Last Updated: July 14, 22:13
Sunday, July 14, 2024
ޚަބަރު

ޔުނިވާސިޓީ ޝަރުތު ދަށްކުރެވޭ ބަހުސް ފަށައިފި

މެންބަރު އަބްދުﷲ ރިފާއު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ ޝަރުތު 20 އަހަރުން 15 އަހަރަށް ދަށްކުރުމަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާއުއެވެ.

މަތީ ތައުލީމާއި ތަމްރީނުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހިންގަމުން އަންނަތާ މަދުވެގެން 15 އަހަރުވެފައިވާ މަރުކަޒަކަށް ޔުނިވަސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެވޭނެ ކަމަށެވެ. ޤާނޫނުގައި މިހާރު އޮންނަގޮތުން ޔުނިވަސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދެނީ ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއް ނެތި ހިންގަމުން އަންނަތާ މަދުވެގެން 20 އަހަރު ވެފައިވާނަމައެވެ.

މީގެއިތުރުން މި އިސްލާހުގައި ކޮލެޖެއް ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު ފުރިހަމަވާންވާނެ ޝަރުތުތައްވެސް ބަޔާން ކޮށްފައެވެ.

ސަރުކާރުން މަޖިލީހަށް މި އިސްލާހު ހުށަހެޅި ސަބަބެއްގެ ގޮތުން ބުނެފައިވަނީ، ރާއްޖޭގެ މަތީތައުލީމުގެ ދޮރު މިހާރަށްވުރެ ބޮޑަށް ހުޅުވާލާ، ވަސީލަތްތަކާއި ގާބިލުކަން ހުރިފަރާތްތަކަށް ރާއްޖޭގައި ޔުނިވަސިޓީ ތައުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ރާއްޖޭގައި ޔުނިވާސިޓީ ހިންގޭނެ ޝަރުތުތައް މުރާޖައާކޮށް އިސްލާހު ކުރުމަށް ކަމަށެވެ.