްދަވެގެން ނުވެއެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެރަށުގައި ހަނގުރާމަ ކުރެއްވިކަމަށްބުނެ މައްކާގައި ލޭއޮހޮރުވަން އުޅެފިނަމަ، އެމީހަކަށް ބުނާށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް އެކަމަށް ހުއްދަދެއްވީ ﷲ ތަޢާލާއެވެ. ތިޔަބައިމީހުންނަށް އެކަމަކަށް ހުއްދައެއްނުދެއްވައެވެ. އަދި ތިމަން ކަލޭގެފާނަށްވެސް(އެބަހީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް) އެކަމަށް އިޒުނަ ލިބުނީ ދުވަހުގެތެރެއިން ވަކި ވަޤުތުކޮޅަކަށެވެ. (އެއަށްފަހު) މިއަދު އެރަށުގެ ޙުރުމަތް، ކުރިން އޮތްގޮތަށް ރުޖޫޢަވެއްޖެއެވެ. މިތަނަށް ހާޒިރުވެތިބި އެންމެން މި ޚަބަރު ހާޒިރުނުވެ ތިބިމީހުންނަށް ފޯރުކޮށްދޭށެވެ.”

އިސްވެ މިދެންނެވުނު ޙުރުމަތް އެކުލެވިގެންވަނީ ތިރީގައިމިވާ ކަންތައްތަކުގެ މައްޗަށެވެ.

1. މައްކާގައި ޝިކާރަކުރުމާއި، އެރަށުގައި އުޅޭ ދޫނިސޫފާސޫތްޕާއި، ޖަނަވާރުމެރުން
2. އެ ރަށުގައި ޤުދުރަތީގޮތުން ހެދޭ ގަސްގަހާގެއްސާއި، ފަޅާ ވިނައާއި، އުފެދޭ ވެޔޮ ފަދަ އެއްޗެހި ބުރިކުރުން އަދި ކެނޑުން
3. އެ ރަށުން ހޮވޭ އެއްޗެހި އޭގެ ވެރިފަރާތަށް ރައްދުކުރުމަށްޓަކައި މެނުވީ ހޮވުން
4. ކޮންމެހެން އުފުލަންޖެހިގެން މެނުވީ އެރަށުގައި ހަތިޔާރު އުފުލުން

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.

”ތިޔަބައިމީހުންކުރެ އެކަކަށްވެސް މައްކާގައި ހަތިޔާރުއުފުލުން ހުއްދަވެގެންނުވެއެވެ.”

5. ކާފަރުން އެރަށަށް ވަނުން

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! މުޝްރިކުންނަކީ ނަޖިސްބަޔެއްކަން ކަށަވެރެވެ. ފަހެ، މިއަހަރަށްފަހު، ޙުރުމަތްތެރިވެގެންވާ މިސްކިތާއި އެއުރެން، ކައިރިވިޔަ ނުދޭ ހުށިކަމެވެ!

(ސޫރަތުއް ތައުބާ 28)

6. ޙައްގަކާއިނުލާ އެރަށުގައި ހަނގުރާމަ ކުރުމާއި ލޭއޮހޮރުވުން

2. އަމާންތަނެއްކަމުގައި ލެއްވުން

މާތް ﷲ ވަނީ މައްކާއަކީ އަމާންކަން ލިބިގެންވާ ރަށުގެ ގޮތުގައި ސިފަކޮށްފައެވެ.

ސޫރަތުއް ތީން ފުރަތަމަ ތިން އާޔަތުގައި މާތް ﷲ ވަހީ ކުރައްވައިފައިވެއެވެ.

وَالتِّينِ وَالزَّيْتُونِ ﴿١﴾ وَطُورِ سِينِينَ ﴿٢﴾ وَهَـٰذَا الْبَلَدِ الْأَمِينِ

”ވައްތީންޏާއި ޒައިތޫނި ގަންދެއްވަމެވެ. އަދި ތޫރުސީނާ ގަންދެއްވަމެވެ. އަދި އަމާންކަން ލިބިގެންވާ މިރަށް ގަންދެއްވަމެވެ.”

އަދިވެސް ﷲ ތަޢާލާ ވަހީކުރައްވައިފައިވެއެވެ.

