Last Updated: July 14, 22:13
Sunday, July 14, 2024
ޚަބަރު

އެމްޑީޕީ ޖަލްސާއެއްގައި ބައިވެރިވުމުން ވަޒީފާ ގެއްލިއްޖެ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޖަލްސާއެއްގައި ބައިވެރިވި މީހަކު ވަޒީފާއިން ވަކިކުރިކަމަށް ބުނެ އެޕާޓީން އެކަން ކުށްވެރި ކޮށްފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެޕާޓީގެ ފަރާތުން ދަނޑިކޮށި ހަރުގޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ގުރުއާން ކިޔެވި މީހާ ވަޒީފާ އަދާކުރަމުންދިޔަ އެޗުޑީސީ އިން ވަކިކުރި ކުރުން ކުށްވެރިކުރާ ކަމަށެވެ.

އެމްޑީޕީން ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ އުޅުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށާއި އަދި އެ އަސާސީ ހައްގުގެ ބޭނުން ހިފުމަށް އެއްވެސް ޒާތެއްގެ ބިރުވެރިކަމެއް، ބިރުދެއްކުމެއް އަދި އެއްވެސް ފިޔަވަޅެއްވެސް އެޅުމަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ.

ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ އެއްވެސް މުވައްޒަފަކު ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާތީ ނުވަތަ ތާއީދުކުރާތީ ނުވަތަ ހަރަކާތެއްގައި ބައިވެރިވާތީ ވަޒީފާގެ ބިރުވެރިކަން ނޯންނާނެކަމަށް ރައީސް ޑރ. މުއިއްޒު ރިޔާސީ ކެމްޕެއިންގައި ވައުދުވެފައިވާކަން އެމްޑީޕީން ފާހަގަ ކޮށްފައިވެއެވެ.

"އެހެންނަމަވެސް ވެވަޑައިގެންނެވި ވައުދާ ހިލާފަށް ސަރުކާރުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދެއްކުމާއި ސަރުކާރަށް ތާއީދުނުކުރާ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދާކަން މި ޕާޓީން ފާހަގަކުރަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން މިސަރުކާރުން ގެންގުޅޭ ވަޒީފާގެ ބިރުދެއްކުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.