Last Updated: July 14, 22:13
Sunday, July 14, 2024
ޚަބަރު

ހެޔޮ ނިޔަތެއް ނެތް، ކައުންސިލްތައް އިތުރަށް ވާނީ ބަލިކަށި

ރައީސް އައްޑޫ މޭޔަރު އަލީ ނިޒާރާ އެކީ.

ކައުންސިލްތައް ބާރުވެރިކުރުމުގެ ނިޔަތެއް ސަރުކާރުގައި އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ކައުންސިލްތައް އިތުރަށް ވާނީ ބަލިކަށި ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ނިޒާރު މިހެން ވިދާޅުވެފައިވާއިރު ކައުންސިލްތައް ނުކަތާހާ ބޮޑު ކަމަށާއި ކައުންސިލްތަކުގެ ސައިޒު ކުޑަކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން ރޭ "ރާއްޖެޓީވީ"ގައި ވާހަކަދައްކަމުން ނިޒާރު ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އަކީ ލާމަރުކަޒީ ނިޒާމާއި ވަރަށް ބީރައްޓެހި ބައެއް ކަމަށާއި އިންތިހާބުތަކަށް ކުރިމަތިލައިގެން އުޅޭއިރު ޑިމޮކްރެޓިކް ބަހުރުވައިން ވާހަކަ ދެއްކި ނަމަވެސް ވެރިކަން ލިބުމަށްފަހު ދެން އަމަލުތައް ބަހައްޓާ ގޮތް ތަފާތު ވެގެންދާ ކަމަށެވެ.

އެގޮތުން ކައުންސިލްތައް ބާރުވެރި ކުރުވުމުގެ ނަމުގައި ކައުންސިލްތަކުގެ ބާރުތައް ނިގުޅައިގަންނާނެ ކަމަށާއި އަދި ކައުންސިލްތައް ބާރުވެރިކުރުވުމަށް ގާނޫނަށް އެއްވެސް އިސްލާހެއް ނުގެންނާނެ ކަމަށްވެސް ނިޒާރު ވިދާޅުވި އެވެ.

"ޕީއެންސީގެ މި ސަރުކާރުން އަޅުގަނޑަކަށް އެ ނިޔަތެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ. ހަމަ އަޅުގަނޑަށް ގަބޫލުކުރެވެނީ ކައުންސިލްތައް އިތުރަށް ހަމަ ބަލިކަށިވެ، މި ނިޒާމު އިތުރަށް އޮޅުން ބޮޅުންވެ، މިކަން ކުރަން ތިބި ބަޔަކަށް ވެސް މިކަން ކުރަން ނޭނގޭހާ ބޮޑެތި އޮޅުންތަކެއް މިއަށް އަރައިގަންނަ ކަހަލަ ސިޔާސަތުތަކެއް ގެނެވިގެންދާނެ ކަމުގެ ބިރުވެރިކަން އިހުސާސް ކުރެވޭ،" ނިޒާރު ވިދާޅުވި އެވެ.

ކައުންސިލްތަކުގެ މަޝްވަރާ ހޯދުމެއް ނެތި ހަމައެކަނި ސަރުކާރާއި ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ވިސްނުމަށް އެކަނި ކަންކަން ނިންމައިފިނަމަ ލާމަރުކަޒުކޮށްގެން އަތޮޅުތައް ހިންގަން ކުރެވޭ މަސައްކަތް އެއްކޮށް ހަލާކުވެ، އިތުރަށް އޮޅުން ބޮޅުންވެގެންދާނެ ކަމަށްވެސް ނިޒާރު ވިދާޅުވި އެވެ. މިކަމުގައި ގައުމީ ފެންވަރުގައި މަޝްވަރާތަކެއް ކުރަންޖެހޭ ކަމަށާއި އެހެން ނޫނީ ލާމަރުކަޒީ ގާނޫނަށް ރަނގަޅު ބަދަލުތަކެއް ގެނެވިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށްވެސް ވިދާޅުވި އެވެ.