أَوَلَمْ يَرَوْا أَنَّا جَعَلْنَا حَرَمًا آمِنًا وَيُتَخَطَّفُ النَّاسُ مِنْ حَوْلِهِمْ ۚ أَفَبِالْبَاطِلِ يُؤْمِنُونَ وَبِنِعْمَةِ اللَّـهِ يَكْفُرُونَ ﴿٦٧﴾

”ހަމަކަށަވަރުން އަމާންކަންލިބިގެންވާ ހަރަމެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވިކަން ނޭނގެނީހެއެޔެވެ؟ އެއީ އެއުރެން ވަށައިގެން އެކަކު އަނެކަކު މަރައި އަޅުވެތިކޮށް އުޅުނުތަނެވެ. (މިކަން މިހެން އޮތުމާއެކުވެސް) އެއުރެން ބާތިލަށް އީމާންވެ ﷲ ހގެ ނިޢުމަތަށް ކާފިރުވަނި ހެއްޔެވެ؟” އަލް ޢަންކަބޫތު 67

أَوَلَمْ نُمَكِّن لَّهُمْ حَرَمًا آمِنًا يُجْبَىٰ إِلَيْهِ ثَمَرَاتُ كُلِّ شَيْءٍ رِّزْقًا مِّن لَّدُنَّا وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ﴿٥٧﴾

”އަމާންކަން ލިބިގެންވާ ހަރަމެއްކަމުގައި ތިމަން ރަސްކަލާނގެ އެއުރެންނަށްޓަކައި ނުލައްވަންހެއްޔެވެ؟ އެތަނަށް ތިމަންރަސްކަލާނގެ ހަޟްރަތުން ލިބެނިވި ރިޒުޤެއް ގޮތުގައި ހުރިހާ ބާވަތެއްގެ މޭވާ ގެނެވެއެވެ. އެހެނެއްކަމަކު އެއުރެންކުރެ ގިނަ މީހުން އެކަމެއް ނުދަނެތެވެ.”އަލްޤިޞަސް57

وَإِذْ قَالَ إِبْرَاهِيمُ رَبِّ اجْعَلْ هَـٰذَا الْبَلَدَ آمِنًا وَاجْنُبْنِي وَبَنِيَّ أَن نَّعْبُدَ الْأَصْنَامَ ﴿٣٥﴾

”އިބްރާހިމްގެފާނު ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އަޅުގެ ވެރި ރަސްކަލާކޮ! މިރަށަކީ އަމާންވެގެންވާ ރަށެއްކަމުގައި ލައްވާނދޭވެ! އަދި އަޅާއާއި، އަޅުގެ ދަރިން ބުދަށް އަޅުކަންކުރުމުން ދުރުކުރައްވާނދޭވެ!” އިބްރާހިމް 35

މައްކާއަކީ އަމާންކަމުގެ ރަށްކަމުގައި ވީހިނދު އެރަށުގައި ދިރިއުޅޭއެންމެނަށް އަމާންކަން ހޯދައިދޭންޖެހެއެވެ. އެރަށުގެ މީހުން ބިރުގެންނެވުމާއި،

އެމީހުން ކަންބޮޑުވާފަދަ ކަންކަންކުރުން ހުއްދަވެގެންނުވެއެވެ. މީގެ މާނައަކީ އެރަށުގައި ޤިޞާޞް ހިފަންޖެހޭ މުޖުރިމުންގެ ކިބައިން ޤިޞާޞް ނުހިފޭނެ ވާހަކައެއް ނޫނެވެ. އަދި ޢަދާވާތްތެރިވެ ޙައްދުފަހަނައަޅައިދާ މީހުންނާ ހަނގުރާމަނުކުރެވޭނެ ވާހަކައެއްވެސް ނޫނެވެ.

އަދި ކިއެއްތަ، ޙަރަމްގެ ޙުދޫދުތެރޭގައިވިޔަސް ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ މީހުންނަށް އެ ޙުކުމްތައް ޤާއިމުކުރެވޭނެއެވެ.

