Last Updated: July 14, 22:13
Sunday, July 14, 2024
ޚަބަރު

ރައްޔިތުންގެ އަޑު މިހާރު މަޖިލީހުގައި އިވުނަކަ ނުދޭ

ރައްޔިތުންގެ މަޖިލިހުގައި މިހާރު ރައްޔިތުންގެ އަޑު އިވުނަ ނުދޭ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓާލުމަށް ގޮވާލާ މަޖިލިހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލުމާ ގުޅިގެންނެވެ.

ޝާހިދު "އެކްސް" ގައި ސިޔާސީ ގިނަ މަގާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހައްދެއްނެތި މުވައްޒަފުން އިތުރުކޮށް ސަރުކާރުގެ ކުންފުނިތަކުގެ އާދައިގެ މަގާމުތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާތީ އެކަން ހުއްޓުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅުއްވި ކުއްލި މައްސަލަވެސް މިއަދު މަޖިލީހުން ބޭރުކޮށްލާފައިވާ ކަމަށެވެ.

"ރައްޔިތުންގެ އަޑު މިހާރު މަޖިލީހުގައި އިވުނަކަ ނުދޭ" ޝާހިދު ވިދާޅުވި އެވެ.

މަޖިލިހުގެ ޖަލްސާގައި ކުއްލި މައްސަލައަށް ބަހުސް ކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެމްބަރުންނެވެ. އަދި މަޖިލިހުގައި ތިއްބެވި 52 މެމްބަރުން ވޯޓު ދެއްވީ ކުއްލި މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށެވެ.

އެމްޑީޕީން އިއްޔެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ވެސް ވަނީ ބޭރުކޮށްލާފަ އެވެ.