Last Updated: July 14, 22:13
Sunday, July 14, 2024
ކުޅިވަރު

ޕެނަލްޓީން މޮޅުވެ އިންގްލެންޑް ސެމީ އަށް

ޕެނަލްޓީ ޖަހައިގެން 3-5 އިން ސްވިޒަލޭންޑް ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް އިންގްލެންޑް ދަތުރުކޮށްފި އެވެ.

ސެމީގައި އިންގްލެންޑް ކުޅޭނީ ނެދަލޭންޑްސްއާ ތުރުކީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ކުރާނެ މާ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައި ނުވާއިރު، މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 75 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސްވިޒަލޭންޑުންނެވެ. އިންގްލެންޑްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން މި ގޯލު ސްވިޒަލޭންޑަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ބްރީލް އެމްބޯލޯ އެވެ.

މި ގޯލު ކާމިޔާބު ކުރިތާ ފަސް މިނެޓް ފަހުން ބުކާޔޯ ސަކާ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ އިންގްލެންޑަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ސަކާ މި ގޯލު ކާމިޔާބު ކުރީ ސްވިޒަލޭންޑްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ 90 މިނެޓްގެ ކުޅުން ނިމުނުއިރު ނަތީޖާ އެއްވަރުވެފައި އޮތުމުން ދެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާއެއް ނުނެރެވުމުން ދެން ދިޔައީ ޕެނަލްޓީޝޫޓްއައުޓަށެވެ. ޕެނަލްޓީގައި ސްވިޒަލޭންޑް ބަލިވީ މަނުއަލް އަކަންޖީ ޖެހި ޕެނަލްޓީ ނާކާމިޔާބުވުމުންނެވެ. އަކަންޖީ ޖެހި ޕެނަލްޓީ ދިފާއުކުރީ އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް އެވެ. އިންގްލެންޑުން މެޗު ކާމިޔާބު ކުރީ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ޖެހި ޕެނަލްޓީ ވައްދާލައިގެންނެވެ.