Last Updated: July 14, 22:13
Sunday, July 14, 2024
ޚަބަރު

އެންމެން ވެސް މޮޓޯއަކަށް ހަދަންވީ އަމާންކަން ދަމަހައްޓަން

ރާއްޖޭގެ އަމާންކަމާ މެދު ދުނިޔެއިން ކުރާ އިތުބާރަށް ދެގޮތެއް ވިޔަނުދިނުން، އެންމެންގެ ޤައުމީ މޮޓޯއަކަށް ހަދަންޖެހޭ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން އިޤްތިޞާދު ވަރުގަދަކުރެވި، ތަރައްޤީގެ ދުވެލި ބާރުކުރެވި، ދިވެހީން އެދޭ ތަމައްދުނާއި ކުރިއެރުން ޙާސިލްކުރެވޭނެ ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެ އެވެ.

ކްރިސްރޯޑްސް މޯލްޑިވްސްގައި މިއަދު ފެށި "ދަ ނޭޝަނަލް ހައި ލެވެލް ކޮންފަރެންސް އޮން ޕީސް އެންޑް ސެކިއުރިޓީ" ޝަރަފުވެރިކޮށް ދެއްވަމުން ނައިބު ވިދާޅުވީ ދިވެހި މުޖުތަމަޢުގެ ކުރިއެރުމާއި ހަމަޖެހުމަށް މަގުފަހިކޮށްދޭ އެންމެ މުހިއްމު އެއް އަސާސަކީ ދިވެހީންނަކީ ސުލްހަ މަސަލަސްކަމަށް ލޯބިކުރާ ބަޔަކަށްވުން ކަމަށެވެ.

އެހެންވެ ދުނިޔެމަތީގެ ސުވަރުގޭގެ ނަމުން، މި ރާއްޖެ މަޝްހޫރުކަން ހޯދާފައި ވަނީ، ޤުދުރަތީ ރީތިކަމާ، ދިވެހީންގެ ކިބައިގައި ލައްވަވާފައިވާ ހިތްހެޔޮކަމާ، ކެތްތެރިކަމާ، އެއްބައިވަންތަކަމުގެ އާދަކާދަތައް ދަމަހައްޓާފައިވާތީ ކަމަށް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ މިއަދު ފެށި ކޮންފަރެންސްގެ ބޭނުމަކީ ވެސް ދައުލަތުގެ އެންމެހާ މުއައްސަސާތައް ގުޅިގެން، ރާއްޖޭގެ އަމާންކަމާ، މުޖުތަމަޢުގެ ބަދަހިކަމާ، ވިލުންވެރިކަން ވަރުގަދަކޮށް ދެމެހެއްޓުމަށްޓަކައި، އެންމެން އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިއްމުކަން ދެނެގަނެ، ސަލާމަތާ، ރައްކާތެރިކަމުގެ ހާލަތު އޮތްގޮތް ތަޞައްވުރުކުރުން ކަމަށެވެ. އަދި މާދަމާގެ އަމާންކަމަށް މިއަދު ކުރަންވީ ކަންކަމުގެ އަމާޒުތައް ކަނޑައެޅުމަކީ ވެސް މި ކޮންފަރެންސްގެ ބޭނުމެއް ކަމަށް ވިދާޅުވިއެވެ.