Last Updated: July 14, 22:13
Sunday, July 14, 2024
ދުނިޔެ

ފިރިހެނުން އަމިއްލަ އަށް މަރުވަނީ އަންހެނުންނާ ހެދި

ދެކުނު ކޮރެއާގައި ފަހަކަށް އައިސް ފިރިހެނުން އަމިއްލަ އަށް މަރުވާ މިންވަރިު އިތުރުވަމުން ދަނީ އެ ގައުމުގައި އަންހެނުންގެ ނުފޫޒު މާ ގަދަވަމުންވާތީ ކަމަށް ވިދާޅުވެ އެ ގައުމުގެ ސިޔާސީ ބޭފުޅަކު ދެއްކެވި ވާހަކަތަކަށް ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ

ސޯލް ސިޓީގެ ކައުންސިލަރެއް ކަމަށްވާ ކިމް ކީ-ޑަކް ވިދާޅުވީ ދެކުނު ކޮރެެއާގައި މަސައްކަތްކުރާ އަންހެނުންގެ އާބާދީ ވެސް ވަރަށް ބޮށަށް އިތުރުވެ، އަންހެނުންގެ ނުފޫޒާއި ބާރު ހުރިހާ ދިމާއެއްގައި ވެސް ބޮޑުވަމުންދާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ވަޒީފާ ހޯދުން ފިރިހެނުންނަށް ވަރަށް ބޮޑު ހުރަހަކަށްވެފައިވާ ކަމަށް ވިދާޅުވި އެވެ.

"މީގެ ނަތީޖާ އަކީ އިންތިހާ އަށް އަންހެނުންގެ ނުފޫޒު މުޖުތަމައުގެ ތެރޭގައި ގަދަވެ، ފިރިހެނުންނަށް ކުރިމަތިވަމުންދާ ހުރަސްތަކާ ހެދި އެ މީހުން އަމިއްލަ އަށް މަރުވާ މިންވަރު ވެސް އިތުރުވަމުން ދިއުން." ޑިމޮކްރެޓިކް ޕާޓީ އަށް ނިސްބަތްވާ ކިމް ވިދާޅުވި އެވެ.

ދެކުނު ކޮރެއާ އަކީ ތަރައްގީވެފައިވާ ގައުމުތަކަށް ބަލާ އިރު، އަމިއްލަ އަށް މަރުވާ ރޭޓް އެންމެ މަތި، ދެ ޖިންްސުިގެ މެދުގައި އޮންނަ ފަރަގު އެންމެ ބޮޑު އެއް ގައުމެވެ.

ފިރިހެނުން އަމިއްލަ އަށް މަރުވުން އަންހެނުންނާ ގުޅުވައި ކިމް ވާހަކަ ދެއްކެވި އިރު، އޭނަ ވަނީ އެކަމާ ގުޅޭ ތަފާސްހިސާބުތަކަކަށް އަލިއަޅުވާލައްވައިފަ އެވެ. އެގޮތުން ސޯލްގެ ހޭން ކޯރު ހުރަސްކޮށް އަޅާފައިވާ ބްރިޖް މަތިން ފުންމާލައިގެން ފުރާނަ ދުއްވައިލަން މަސައްކަތްކުރާ ފިރިހެނުންގެ އަދަދު ފަހަކަށް އައިސް އިތުރުވަމުންދާކަން ފާހަގަކުރައްވައި ވިދާޅުވީ މިދިޔަ އަހަރު އެކަނި ވެސް އެފަދަ 1،035 ހާދިސާއެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ކަމަށެވެ.

އަދި 2018 ގައި އެފަދަ ހާދިސާތަކުގެ އަދަދު އުޅުނީ 430 ގައި ކަމަށް ކިމް ވިދާޅުވި އެވެ.

އޭނަގެ ވާހަކަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ސޯލްގެ ޔޮންސީ ޔުނިވަސިޓީގެ މެންޓަލް ހެލްތު ޕްރޮފެސަރެއް ކަމަށްވާ ސޮންގް އން ހާން ވިދާޅުވީ ކިމްގެ ވާހަކަ އަކީ އެއްވެސް އަަސާސެއްގެ މައްޗަށް ބިނާކޮށް ދެއްކެވި ވާހަކަތަކެއް ނޫން ކަމަށެވެ. އެހެންވެ ފިރިހެނުން އަމިއްލަ އަށް މަރުވުން އަންހެނުންނާ ގުޅުވުމަކީ ވަރަށް ނުރައްކާތެރި ވާހަކައެއް ކަމަށް ވިދާޅުވި އެވެ.

"އޭނަގެ އެ ވާހަކަތަކީ އެއްވެސް ސާބިތު ހިފޭ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށް ދެއްކެވި ވާހަކަތަކެއް ނޫން،"
ސޮންގް ވިދާޅުވި އެވެ. "ވަރަށް ހިތާމަ ވެސް ކުރާ ދެ ޖިންސްގެ ފަރަގު މިފަދަ ގޮތަކަށް އަޅާކިޔާފައިވާތީ."

އޭނަ ވިދާޅުވީ ދެކުނު ކޮރެއާގެ ފިރިހެނުން އަމިއްލަ އަށް މަރުވާ ސަބަބު ދެނެގަތުމާ ގުޅޭ ގޮތުން ދިރާސާތަކެއް ހެދުން މުހިއްމު ކަމަށެވެ.