އިބުނި ޚަޠަލް ގެފުޅުގެ އުރަކޮޅުގައި ހިފައިގެންއޮއްވާ ޤަތުލުކުރަން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެންގެވީ މިހެންވެއެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

”އަދި ޙުރުމަތްތެރިވެގެންވާ މިސްކިތުގައި އެބައިމީހުން ތިޔަބައިމީހުންނާ ހަނގުރާމަ ކޮށްފުމަށްދާންދެން ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަ ނުކުރާށެވެ.” ބަޤަރާ 191

3. ރިޒުޤްގައި ބަރަކާތްލެއްވިގެންވުން

ﷲ ތަޢާލާވަނީ މައްކާއަކީ ބަރަކާތްތެރި ތަނެއްގެ ގޮތުގައި ލައްވައިފައެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުން އެރަށަށް ރިޒުޤު އަންނާނެގޮތް މިންވަރުކުރެއްވިއެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

وَإِذْ قَالَ إِبْرَاهِيمُ رَبِّ اجْعَلْ هَـٰذَا بَلَدًا آمِنًا وَارْزُقْ أَهْلَهُ مِنَ الثَّمَرَاتِ مَنْ آمَنَ مِنْهُم بِاللَّـهِ وَالْيَوْمِ الْآخِرِ ۖ قَالَ وَمَن كَفَرَ فَأُمَتِّعُهُ قَلِيلًا ثُمَّ أَضْطَرُّهُ إِلَىٰ عَذَابِ النَّارِ ۖ وَبِئْسَ الْمَصِيرُ ﴿١٢٦﴾

”އަދި އިބްރާހިމްގެފާނު ދުޢާކުރައްވައި ވިދާޅުވިހިނދު ހަނދުމަކުރައްވާށެވެ. އަޅުގެ ވެރި ރަސްކަލާކޯއެވެ! މިރަށަކީ އަމާންކަން ލިބިގެންވާ ރަށެއްކަމުގައި ލައްވައިފާނދޭވެ! އަދި އެރަށުގެ އަހުލުވެރިންކުރެ ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވިމީހުންނަށް މޭވާތަކުން ރިޒުޤު ދެއްވާފާނދޭވެ!” ބަޤަރާ 126

އަދި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿ إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكًا وَهُدًى لِّلْعَالَمِين ﴾].

”ހަމަކަށަވަރުން މީސްތަކުންނަށްޓަކައި ފުރަތަމަ ލެއްވި (އަޅުކަމުގެ) ގެޔަކީ މައްކާގައިވާ ގެފުޅުކަން ކަށަވަރެވެ. ބަރަކާތްލައްވާފައިވާ ތަނެއްގެ ގޮތުގައެވެ. އަދި ޢާލަމްތަކަށް ތެދުމަގެއް ކަމުގައެވެ.” އާލް ޢިމްރާން 96

އިބުރާހީމްގެފާނުވަނީ މައްކާގައާއި އެރަށުގައި އުޅޭ އެންމެންގެ ރިޒުޤުގައި ބަރަކާތްލެއްވުމަށް އެދި ދުޢާކުރައްވައިފައެވެ.

ހަމަމިބީދައިން މައްކާގެ ޙަރަމް ގެ ޙުދޫދުތެރޭގައި އިންސާނުންނަށް އުނދަގޫދޭ ސޫފާސޫފި މެރުން ހުއްދައީވެސް މިހެންވެއެވެ.

ޢައިޝަތުގެފާނު ރިވާ ކުރައްވައިފައިވެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.

ސޫފާސޫފީގެ ތެރެއިން ފަހެތިވަނީ ފާސިޤު މަޚްލޫޤުންގެ ތެރެއިންނެވެ. އެއެއްޗެހި ޙަރަމްގެތެރޭގައިވެސް މަރާލެވޭނެއެވެ.

އެއީ: ކާޅު، ވަލު ބާޒާއި،މޮޔަ ކުއްތާ، ނަގުލަންދާށި، މީދާ، ކުއްތާ އެވެ.

ހަމަމިފަދައިން ހަރުފަ އަދި ހޯނުފަދަ ދިރޭތަކެތި ހިމެނެއެވެ.

