Last Updated: December 13, 17:38
Friday, December 13, 2024
ރިޕޯޓް

އިސްތިޣްފާރު: ފުއްސެވުމާއި ރޯދީގެ ތަޅުދަނޑިއެއް

އިސްތިޣްފާރުކުރުމަކީ ކުރެވިފައިވާ ފާފަތައް ފުއްސެވުން އެދި ދުޢާކުރުމެވެ.
ﷲގެ ރަހުމަތުން މާޔޫސް ވުމެއް ނުވެއެވެ. އެކަލާނގެއީ ހުރިހާ ފާފައެއް ފުއްސަވާ ރަސްކަލާނގެއެވެ. އަޅުން އެކަލާނގެ ހަޟުރަތަށް ރުޖޫޢަވެ، ތައުބާވެ، ފާފަ ފުއްސެވުންއެދި އާދޭސް ދެންނެވުމަށް އެކަލާނގެ ލޯބިވެ ވޮޑިގަންނަވައެވެ. ވީމައި އެކަލާނގެ ހަޟުރަތަށް އަވަސްވާށެވެ. { قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ } الزمر 53.
މާނައަކީ: ”ނަބީކަލޭގެފާނެވެ! ކަލޭގެފާނު ވިދާޅުވާށެވެ! އޭ ތިމަން އިލާހުގެ އަޅުތަކުންކުރެ (ފާފަކުރުމުން) އެބައިމީހުންގެ ނަފްސުތަކަށް އިސްރާފުކުރި މީހުންނޭވެ! ﷲގެ ރަހުމަތުން މާޔޫސް ނުވާށެވެ! ހަމަކަށަވަރުން މާތް ﷲ ހުރިހާ ފާފައެއް ފުއްސަވައެވެ. ހަމަކަށަވަރުން އެކަލާނގެއީ ފާފަފުއްސަވާ ރަހީމްވަންތަ ރަސްކަލާނގެއެވެ.“
عن أنس رضي الله عنه قال: سمعت رسول الله (صلى الله عليه وسلم) يقول: “قال الله تعالى: يا ابن آدم إنك ما دعوتني ورجوتني غفرت لك على ما كان منك ولا أبالي، يا ابن آدم لو بلغت ذنوبك عنان السماء ثم استغفرتني غفرت لك، يا ابن آدم إنك لو أتيتني بقراب الأرض خطايا ثم لقيتني لا تشرك بي شيئاً لأتيتك بقرابها مغفرة”. (رواه الترمذي، وقال: حديث حسن صحيح)
ޙަދީޘްގެ މާނަ
މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. رسول الله (صلى الله عليه وسلم) ޙަދީޘްކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
”ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. އޭ އާދަމުގެ ދަރިޔާއެވެ. ތިބާ ތިމަން ﷲ އަށް ދުޢާކޮށް، ތިމަން ﷲ ގެ ރަޙްމަތަށް އުއްމީދުކޮށް، ފާފަފުއްސެވުން އެދޭހައި ހިނދަކު ތިމަން ﷲ ތިބާގެ ފާފަތަކާއިމެދު (ފާފަތަކުގެ ގިނަކަމާއިމެދު) ފަރުވާލެއްނުބަހައްޓަވަމެވެ. އޭ އާދަމުގެ ދަރިޔާއެވެ. ތިބާގެ ފާފަތައް އުޑުގެ ވިލާތަކާއި ހަމައަށް ފޯރިޔަސް، (އެފަދަ ޙާލަތުގައިވެސް) ތިބާ ފާފަފުއްސެވުންއެދި ދަންނަވައިފިކަމުގައިވާނަމަ، ތިމަން ﷲ ތިޞާގެ ފާފަތައް ފުއްސަވައިދެއްވާނަމެވެ. އޭ އާދަމުގެ ދަރިޔާއެވެ. ތިބާ ބިން ފުރޭހާ ފާފަތަކާއިއެކު ތިމަން ﷲ އާ ބައްދަލުކުރިޔަސް ތިބާ ތިމަންﷲއަށް ޝިރުކުނުކުރާކަމުގައިވާނަމަ، ތިމަން ﷲ ތިބާއަށް ބިންފުރޭހާ ވަރަށް ފާފަފުއްސެވުމާއިގެން ތިބާގެ ގާތަށް އަންނަހުށީމެވެ. ”

ނޯޓު: މިޙަދީޘް ގެ މަޤްސަދަކީ ފާފަކުރުމަށް ހިތްވަރުދިނުމެއްނޫނެވެ. ނަމަވެސް އިންސާނުންނަކީ ހަނދާންނެތިގެންނާއި އަދިވެސް މިފަދަ ބައެއް ސަބަބުތައް މެދުވެރިވެގެން ފާފަތައް ކުރެވޭ ބައެއް ކަމުގައިވާތީ، އެފަދަ ޙާލަތްތަކުގައި ނާއުއްމީދުނުވެ، ފާފައިން ތައުބާވެ، ދިރިއުޅުން ﷲ އެންގެވި ގޮތްމަތީ އަލުން ފެށުމަށް ހިތްވަރުދިނުމެވެ. ތައުބާގެ ޝަރުތުތަކުގެ ތެރޭގައި ކުރެވުނު ފާފައާއިމެދު ދެރަވެ ހިތާމަކޮށް، އެފާފަ އަލުން ނުކުރުމަށް ޢަޒުމުކަނޑައެޅުން ހިމެނެއެވެ. ފާފަކުރުމުގެ ނިޔަތުގައި ތައުބާވާ މީހާ އެވަނީ ބޮޑު ވެގެންވާ އުރެދުންތެރިކަމެއްގައެވެ.
ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ސުވަރުގެ އެބަޔަކަށް ލިބުން ހައްޤުވެގެންވާ ތަޤްވާވެރީންގެ ސިފަތައް ބަޔާންކުރައްވަމުން ވަޙީކުރައްވައިފައިވަނީ:
”އަދި އެއުރެންނަކީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކޮށްފިނަމަ، ނުވަތަ އެއުރެންގެ ނަފުސުތަކަށް އަނިޔާވެރިވެއްޖެނަމަ ( އެބަހީ ކިތަންމެ ކުޑަ ފާފައެއް ކޮށްފި ކަމުގައިވީނަމަވެސް) ﷲ ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުން އެދި ދުޢާކޮށް އުޅޭ މީހުންނެވެ. ﷲ ފިޔަވައި ފާފަފުއްސަވަނީ ފަހެ ކާކުހެއްޔެވެ؟ އަދި އެއުރެން ދެނެތިބި ޙާލު އެއުރެން ކުރިކުށުގެ މަތީގައި ދެމިނުތިބެއެވެ…”
آل عمران 135

فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا (10) يُرْسِلِ السَّمَاءَ عَلَيْكُمْ مِدْرَارًا (11) وَيُمْدِدْكُمْ بِأَمْوَالٍ وَبَنِينَ وَيَجْعَلْ لَكُمْ جَنَّاتٍ وَيَجْعَلْ لَكُمْ أَنْهَارًا (12)
“ފަހެ ތިމަން ކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައި މީހުން ހެއްދެވި ރަސްކަލާނގެ ޙަޟްރަތަށް އިސްތިޣްފާރުކޮށް ދަންނަވާށެވެ. ހަމަ ކަށަވަރުންވެސް އެކަލާނގެއީ ފާފަ ފުއްސަވާ ރަސްކަލާނގެއެވެ. އޭރުން އެކަލާނގެ ތިޔަބައިމީހުންނަށް އުޑުން ވާރޭ ފޮނުއްވަވާނެއެވެ. އަދި އެ ކަލާނގެ ތިޔަބައި މީހުންނަށް މުދަލާއި ދަރިން ދެއްވާނެއެވެ. އަދި ތިޔަބައި މީހުންނަށްޓަކާ ބަގީޗާތަކާއި ފެން އާރުތައް ލައްވާނެއެވެ.”
ގިނަގިނައިން އިސްތިޣްފާރުކުރުމަކީ ހިތާމަތައް ފިލާ، ހީވެސް ނުކުރާ ފަދަ ގޮތްގޮތަށް ރިޒުޤުލިބުން މެދުވެރިވާ ކަމެއްކަމުގައި ނަބަވީ އިރުޝާދުގައި އައިސްފައިވެއެވެ.
ބައެއް އިސްތިޣްފާރުތައް
أستغفر الله‎‎ وأتوب إليه
މާނަ: ޔާ ﷲ. މިއަޅާގެ ފާފަތައް ފުއްސަވާނދޭވެ. އަދި މިއަޅާ އިނބަ ﷲއަށް ތައުބާވަމެވެ.

اللَّهُمَّ لا تَدَعْ لَنَا ذَنْبًا إِلاَّ غَفَرْتَهُ
ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. އަޅަމެންނަށްޓަކައި އަޅަމެންގެ ފާފަތަކުގެ ތެރެއިން އެއްވެސް ފާފައެއް ނުފުއްސަވާ ދޫނުކުރައްވާނދޭވެ.

اللَّهُمَّ أَنْتَ رَبِّي لا إِلَهَ إِلا أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي فَإِنَّهُ لا يَغْفِرُ الذُّنُوبَ إِلا أَنْتَ

“އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ހީވެފައި އޮންނަނީ އިސްތިޣްފާރުކުރުމުގެ ހަމައެކަނި ނަތީޖާ އަކީ ފާފަތައް ފުހެވިގެންދިޔުންކަމުގައެވެ. ‘އިސްތިޣްފާރު’ މި ބަސް ނެގިފައިވަނީ ‘މިޣްފަރު’ މި ބަހުންނެވެ. މިޣްފަރު ހަނގުރާމަކުރާއިރު ބޮލުގައި އަޅާ ހެލްމެޓެވެ. މި ހެލްމެޓުން ބޯ ނިވާކޮށްދެއެވެ. އަދި ކަނޑީގެ އެތިފަހަރުތަކުން ހަނގުރާމަވެރިޔާ ހިމާޔަތްކޮށްދެއެވެ. ހެލްމެޓުން ބޯ ނިވާކޮށްދޭފަދައިން، އިސްތިޣްފާރުގެ ސަބަބުން ފާފަވެރިޔާގެ ފާފަތައް ބޭޒާރުވުމުން ރައްކާތެރިކޮށްދެއެވެ. ފާފަތައް ފޮރުވައިދެއެވެ. ހެލްމެޓުން ހަނގުރާމަވެރިޔާ ހިމާޔަތްކޮށްދޭ ފަދައިން، އިސްތިޣްފާރުކުރާ މީހާއަށް، ދުނިޔެވީ ޢަޛާބުންނާއި އުޚުރަވީ ޢަޛާބުން ޙިމާޔަތް ލިބިގެންދެއެވެ.
ޚުޝޫޢަތްތެރިކަމާއިއެކު ހިތް ޙާޟިރުކޮށްގެން އިސްތިޣްފާރު ކުރުމަށްޓަކައި، އިސްތިޣްފާރުގެ މާނައާއި އަސަރުތައް ހަނދާނުގައި ބަހައްޓައިގެން އިސްތިޣްފާރު ކުރާށެވެ.”
~فضيلة الشيخ مشري راشد الخراز – حفظه الله-

ނޯޓް: އިލްމު.އެމްވީ