Last Updated: March 19, 12:04
Tuesday, March 19, 2024
ކޮލަމް

މެއި ދުވަހު ނެރެން ބޭނުންވާ ނަތީޖާއަކީ މޫސުން ބަހާރެކެވެ.

މިއަދަކީ މެއި މަހުގެ އެއްވަނަ ދުވަހެވެ. މިދުވަސް ގިނަބަޔަކު ދަންނަނީ
މެއި ދުވަސް ނުވަތަ މެއި ޑޭ ގެ ގޮތުގަ އެވެ. މެއި ދުވަހާއި ތާރީޚުގެ
އެއްވެސް ހާދިސާއެއް ގުޅިފައިވޭ ބާވައެވެ. ގުޅިފައިވާނަމަ އެ ގުޅުމަކީ
ކޮބައިބާވަ އެވެ.

މެއި ދުވަހަކީ އެންމެ އެވޭލާ ޒަމާނުން ފެށިގެން އުތުރު ހެމިސްފިއަރގެ
ގައުމުތަކުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މިކަން ފެށިފައި އޮތީ
ބަހާރު މޫސުމުގެ އީދު ދުވަސް ގެނައުމުގެ ގޮތުންނެވެ. އުތުރު
ހެމިސްފިއަރގައި އޮންނަނީ ހަތަރު މޫސުމެވެ. އެއީ ވިންޓަރ، ސްޕްރިންގް،
ސަމަރ އަދި އޯޓަމެވެ. ވިންޓަރ އަކީ ފިނި މޫސުމެވެ. ސަމަރ އަކީ ހޫނު
މޫސުމެވެ. މި ދެ މޫސުމުގެ ދޭތެރެއަށް އަންނަނީ ސްޕްރިންގް އެވެ. ބަހާރު
މޫސުމޭ ކިޔަނީ އެ މޫސުމަށެވެ. އޯޓަމަކީ ޚަރީފު މޫސުމެވެ. ފިނި މޫސުމުގެ
ފިންޏާއި ސުނޯގެ އާފާތްތައް ނިމި އަދި ހޫނު މޫސުމުގެ ގަދަ ހޫނު އައުމުގެ
ކުރިން އޭގެ މެދަށް އަންނަ ދުވަސް ތަކަކީ އެންމެންވެސް އެދުވަސްތަކަށް
އިންތިޒާރުކޮށްގެން ތިބޭ އެންމެ ހިތްފަސޭހަ ދުވަސްތަކެވެ. ބަހާރު މޫސުމޭ
ކިޔަނީ އެހެންވެގެންނެވެ. އަރަބި ބަހުން އެއީ ރަބީއު މޫސުމެވެ. ފާރިސީ
ބަހުންނާއި އުރުދޫ ބަހުން އެއީ ބަހާރު މޫސުމެވެ. ބަހާރު މޫސުން
ފާހަގަކުރުމުގެ ގޮތުން ގެންނަ އީދަކީ ސްޕްރިންގް ފެސްޓިވަލެވެ. އެ
ފެސްޓިވަލް އޮންނަނީ މެއި އެއްވަނަ ދުވަހު އެވެ.

އުތުރު ހެމިސްފިއަރގައި ތަފާތު އެތަކެއް ގައުމު ހިމެނެ އެވެ. ނަސްލީ
ގޮތުންނާއި ދީނީ ގޮތުންނާއި ސަގާފީ ގޮތުން ވަރަށް ތަފާތު ގައުމުތައް
ހިމެނެ އެވެ. އޭގެތެރޭގައި އޭޝިއާގެ ގިނަ ގައުމުތަކާއި މުޅި ޔޫރަޕާއި
އުތުރު އެމެރިކާގެ ގައުމުތައްވެސް ހިމެނެ އެވެ. މީގެ ހަމަކޮންމެ
ގައުމެއްގައި ކަހަލަ ގޮތަކަށް ބަހާރު މޫސުމުގެ އީދު ފާހަގަކުރެ އެވެ.
އެކަމަކު ތަފާތު ނަންނަމުގައި ތަފާތު ގޮތްގޮތަށެވެ. ނަން ތަފާތުވިޔަސް
އަދި ކުރާކަންތައް ތަފާތުވިޔަސް ގިނަ ގައުމުތަކުގައި އެ ދުވަހަކީ މެއި
އެއްވަނަ ދުވަހެވެ.

