Last Updated: July 14, 22:13
Sunday, July 14, 2024
މުނިފޫހިފިލުވުން

ވަރޫންގެ އާ ފިލްމުގެ ޝޫޓިން 12 ގައި

ރަމޭޝް، ވަރޫން އަދި ޑޭވިޑް.

ބޮލީވުޑްގެ ތަރި ވަރޫން ދަވަން އޭނަގެ ބައްޕަ، ޑައިރެކްޓަރު ޑޭވިޑް ދަވަނާ އެކީ މަސައްކަތްކުރާ އާ ފިލްމުގެ ޝޫޓިން މި މަހުގެ 12 ގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިޑް-ޑޭ އިން މިއަދު ބުނީ މި ރޮމޭންޓިކް ކޮމެޑީގެ ތައްޔާރީތައް މިހާރު ބާރަށް ކުރިއަށްދާ އިރު، ފިލްމުގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ކުރިއަށް ދާނީ މުމްބާއީގެ މެހެބޫބް ސްޓޫޑިއޯގައި ކަމަށެވެ. ނަން އަދި އިއުލާން ނުކުރާ މި ފިލްމަކީ ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ އޮކްޓޯބަރު 2 ގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދަރިފުޅާ އެކީ ޑޭވިޑް ހަދާ ހަތަރު ވަނަ ފިލްމުގެ ބަތަލާއިންނަކީ މުރްނާލް ތާކޫރާއި ދެކުނުގެ ބަތަލާ ސްރީލީލާ އެވެ. ބައްޕައާ އެކީ ކުރިން ވަރޫން މަސައްކަތްކުރި ފިލްމުތަކަކީ 2020 ގެ "ކޫލީ ނަމްބަރު 1" އާއި 2017 ގެ "ޖުޅުވާ 2" ގެ އިތުރުން 2014 ގެ "މޭ ތޭރާ ހީރޯ" އެވެ.

ވަރޫންގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރަށް ތާވަލުކޮށްފައި އޮތް އެކްޝަން ތުރިލާ "ބޭބީ ޖޯން" އެވެ.

މިދިޔަ އަހަރުގެ "ބަވާލް" އިން ފެނިގެން ދިޔަ އެކްޓަރު އަންނަނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ޝިޝާންކް ކައިތާން ޑައިރެކްޓްކުރާ "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރު" ގެ މަސައްކަތް ވެސް ކުރަމުންނެވެ. އަންނަ އަހަރުގެ އެޕްރީލަށް ތާވަލުކޮށްފައިވާ ފިލްމުގެ ބަތަލާ އަކީ "ބަވާލް" ގެ ވެސް ބަތަލާ ޖާންވީ ކަޕޫރެވެ.