Last Updated: December 13, 17:38
Friday, December 13, 2024
މުނިފޫހިފިލުވުން

ބައްޕަ ކުޅުނު ރޯލަކަށް އޮޑިޝަން ހެދިން

ބެލުންތެރިންގެ ފިނި ތަރުހީބެއް ލިބުނު އާމިރު ޚާންގެ ފިލްމު "ލާލް ސިންގް ޗައްޑާ" ގައި އޭނަ ކުޅުނު ރޯލަށް، އޮޑިޝަން ހެދި ކަމަށް ދަރިފުޅު ޖުނައިދު ޚާން ބުނެފި އެވެ.

މިދިޔަ މަހު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ނެޓްފްލިކްސް އަށް ދޫކޮށްލި "މަހާރާޖް" އިން ބެލުންތެރިންނަށް ތައާރަފުވެގެން ދިޔަ އެކްޓަރު ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ 2022 ގައި ރިލީޒްކުރި "ލާލް ސިންގް ޗައްޑާ" ކުޅެން އާމިރު ނިންމުމުގެ ކުރިން ފިލްމަށް އޮޑިޝަން ހެދި ނަމަވެސް އެ ފުރުސަތު ލިބޭ ގޮތް ނުވީ ކަމަށެވެ.

އެއީ އާމިރު ޕްރޮޑިއުސް ވެސް ކުރި ފިލްމެކެވެ.

ޖުނައިދު ބުނި ގޮތުގައި "ލާލް ސިންގް ޗައްޑާ" ގެ ބަތަލުގެ ރޯލު އޭނަ އަށް ނުލިބުނީ ބައްޕަ އެ ފިލްމު ކުޅެން ބޭނުންވިލެއް ބޮޑުކަމުން ކަމަށެވެ. އެ ފިލްމަކީ ހޮލީވުޑްގެ 1994 ގެ "ފޮރެސްޓް ގަމްޕް" އަށް ބިނާކޮށް އަދުވައިތު ޗަންދަން ޑައިރެކްޓްކުރި ފިލްމެކެވެ.

"ބައްޕަ އަށް ވަރަށް ކަމުގޮސްފައި އޮތް ފިލްމެއްގެ ރިމޭކެއްވީމަ ކޮންމެހެން ވެސް ކުޅެން ބޭނުންވީމަ އަހަންނަށް ފުރުސަތު ނުލިބުނީ." އާމިރުގެ ދޮށީ ދަރިފުޅު ބުންޏެވެ.

އޭނަ ކިޔައި ދިން ގޮތުގައި "މަހާރާޖް" އިން ފުރުސަތު ލިބުމަށް މަގުފަހިވީ "ލާލް ސިންގް ޗައްޑާ" އަށް ހެދި އޮޑިޝަންގެ ޓޭޕް ބަލައިފައި ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ އާއި ޑައިރެކްޓަރު ސިދާތު ޕީ އާނަންދަށް ހުނަރު ކަމުދިޔަލެއް ބޮޑުވުމެވެ.

"މަހާރާޖް" ގައި އުންމީދީ އެކްޓަރު ދައްކާފައިވާ ހުނަރަށް ވަރަށް ގިނަ ބަޔަކު ތައުރީފު ވެސްކޮށްފައިވެ އެވެ.

"ލާލް ސިންގް ޗައްޑާ" އިން ފުރުސަތު ނުލިބުނު ނަމަވެސް ޖުނައިދު މިހާރު އަންނަނީ އެ ފިލްމުގެ ޑައިރެކްޓަރު އަދިވައިތާ އެކީ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރް ބަތަލާގެ ރޯލަށް ލައިގެން ހަދަމުން އަންނަ 2022 ގެ ތަމަޅަ ފިލްމު "ލަވް ޓުޑޭ" ގެ ރިމޭކެވެ.

ޖުނައިދުގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ދެކުނުގެ ބަތަލާ ސައީ ޕައްލަވީއާ އެކީ ފެންނާނެ ފިލްމެއް ވެސް ހިމެނެ އެވެ.

އާމިރުގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭނެ ކަމަށް ބެލެވޭ "ސިތާރޭ ޒަމީން ޕަރް" އެވެ. އެއީ ސްޕެއިންގެ 2018 ގެ "ޗެމްޕިއަންސް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. ކަރީނާ ކަޕޫރް ބަތަލާގެ ރޯލު ކުޅުނު އާމިރުގެ "ލާކް ސިންގް ޗައްޑާ" އަކީ މި ފަހުން އޭނަ އަށް ކުރިމަތިލާން އެންމެ ލަދުވެތި އެއް ފްލޮޕެވެ.