އެވޭލާ ޒަމާނުން ފެށިގެން މިކަން މިމަގުން ހިނގަމުން އަންނަނިކޮށް
ކޮމިއުނިސްޓް އަދި ސޯޝަލިސްޓް ޚިޔާލުގެ މީހުން ނަވާރަ ވަނަ ސައްތައިގެ
ފަހުކޮޅު މި ދުވަސް ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި
ފާހަގަ ކުރަން ފަށައިފި އެވެ. މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި މި
ދުވަސް ޚިޔާރު ކުރުމުގެ ސަބަބަކަށްވީ އެމެރިކާގެ ޗިކާގޯގައި 1886 ގެ މެއި
މަހުގެ ތެރޭގައި މަސައްކަތްތެރިންގެ ހައްގުގައި ހަޅުތާލުކުރި ބަޔަކު
މަރާލި ހާދިސާގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ. އެ ހާދިސާއަކީ
މަސައްކަތްތެރިންގެ ހައްގުގައި ވެވުނު ފުރަތަމަ ގުރުބާނީ ކަމަށް ގަބޫލު
ކުރެވެ އެވެ. ކޮންމެއަކަސް މަސައްކަތްތެރިންގެ ދުވަހަކީ މެއި އެއްވަނަ
ދުވަސް ކަމަށާއި އެއީ މެއި ދުވަސްކަމަށް ކަނޑައެޅީ ސެކަންޑް
އިންޓަރނޭޝަނަލްގެ ނަމުގައި ދުނިޔޭގެ ސޯޝަލިސްޓް ފިކުރާއި ލޭބަރ ފިކުރުގެ
ޕާޓީތައް ފަރަންސޭސި ވިލާތުގެ ޕެރިހުގައި 1889 ވަނަ އަހަރުގެ ޖުލައި މަހު
އެއްތަންވެ ބޭއްވި ފުރަތަމަ ކޮންގްރެހުގަ އެވެ.

މެއި ދުވަސް ދިވެހި ތާރީޚުގައި އަދި ތަފާތު ގޮތަކަށް ލިޔަން ޖެހިދާނެ
އެވެ. ދިވެހިރާއްޖޭގެ ސިޔާސީ މަލަމަތި ބަދަލުވުމުގެ ފެށުމާއި މިދުވަސް
ގުޅޭގޮތްވެސް ވެދާނެ އެވެ. ދިވެހިރާއްޖެ ދެކިފައިނުވާ ކަހަލަ ސިޔާސީ ބޮޑު
އެއްވުމަކާއި ނުރުހުމުގެ ޝުއޫރުތައް ފާޅު ކުރުމުގެ ހަޅުތާލެއް މިއަދު
ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެހެންވީމާ މިކަންތަކުގެ ތެރެއިން
ތަމްސީލުވާ ކަމަކުން ގައުމުގެ ސިޔާސީ ޗާޓު އާ ގޮތަކަށް ކުރެހޭގޮތް
މެދުވެރިވުމަކީ ވެދާނެ ކަމެކެވެ. އެހެންވެއްޖެނަމަ ރާއްޖޭގައި މެއި
ދުވަސް އެހެން ސަބަބަކާ ލައިގެން ފާހަގަކުރަން ފެށިދާނެ އެވެ. އެދުވަހަކީ
ކޮންމެހެން ޖުލައި ސައްބީހާއި ނޮވެމްބަރު އެގާރަ ފަދަ ކުލަގަދަ ތާރީޚީ
ދުވަހަކަށް ނުވިޔަސް ފެބްރުއަރީ ހަތެއް އަދި އޮގަސްޓް އެގާރަ ބާރަ ފަދަ
ކުލަ މަޑު ތާރީޚީ ދުވަހަކަށް ވެދާނެ އެވެ