Last Updated: July 14, 22:13
Sunday, July 14, 2024
މުނިފޫހިފިލުވުން

ފަވާދުގެ ފެނިލުމެއް "ބޫލް ބުލައްޔާ 3" ގައި

މި އަހަރުގެ ނޮވެމްބަރުގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ބޮލީވުޑްގެ ފިލްމު "ބޫލް ބުލައްޔާ 3" ގައި ޕާކިސްތާންގެ ތަރި، ފަވާދު ޚާންގެ ހާއްސަ ފެނިލުމެއް ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އޭނަ އެ ފިލްމުގައި ފެންނާނީ ބަތަލާ ވިދިއާ ބަލަންގެ ލޯބިވެރިޔާގެ ގޮތުގައި ކަމަށެވެ. ނަމަވެސް އަނީސް ބަޒްމީ ޑައިރެކްޓްކުރާ މި ހޮރޯ-ކޮމެޑީގައި ފަވާދު ހިމެނޭނެ ކަމެއް ފިލްމުގެ ޓީމުން އަދި ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.

ލީޑް ކާސްޓްގައި ކާތިކް އާރިއަނާއި ޓްރިޕްރީ ދިމްރީ ހިމެނޭ "ބޫލް ބުލައްޔާ 3" އިން ފަވާދު ފެންނާނެކަމުގެ ވާހަކަތަކެއް ދެކެވެން މި ފެށީ 8 އަހަރު ފަހުން އޭނަ ބޮލީވުޑަށް އެނބުރި އަންނަން އުޅޭ ކަމަށް މިދިޔަ ހަފުތާގައި ދެކެވެން ފެށި ވާހަކަތަކާ އެކީގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ބޮލީވުޑްގެ ބަތަލާ ވާނީ ކަޕޫރާ އެކީ ކުޅޭ ފިލްމެއްގެ މަސައްކަތް ވަރަށް އަވަހަށް ފަވާދު ލަންޑަނުގައި ފަށާނެ އެވެ.

ފަވާދު ކުރިން ބޮލީވުޑްގެ ތިން ފިލްމެއް ކުޅުނެވެ. އެއީ ސޯނަމް ކަޕޫރްގެ 2014 ގެ"ޚޫބުސޫރަތު" އާއި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ 2016 ގެ "ކަޕޫރް އެންޑް ސަންސް" އާއި އެ އަހަރުގެ "އޭ ދިލް ހެ މުޝްކިލް" އެވެ.

ފަވާދު ކަހަލަ ޕާކިސްތާންގެ ތަރިންނަށް އިންޑިއާގެ ފިލްމުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު މެދުކެނޑުނީ 2016 ގައި ޕާކިސްތާނަށް ނިސްބަތްވާ ހަތިޔާރު އެޅި ބަޔަކު ޕަތާންކޯޓްގައި އިންޑިއާ ސިފައިންނަށް ހަމަލާދީ 19 ސިފައިންގެ މީހަކު މަރައިލި މައްސަލައިގައި އުފެދުނު ކޯޅުންގަނޑާ ގުޅިގެންނެވެ.

ޕާކިސްތާންގެ އެންމެ ނުޒޫފު ގަދަ ތަރިންގެ ތެރޭގައި ހިމެނޭ ފަވާދުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "މަނީބެކް ގެރެންޓީ" އެވެ. އޭނަ ދެން އެންމެ އަވަހަށް ފެންނާނީ މި މަހުގެ 11 ގައި ޒީ5 އާއި ޒީ ޒިންދަގީ ޔޫޓިއުބް ޗެނެލުން ޕްރީމިއާކުރާ ވެބް ސީރީޒް "ބަރްޒަހު" އިންނެވެ.

ފަވާދުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ނީލޯފަރު" އާއި "އާން" ހިމެނެ އެވެ.

"ބޫލް ބުލައްޔާ 3" ރިލީޒްކުރަން ހަމަޖެހިފައި ވަނީ މި އަހަރުގެ ނޮވެމްބަރުގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މީގެ ކާސްޓްގައި މަދޫރީ ޑިކްސިޓް ވެސް ހިމެނެ އެވެ. އެކަމަކު އެކަން ވެސް އަދި ކަށަވަރެއް ނުވެ އެވެ.