Last Updated: July 14, 22:13
Sunday, July 14, 2024
މުނިފޫހިފިލުވުން

"ބާބީ" އިނީ އަލަތު ދަރިފުޅަށް ބަލިވެ

މިދިޔަ އަހަރު ރިލިޒްކުރި ހޮލީވުޑްގެ ކާމިޔާބު ފިލްމު "ބާބީ" ގެ ޓައިޓްލް ރޯލު ކުޅުނު ބަތަލާ މާގޯ ރޮބީ މިހާރު އިނީ އަލަތު ދަރިފުޅަށް ބަލިވެކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އޮސްޓްރޭލިއާ އަށް އުފަން 34 އަހަރުގެ ބަތަލާ ބަލިވިިންކަން އިޓަލީ އަށް މިހާރު ކުރަމުން އަންނަ ޗުއްޓީ ދަތުރުގެ ތެރޭގައި ވެސް ހާމަކޮށްފައިވާ ކަމަށެވެ. އެގޮތުން ބޮޑުވަމުން އަންނަ ބަނޑާ އެކީ މާގޯ ފެންނަ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ޕޯސްޓްކޮށްފައިވެ އެވެ.

މާގޯގެ ފިރިމީހާ އަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ ޕްރޮޑިއުސަރު ޓޮމް އެކަލީ، 34، އެވެ. އެ ދެ މީހުން ކައިވެނިކުރީ 2016 ގަ އެވެ. މިދިޔަ އަހަރުގެ ޖުލައިގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި 1.446 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި "ބާބީ" ގެ ޕްރޮޑިއުސަރަކީ ވެސް ޓޮމް އެވެ.

މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ މާގޯގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އަ ބިގް ބޯލްޑް ބިއުޓިފުލް ޖާނީ" އާއި "ކްއީން އޮފް ދި އެއާ" ހިމެނެ އެވެ.