Last Updated: July 14, 22:13
Sunday, July 14, 2024
ކުޅިވަރު

ޕޯޗުގަލް ކަޓުވާލައި ފްރާންސް ޔޫރޯގެ ސެމީ އަށް

ޕެނަލްޓީ ޖަހައިގެން 3-5 އިން ޕޯޗުގަލް ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް ފްރާންސް ދަތުރުކޮށްފި އެވެ.

ސެމީގައި ފްރާންސް ކުޅޭނީ ސްޕެއިނާ ދެކޮޅަށެވެ. ސްޕެއިން ސެމީ އަށް ދިޔައީ ޖަރުމަނު ކަޓުވާލުމަށްފަހު އެވެ.

ޖަރުމަނުގެ ހެމްބާގްގައި މިރޭ ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން ވެސް ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް ދެ ޓީމަށް ވެސް ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެ އެވެ.

އެގޮތުން މި މެޗުގައި ފްރާންސް ޓީމަށް އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބުނީ އެޓީމުގެ ފޯވާޑް ކޯލޯ މުއާނީ އާއި އެޑުއާޑޯ ކަމަވިންގާ އަށެވެ. މުއާނީ ހުހަށް ހުރެ ފޮނުވާލި ހަމަލާ ޕޯޗުގަލްގެ ޑިފެންޑަރު ރުބެން ޑިއާސް ދިފާއުކުރިއިރު، ކަމަވިންގާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ނޫނޯ މެންޑޭސް އަށް މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލީޑު ނަގަން ރަނުގެ ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ.

އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން ވެސް ނަތީޖާއެއް ނުނެރެވުމުން ދެން ދިޔައީ ޕެނަލްޓީޝޫޓްއައުޓަށެވެ. ޕެނަލްޓީގައި ޕޯޗުގަލް ބަލިވީ ޖައޯ ފެލިކްސް ޖެހި ޕެނަލްޓީ ނާކާމިޔާބުވުމުންނެވެ. ފެލިކްސްގެ ޕެނަލްޓީ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. ފްރާންސުން މެޗު ކާމިޔާބު ކުރީ ތިއޯ ހެނާންޑޭޒް ޖެހި ޕެނަލްޓީ ވައްދާލައިގެންނެވެ.