Last Updated: July 14, 22:13
Sunday, July 14, 2024
ދުނިޔެ

އިޓަލީގެ އެންމެ ބޮޑު އެއާޕޯޓަށް ބަރްލަސްކޯނީގެ ނަން

އިޓަލީގެ އެންމެ ބޮޑު އެއާޕޯޓަށް ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބަރްލަސްކޯނީގެ ނަން ދޭން ނިންމައިފި އެވެ.

މިކަން އިއުލާން ކުރެއްވި އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު މަޓިއޯގެ މަގާމުގައި ވެސް ހުންނެވި އިންފްރާންސްޓްރަކްޗަ އެންޑް ޓްރާންޕޯޓް މިނިސްޓަރު ސަލްވީނީ އެވެ. އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ދޭއްވަން އޮތް އުފާވެރި ޚަބަރަކީ އިޓަލީގެ އެންމެ ބޮޑު އެއާޕޯޓް ކަމަށްވާ މިލާންގެ މަލްޕެންސާ އެއާޕޯޓަށް، މިދިޔަ އަހަރު އަވަހާރަވި ބަރްލަސްކޯނީގެ ނަން ދޭން ނިންމުން ކަމަށެވެ.

މި ނިންމުން މިހާރު އިޓަލީގެ ނެޝަނަލް ސިވިލް އޭވިޝަން އޮތޯރިޓީން ވެސް އެޕްރޫވްކޮށްފައިވެ އެވެ. މަލްޕެންސާ އަކީ އިޓަލީގައި ދެވަނަ އަށް އެންމެ ބާރު ބޮޑު އެއާޕޯޓެވެ.

އެ އެއާޕޯޓަށް ބަރުލަސްކޯނީގެ ނަން ދޭނީ އޭނަގެ ގައުމީ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. ބަރުލަސްކޯނީ އުމުރުން 86 އަހަރުގައި އަވަހާރަވީ މިދިޔަ އަހަރުގެ ޖޫން 12 ގަ އެވެ.

ބަރްލަސްކޯނީ އަކީ ހަތަރު ދައުރަކަށް އިޓަލީގެ ބޮޑުވަޒީރުކަން ކުރެއްވި އެ ގައިމުގެ ވަރަށް ނުފޫޒު ގަދަ ޝަހުސިއްތަޔެކެވެ. ވިޔަފާރިވެރިއެއްގެ ގޮތުގައި ވެސް މަޝްހޫރު ބަރްލަސްކޯނީ އަކީ އިޓަލީގެ މަޝްހޫރު ފުޓްބޯޅަ ޓީމް އޭސީ މިލާންގެ ކުރީގެ ހިއްސާދާރެއް ވެ މެ އެވެ.