Last Updated: July 15, 02:03
Sunday, July 14, 2024
މުނިފޫހިފިލުވުން

"ކަމަނާ" ގަައި ޔޫއްޕެ އަކީ ހައިދަރު

އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ކަމަނާ" ގައި އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ފިލްމުގައި ފެންނާނެ ގޮތުގެ ފަސްޓްލުކް ޕޯސްޓަރެއް ދައްކާލައިފި އެވެ.

އޭގައިވާ ގޮތުން ފިލްމުގައި އޭނަގެ ކެރެކްޓާގެ ނަމަކީ ހައިދަރު އެވެ.

އަންނަ މަހުގެ 27 ގައި އޮލިމްޕަހަށް ގެންނަން ތާވަލުކޮށްފައިވާ "ކަމަނާ" އަކީ ގެވެށިއަނިޔާގެ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހުސައިން މުނައްވަރު ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ލީޑް ތަރިންނަކީ ޔޫއްޕެ އާއި މަރިޔަމް އައްޒަގެ އިތުރުން އައިމިނަތު ރަޝްފާ (އާޝާ) އެވެ.

މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި މުހައްމަދު ރަޝީދު (ދަރާ)، ނަތާޝާ ޖަލީލު، އަހުމަދު ނިމާލު އަދި މުހައްމަދު މަނިކު ފަދަ ތަރިން ހިމެނެ އެވެ.

"ކަމަނާ" ގެ ކުރިން ޔޫއްޕެގެ އެހެން ފިލްމެއް އަންނަ މަހު އޮލިމްޕަހަށް އަންނާނެ އެވެ. އެއީ އޭނަ ލިޔެ، ޑައިރެކްޓްކޮށް މުހިއްމު ރޯލެއް ކުޅެފައިވާ ލޯބީގެ ބިރުވެރި ފިލްމު "ސާޔާ" އެވެ. އަންނަ މަހުގެ 7 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ ފިލްމުގެ ކާސްޓްގައި ވެސް އާޝާގެ އިތުރުން އިބްރާހީމް ޖިހާދު (ޖިމީ) ހިމެނެ އެވެ.

"ކަމަނާ" އަކީ ހުސައިން މުނައްވަރުގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ކިޑް ޕްރޮޑަކްޝަނާއި ޕްރޮޑިއުސަރު އަލީ ޝާނީޒް އަހުމަދުގެ ސެޓާން ސްޓޫ ގުޅިގެން ގެނެސްދޭ ފިލްމެކެވެ.