Last Updated: July 14, 22:13
Sunday, July 14, 2024
ޚަބަރު

ޕީއެންސީ އަށް މުހިއްމީ ރައީސަށް ސަނާ ކިޔުން

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސަނާ ނުކިޔޭ ކަމެއް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދަން ޕީއެންސީގެ މެމްބަރުން ބޭނުން ނުވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ ރައީސް މުއިއްޒާއި ސަރުކާރަށް ސަނާ ނުކިޔޭ އެއްވެސް ކަމެއް މަޖިލީހުގައި ކުރަން ޕީއެންސީގެ މެމްބަރުން ބޭނުން ނުވާކަން ފާހަގަކުރެވޭ ކަމަށާއި ސަރުކާރުން ފޮނުވާ ބިލުތަކަށް ބަހުސް ކުރުމުގައި ވެސް އަމަލުކުރަނީ އެ އުސޫލުން ކަމަށެވެ.

އެގޮތުން ބިލަށް ވާހަކަދައްކާއިރު ފުރަތަމަ ވެސް ޝުކުރު އަދާކުރަނީ ރައީސް މުއިއްޒަށް ކަމަށާއި އެއަށް ފަހު ބިލު ސްޕޮންސާ ކުރި ފަރާތަށް ޝުކުރު އަދާކުރާއިރު ބިލުގައި ހުރި މާއްދާތަކަށް ރިއާޔަތް ނުކުރާ ކަމަށްވެސް ނާޒިލް ވިދާޅުވި އެވެ.

"އެގޮތަށް އެކަން ނުކުރެވޭ ކޮންމެ ކަމަކީ އެއީ މަޖިލީހުގައި ހަގީގަތުގައި ރައްޔިތުންނަށްޓަކާ ކުރާ ކަމެއް ކަމަކަށް އެބޭފުޅުން ގަބޫލެއް ނުކުރޭ،" ނާޒިލް ވިދާޅުވި އެވެ.

އެމްޑީޕީން ފާއިތުވި ދެ ދުވަހު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަތައް ބޭރުކޮށްލާފައިވާއިރު، ނާޒިލް ވަނީ އެމްޑީޕީން ރައްޔިތުންގެ ކަންބޮޑުވުންތައް ކުއްލި މައްސަލައިގެ ގޮތުގައި މަޖިލީހަށް އަދިވެސް ހުށަހަޅާނެ ކަމަށާއި އެކަމުގައި ފަހަތު ފަޔަށް ބުރަ ނުވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ޕީއެންސީގެ މެމްބަރުން ތުހުމަތު ކުރާ ގޮތުގައި އެމްޑީޕީން ކުއްލި މައްސަލަތައް ވައްދަނީ މަޖިލީހުގެ ވަގުތު ނަގާލުމުގެ ގޮތުންނެވެ.