Last Updated: July 14, 22:13
Sunday, July 14, 2024
ދުނިޔެ

ޔޫކޭ އަށް އަލަށް އަންހެން ފިނޭންސް މިނިސްޓަރެއް

އިނގިރޭސިވިލާތުގެ ސިޔާސީ ދިގު ތާރީހުގައި އެ ގައުމުން ފުރަތަމަ ފަހަރަށް އަންހެން އެކްސްޗެކްއާ ޗާންސެލަރަކު ނުވަތަ ފިނޭންސް މިނިސްޓަރަކު އައްޔަންކޮށްފި އެވެ.

މި ތާރީހީ ބޮޑު ބަދަލު މި ގެނެސްދިނީ 10 އަހަރު ފަހުން ލޭބާ ޕާޓީން ގައުމުގެ އާންމު އިންތިހާބު ކާމިޔާބުކޮށް، ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ކެޔާ ސްޓާމާ އިއްޔެ އެކުލަވައިލި އާ ސަރުކާރުގަ އެވެ. އެގޮތުން ފިނޭންސް މިނިސްޓަރަކަށް އައްޔަންކުރީ ރެޗެލްް ރީވްސްއާ އެވެ. މިއާ އެކީ އޭނަ އަށް މި ވަނީ އިނގިރޭސިވިލާތުގެ ތާރީހުން ހާއްސަ މަގާމަކާއި ޝަރަފެއް ލިބިފަ އެވެ.

އުމުރުން 45 އަހަރުގެ ރެޗެލް އަކީ 2010 އިން ފެށިގެން އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިސް، ހައުސް ކޮމަންސްގެ ވެސް މެންބަރެކެވެ. އޭނަ އެ ގައުމުގެ މަރުކަޒީ ބޭންކް، ބޭންކް އޮފް އިންގްލޭންޑްގެ އިކޮނޮމިސްޓެއްގެ މަގާމު ވެސް އަދާކުރައްވާފައިވެ އެވެ.

އާ ސަރުކާރުން ލިބުނު ތާރީހީ ޝަރަފާ ގުޅިގެން ރެޗެލް ވިދާޅުވީ އިނގިރޭސިވިލާތުގެ ފުރަތަމަ އަންހެން ފިނޭންސް މިނިސްޓަރުކަން ލިބުމަކީ ވަރަރް ބޮޑު ޒިންމާއެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ކޮނޑގައި އެޅުނު ޒިންމާ ވަރަށް ފުރިހަމަ އަށް އަދާކުރައްވަން މަަސައްކަތް ކުރައްވާނެ ކަމަށެވެ.

ދެ ކުދިންގެ މަންމަ ވިދާޅުވީ މިކަމުން ދައްކުވައި ދެނީ އަންހެނުން ބާރުވެރި ކުރަން ކުރިއަށް ވުރެ ބޮޑަށް އިނގިރޭސިވިލާތުން ދެން މަސައްކަތް ކުރާނެކަން ކަމަށެވެ. އަދި އާ ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން ދެ ޖިންސްގެ މެދުގައި ހުރި މުސާރަގެ ފަރަގު ނައްތައިލަން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމުގެ ޔަގީން ވެސް ރެޗެލް ދެއްވާފައިވެ އެވެ.