5. މީސްތަކުންގެ ހިތްތައް މައްކާއަށް ޝައުޤުވެރިވެ ލެނބިފައިވުން

ﷲ ތަޢާލާވަނީ މީސްތަކުންގެ ހިތްތަކުގައި މައްކާއާއިމެދު ޚާއްސަ ޝައުޤުވެރިކަމެއްލައްވައިފައެވެ. އުނިވުމެއް ފޫހިވުމެއް ނެތް ޝައުޤުވެރިކަމެކެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

وَإِذْ جَعَلْنَا الْبَيْتَ مَثَابَةً لِّلنَّاسِ وَأَمْنًا وَاتَّخِذُوا مِن مَّقَامِ إِبْرَاهِيمَ مُصَلًّى ۖ وَعَهِدْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ أَن طَهِّرَا بَيْتِيَ لِلطَّائِفِينَ وَالْعَاكِفِينَ وَالرُّكَّعِ السُّجُودِ ﴿١٢٥﴾

”އަދި ޘަވާބުލިބުމުގެ ތަނެއްކަމުގައްޔާއި، އަމާންކަން ލިބިގެންވާ ތަނެއްކަމުގައި މީސްތަކުންނަށްޓަކައި ތިމަންރަސްކަލާނގެ ކަޢުބަތުﷲ ގެފުޅުލެއްވިހިނދު ހަނދުމަކުރާށެވެ.” ބަޤަރާ 125

މައްކާއިން ނުކުންނަ ކޮންމެފަހަރަކު، މައްކާއަށް އެނބުރިއައުމަށް ނަފުސުތައް ބޭނުންވެއެވެ.

ﷲ ތަޢާލާ އިބްރާހިމްގެފާނާޢި ބެހޭގޮތުން ވަޙީކުރެއްވިއެވެ.

رَّبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ فَاجْعَلْ أَفْئِدَةً مِّنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُم مِّنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ ﴿٣٧﴾

”އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން އަޅުގެ ދަރިންކުރެ ބަޔަކު، ގަހެއް ރުކެއްނެތް ވާދީއެއްގައި، ހުރުމަތްތެރިކުރައްވާފައިވާ އިނބަރަސްކަލާނގެ ގެފުޅުގެ އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އެއުރެން ނަމާދު ޤާއިމުކޮށް އުޅުމަށްޓަކައެވެ. ފަހެ މީސްތަކުންކުރެ ބަޔެއްގެ ހިތްތައް އެއުރެންގެ ފަރާތަށް ލަންބަވާފާނދޭވެ! އަދި މޭވާތަކުން އެއުރެންނަށް ރިޒުޤު ދެއްވާންދޭވެ! އެއީ އެއުރެން ޝުކުރުވެރިވުމަށްޓަކައެވެ.” އިބްރާހިމް 37

5. މައްކާގައި ކުރާ ފާފައިގެ ޢަޒާބުބޮޑުވެގެންވުން އަދި އުރެދުމަކަށް އަރައިގަތުމަށް ހަމައެކަނި ނިޔަތް ގަނެފިމީހާއަށްވެސް ބޮޑު ވަޢީދު އައިސްފައިވުން

މައްކާގައިހުރެ އުރެދުމަކަށް އަރައިގަތުމަށް ބޭނުންވެ އެކަމަށް ހަމައެކަނި ނިޔަތްގަނެފި މީހާއަށްވެސް ﷲ ތަޢާލާވަނީ ބޮޑުވެގެންވާ ވަޢީދަކުން ވަޢީދުބަސްފުޅު ވަޙީކުރައްވައިފައެވެ.

إِنَّ الَّذِينَ كَفَرُوا وَيَصُدُّونَ عَن سَبِيلِ اللَّـهِ وَالْمَسْجِدِ الْحَرَامِ الَّذِي جَعَلْنَاهُ لِلنَّاسِ سَوَاءً الْعَاكِفُ فِيهِ وَالْبَادِ ۚ وَمَن يُرِدْ فِيهِ بِإِلْحَادٍ بِظُلْمٍ نُّذِقْهُ مِنْ عَذَابٍ أَلِيمٍ ﴿٢٥﴾

”ހަމަކަށަވަރުން ކާފިރުވެ ﷲގެމަގުން މީސްތަކުން އެއްކިބާކުރާ މީހުންނާއި، އަދި އެތާނަގައި ޤާއިމުވެހުންނަ މީހާއާއި، ބޭރުން އަންނަމީހާއާއި ހަމަހަމަވާގޮތުން، މިސްތަކުންނަށްޓަކައި ތިމަންރަސްކަލާނގެ ލެއްވި މަސްޖިދުލް ޙަރާމްއިން މީސްތަކުން އެއްކިބާކުރާ މީހުންނާއި، އަދި އެތާނގައި އަނިޔާވެރިކަމާއެކު،ދީނާއި ޚިލާފުގޮތްތައް އުފައްދަން އުޅޭމީހާއަށް ތިމަންރަސްކަލާނގެ ވޭންދެނިވި އަޒާބު ދެއްވާ ހުށީމެވެ.” ސޫރަތުލް ޙައްޖު 25

