Last Updated: July 14, 22:13
Sunday, July 14, 2024
މުނިފޫހިފިލުވުން

"ބިބީ" ގެ ޓައިޓްލް ލޯގޯ ދައްކާލައިފި

ޑާކް ރެއިން އެންޓަޓައިންމަންޓުން ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ އާ ފިލްމު "ބިބީ" ގެ ޓައިޓްލް ލޯގޯ ދައްކާލައިފި އެވެ.

ޓައިޓްލްގެ ލެޓަރިން ހަދާފައި ވަނީ މި ފަހުން ޑާކް ރެއިންގެ ހުރިހާ ޕްރޮޖެކްޓްތަކެއްގެ ވެސް ލެޓަރިން ހަދަމުން އަންނަ އަބޯ ޝަފީއު އެވެ. އަދި ހޫދު އިބްރާހީމް ޓައިޓްލް ޑިޒައިން ހަދާފައިވާ އިރު، ޓައިޓްލް މިއުޒިކް ހެދީ ހުސައިން ތައުފީގެވެ.

އޮކްޓޯބަރު 7 ގައި އޮލިމްޕަހަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ ސްޓޫޑިއޯގެ ފުރަތަމަ ހޮރޯ-ކޮމެޑީ އެވެ. ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް "ބިބީ" އަކީ އާ ޑައިރެކްޓަރު ޝަހުދާ މަހުމޫދު ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ ފުރަތަމަ ފީޗާ ފިލްމެވެ.

މީގެ ލީޑް ކާސްޓްގައި އޭނަގެ ފިރިމީހާ އަދި ޑާކް ރެއިނުން އެންމެ ފަހުން ގެނެސްދިން ފިލްމު "ފުރޭތަ" ގެ ބަތަލު ޝަރަފު އަބްދުﷲ އާއި މަރިޔަމް މަޖުދާ އަދި ޝީލާ ނަޖީބު ފަދަ ތަރިން ހިމެނެ އެވެ. "ބިބީ" ގެ ހާއްސަ ފެނިލުމެއްގައި ކުރީގެ މަޝްހޫރު ތަރި، އިސްމާއީލް ވަޖީހު ވެސް ހިމެނެ އެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމުގެ ޕްރޮމޯޝަނަލް ހަރަކާތްތައް މި މަހުގެ މެދުތެރޭގައި ފަށާނެ ކަމަށެވެ.

ޑާކް ރެއިނުން މި އަހަރު ގެނެސްދިން ފުރަތަމަ ފިލްމު "ފުރޭތަ" އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ރިވެންޖް/އެކްޝަން ތުރިލާއެކެވެ. މާޗްގައި ރިލީޒްކުރި ފިލްމުގެ ކާމިޔާބީ އަށް ފަހު، އެ ސްޓޫޑިއޯ އިން މިހާރު އަންނަނީ އިތުރު އެކްޝަން ތުރިލާއަަކަށް ތައްޔަރުވަމުންނެވެ.