Last Updated: July 14, 22:13
Sunday, July 14, 2024
ރިޕޯޓް

މިއީ އަހަރަކު އެންމެ ދުވަހަކު ހުޅުވާ މިސްކިތެއް!

އަހަރަކު އެންމެ ދުވަހަކު ހުޅުވާ މިސްކިތެއް ސަޢުދީ ޢަރަބިއްޔާގައި ހުންނަކަން އެނގޭ ހެއްޔެވެ؟ އެއީ ނަމިރާ މިސްކިތެވެ. މައްކާގެ އެންމެ ފާހަގަކޮށްލެވޭ މަޢާލިމްތަކުގެ ތެރޭގައި މަސްޖިދުއްނަމިރާ ހިމެނެ އެވެ. އަދި މިއީ ސައުދީގެ އެންމެ ބޮޑު ތިން މިސްކިތުގެ ތެރެއިން އެއް މިސްކިތެވެ.

މަސްޖިދުއްނަމިރާއާ ޙައްޖުގެ އަޅުކަމާ ވެސް ޚާއްސަ ގުޅުމެއްވެ އެވެ.

މަސްޖިދުއްނަމިރާ ހުންނަނީ ޢަރަފާތުބިމުގެ ހުޅަނގު ފަރާތުގަ އެވެ. މި މިސްކިތަށް މަސްޖިދު އިބްރާހީމް އަލްޚަލީލްއޭ ވެސް ކިޔަ އެވެ. އިބްރާހީމް عليه السلام މި މިސްކިތްހުރި ސަރަޙައްދުގައި ނަމާދުކުރެއްވިކަމުގައި ތާރީޚީ ރިވާޔަތްތަކުގައި އައިސްފައިވެ އެވެ. ޢަރަފާތު ދުވަހު ގިނަ ޢަދަދެއްގެ ޙައްޖުވެރިން މި މިސްކިތުގައި މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޖަމްޢުކޮށް ޤަޞްރުކުރެ އެވެ. މިއީ އިސްލާމީ ތާރީޚުގެ އެންމެ ޤަދީމީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ މިސްކިތެކެވެ.

މި މިސްކިތާއި މައްކާއާ ދޭތެރޭ ހުންނަނީ 21 ކިލޯމީޓަރެވެ. ހިޖުރީ ސަނަތުން 1400 ގެ ކުރީކޮޅުން ފެށިގެން މި މިސްކިތުގެ ސައިޒު އިތުރަށް ބޮޑުކުރުމުގެ ގިނަ މަޝްރޫޢުތަކެއް ވަނީ ހިންގިފަ އެވެ.

ޖޫން މަހުގެ 27، 2023 ވަނަ ދުވަހު ކުރެއްވި ފޭސްބުކު ޕޯސްޓެއްގައި ޝައިޚް ނާޒިލް ވިދާޅުވެފައިވެ އެވެ.

"ނަބިއްޔާ صلى الله عليه وسلم ޙައްޖުދުވަހުގެ ޚުޠުބާ ދެއްވަން ހުންނެވީ ވާދީ ނަމިރާގަ އެވެ. އެއީ ޢަރަފާތުގެ ބޭރެވެ. އެކަލޭގެފާނު ޢަރަފާތު ތެރެއަށް ވެދެވަޑައިގެންނެވީ މެންދުރާއި ޢަޞުރު ޢަރަފާތުން ބޭރުގައި ކުރައްވައި ޚުޠުބާ ދެއްވުމަށްފަހުއެވެ.
މިހާރުވެސް ނަމިރާ މިސްކިތުގައި ޚުޠުބާ ދެއްވާ އިމާމު ހުންނަވަނީ ޢަރަފާތުން ބޭރުގައެވެ.

ނަމިރާ މިސްކިތުގެ ޤިބުލައާ ދިމާއިން ވާތުން ކަނާއަތަށް ބޮޑުވާ ގޮތަށް ޢިމާރާތްކޮށްފައިވަނީ ޢަރަފާތުން ބޭރުގަ އެވެ. ޢަރަފާތުން ބޭރުގައިވާ ބައި ފާހަގަވާ ގޮތަށް މިސްކިތުގެ ތެރޭގައި ފެހި އަލިން ދިއްލައި އަދި ބޯޑުތައް ވެސް ޖަހާފައި ހުރެއެވެ."

މިސްކިތާ ގުޅޭ މުހިއްމު ބައެއް ކަންކަން:

* އިރުމަތިިން ހުޅަނގަށް: 340 މީޓަރު
* ފުޅާމިން (އުތުރުން ދެކުނަށް): 240 މީޓަރު
* މިސްކިތުގެ ޖާގަ: 400،000

މައުލޫމާތު: އިލްމު.އެމްވީ