މި އާޔަތުގައި މިވާ އިލްޙާދުގެ މާނައިގެ ތެރެއަށް އެންމެހާ ފާފަތަކާއި އުރެދުންތައް ވަންނާނެކަމުގައި ތަފްސީރު ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

ނިކަން ވިސްނަވާށެވެ. މައްކާގައިހުރެ އުރެދުމަކަށް އަރައިގަތުމަށް ބޭނުންވެ އެކަމަށް ހަމައެކަނި ނިޔަތްގަނެފި މީހާއަށްވެސް ﷲ ތަޢާލާވަނީ ބޮޑުވެގެންވާ ވަޢީދަކުން ވަޢީދުބަސްފުޅު ވަޙީކުރައްވައިފައިވާއިރު، އެފަދަ ފާފަތަކަށް އަރައިގަންނަ މީހާގެ ޙާލަކީ ފަހެ ކޮބައިތޯއެވެ؟

މިކަމުން އަޅުގަނޑުމެންނަށް ދޭހަވަނީ މައްކާގައި ޝިރުކާއި ބިދުޢައިގެ ޢަމަލުތައްކުރުމުގެ ނުބައިކަމެވެ. އަދި ހަމަމިފަދައިން ފާފައިގެ އެންމެހައި ވައްތަރުތަކަށް އަރައިގަތުމުގެ ނުބައިކަމެވެ. މިފަދަ ފާފަތަކުގެ ތެރޭގައި ޙައްޤަކާޢިނުލާ މީހުން މެރުން، ޒިނޭކުރުން، ލިވާޠުކުރުން، ރިބާގެ މުޢާމަލާތްތައްކުރުން، ރާބުއިން، ވައްކަންކުރުން، ދޮގުހެދުން، ފާޙިޝް ޢަމަލުތައްކުރުން، އަނިޔާވެރިވުން އަދިވެސް މިފަދަ ފާފަތައް ހިމެނެއެވެ.

އިބުނު ޢައްބާސް ރިވާ ކުރައްވައިފައިވެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.

أبغض الناس إلى الله ثلاثة:

– ملحد في الحرم
– و مبتغ في الإسلام سنة جاهلية
– و مطلب دم امرئ بغير حق ليريق دمه

”ޤިޔާމަތްދުވަހުގައި މާތްﷲ އެންމެބޮޑަށް ކޯފާވެ ވޮޑިގަންނަވާނެ ތިން މީހުންނަކީ:

ޙަރަމްގެ ޙުދޫދުގެ ތެރޭގައި ފާފަކުރާ މީހުން، އިސްލާމީ މުޖުތަމަޢުތަކުގައި ޖާހިލިއްޔަތުގެ އާދަތައް ފަތުރަން ބެނުންވާ މީހުން،

އަދި ޙައްޤަކާއިނުލާ އެހެން މީހެއްގެ ލޭ އޮހޮރުވާލި މީހާއެވެ.” رواه البخاري

މައްކާގައި ކުރާ ފާފަތަކަށް ލިބޭ އަޒާބު ބޮޑުވެގެންވަނީ އެ ފާފަތައް އެކުރެވެނީ ކަޢުބަތުﷲ ގެފުޅާއި ކައިރީގައި މަސްޖިދުލް ޙަރާމްގައި ކަމުގައިވާތީއެވެ. މިކަމުން ދޭހަކޮށްދެނީ އެފަދަ ފާފަތައްކުރާ މީހާ، ﷲ ތަޢާލާގެ ޝިޢާރުފުޅުތަކަށް ޙުރުމަތްތެރިކޮށް ނުހިތާކަމެވެ.އަދި މައްކާގެ ޙުރުމަތްކެނޑުމަށް ބިރުވެތިނުވާކަމެވެ.

