Last Updated: July 14, 22:13
Sunday, July 14, 2024
މުނިފޫހިފިލުވުން

"ސާޔާ" ގެ ޓީޒާ ދައްކާލައިފި

އަންނަ މަހު އޮލިމްޕަހަށް ގެންނަން ނިންމާފައިވާ ލޯބީގެ ބިރުވެރި ފިލްމު "ސާޔާ" ގެ ޓީޒާ މިރޭ ދައްކާލައިފި އެވެ.

ބެލުންތެރިންގެ ޝައުގުވެރިކަން އިތުރުކޮށްދޭ ގޮތަށް ގެނެސްދިން ޓީޒާއާ އެކީ ދެން އޮތީ ފިލްމުގެ ރަސްމީ ޓްރެއިލާ އާއި ފިލްމު ސްކްރީނުން ބަލާލަން އިންތިޒާރުކޮށްލުމެވެ.

މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ "ސާޔާ" ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 7 ގަ އެވެ. މީގެ ކާސްޓްގައި އައިމިނަތު ރަޝްފާ (އާޝާ) އާއި އިބްރާހީމް ޖިހާދު (ޖިމީ) ވެސް ހިމެނެ އެވެ.

އެންމެ ފަހުން ބޭއްވި ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ވެސް ހޯދާފައިވާ ޔޫއްޕެ އަކީ ކުރިން ވެސް ކާމިޔާބު ބިރުވެރި ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރަކަށްވާތީ "ސާޔާ" އާ މެދު ކުރެވޭ އުންމީދުތައް ވަރަށް ބޮޑެވެ. އޭނަ ކުރިން ގެނެސްދިން ބިރުވެރި ފިލްމުތަކުގެ ތެރޭގައި މިދިޔަ އަހަރުގެ "ކަޅަކި" ގެ އިތުރުން "ދައުވަތު" އާއި "އެ ދަތުރު" ހިމެނެ އެވެ.

"ސާޔާ" އަކީ މި އަހަރު އޮލިމްޕަހަށް އަންނަނަ ދެވަނަ ބިރުވެރި ފިލްމެވެ. މި އަހަރު އެޅުވި ފުރަތަމަ ބިރުވެރި ފިލްމަކީ އައި ފިލްމްސް އިން ފެބްރުއަރީގައި ގެނެސްދިން "ކަންބަޅި" އެވެ.

"ސާޔާ" އަކީ މި އަހަރު އޮލިމްޕަހުގައި އަޅުވާ ހަ ވަނަ ފިލްމެވެ. މި ފިލްމުގެ ޓިކެޓް ބުކްކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.