7. ﷲ ތަޢާލާގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ބިމަކީ މައްކާކަމުގައިވުން

މައްކާއަކީ އެންމެ ހެޔޮވެގެންވާ ބިމެވެ. އަދި ﷲ ތަޢާލާގެ ހަޒުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ބިމެވެ.

ޢަބްދުއްﷲ ބުނި ޢަދިއްޔު ރިވާ ކުރައްވައިފައިވެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މައްކާގެ ޙަޒްވަރަތުއޭ ކިޔުނު ބިމުގައި ކޮޅަށް ހުއްޓިވަޑައިގެން ހުންނަވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.

“وَاللَّهِ إِنَّكِ لَخَيْرُ أَرْضِ اللهِ، وَأَحَبُّ أَرْضِ اللهِ إِلَى اللهِ، وَلَوْلَا أَنِّي أُخْرِجْتُ مِنْكِ مَا خَرَجْتُ”

روى الترمذي في سننه
”ﷲ ގަންދީ ބުނަމެވެ. ތިބާއީ ﷲ ތަޢާލާގެ ބިންތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ ބިމެވެ. އަދި ﷲ ތަޢާލާގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ބިމެވެ. ތިމަންކަލޭގެފާނު ތިބިމުން ނުނެރެލެވުނުނަމަ، ތިބިމުން ނުނުކުތީމުހެވެ.”

އިބުނު ޢައްބާސް ރިވާ ކުރައްވައިފައިވެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.

”ތިބިމަށްވުރެ ތިމަންކަލޭގެފާނަށް ކަމުދާ، އަދި ލޮބުވެތިކަންބޮޑުވެގެންވާ އެހެން ބިމެއް ނުވެއެވެ. ތިރަށުގެ އަހުލުވެރިން (އެބަހީ މައްކާގެ މުޝްރިކުން) ތިމަންކަލޭގެފާނު ނުނެރެލިނަމަ، ތިނޫން އެހެން ބިމެއްގައި ތިމަންކަލޭގެފާނު ދިރިނޫޅުނީމުހެވެ.”روى الترمذي

8. ދައްޖާލުގެ ކިބައިން މައްކާ ރައްކާތެރިވެފައިވުން

މައްކާވަނީ ދައްޖާލުގެ ކިބައިން ރައްކާތެރިކުރެވިފައެވެ. ދައްޖާލަކަށް މައްކާއަކަށް ނޭރޭނެއެވެ.

އަނަސް ބުނު މާލިކު ރިވާ ކުރައްވައިފައިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.

”މައްކާއާއި މަދީނާ ފިޔަވައި އެހެން ހުރިހާ ރަށަކަށް ދައްޖާލުއަރާނެއެވެ.” رواه البخاري

9. މައްކާގައި ކުރާ ނަމާދަށް ލިބޭ ސަވާބު އެއް ލައްކަ ގުނަ އިތުރުވެގެންވުން

މައްކާގައި ކުރާ ނަމާދަށް ލިބޭ ސަވާބު އެތައް ގުނައެއް އިތުރުވެގެންވެއެވެ.

ޖާބިރުގެފާނު ރިވާ ކުރައްވައިފައިވެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.

صَلَاةٌ فِي مَسْجِدِي هَذَا أَفْضَلُ مِنْ أَلْفِ صَلَاةٍ فِيمَا سِوَاهُ إِلَّا الْمَسْجِدَ الْحَرَامَ، وَصَلَاةٌ فِي الْمَسْجِدِ الْحَرَامِ أَفْضَلُ مِنْ مِئَةِ أَلْفِ صَلَاةٍ

”ތިމަންކަލޭގެފާނުގެ މިމިސްކިތުގައި ކުރާ ނަމާދުގެ ސަވާބު އެނޫން އެހެން މިސްކިތްތަކުގައި ކުރާ ނަމާދަށްވުރެ އެއްހާސް ގުނަ އިތުރުވެގެންވެއެވެ. މަސްޖިދުލްޙަރާމް ފިޔަވައެވެ. މަސްޖިދުލް ޙަރާމް ގައި ކުރާ ނަމާދުގެ ސަވާބު އެނޫން އެހެން މިސްކިތްތަކުގައި ކުރާ ނަމާދަށްވުރެ އެއްލައްކަ ގުނަ އިތުރުވެގެންވެއެވެ.”

ނޯޓް: އިލްމު.އެމްވީ