Last Updated: July 14, 22:13
Sunday, July 14, 2024
މުނިފޫހިފިލުވުން

"ޑެވިލް ވެއާސް ޕްރާޑާ" ގެ ސީކްއެލްއެއް ހަދަނީ

މީގެ 18 އަހަރު ކުރިން ރިލީޒްކޮށް ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ހޮލީވުޑްގެ ކޮމެޑީ ޑްރާމާ "ދަ ޑެވިލް ވެއާސް ޕްރާޑާ" ގެ ސީކްއެލްއެއް ހަދަން ނިންމައިފި އެވެ.

ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ޑިސްނީން މި ފިލްމުގެ ތައްޔާރީތައްވަމުން އަންނަ އިރު، ދެވަނަ ބައިގެ ސްކްރީންޕްލޭ ވެސް ހަވާލުކޮށްފައި ވަނީ 2006 ގެ ފިލްމުގެ ސްކްރީން ރައިޓަރު އެލީން ބްރޮޝް މެކެނާއާ ކަމަށެވެ. "ޑެވިލް ވެއާސް ޕްރާޑާ" އަކީ ލިޔުންތެރިޔާ ލޯރެން ވެއިޒްބާގާގެ 2003 ހަމަ އެ ނަމުގައި ގެނެސްދިން ވާހަކައަށް ބިނާކޮށް ޑޭވިޑް ފްރޭންކެޓް ޑައިރެކްޓްކުރި ފިލްމެކެވެ.

ފިލްމުގެ ދެވަނަ ބަޔަށް ތައްޔާރުވަމުން އަންނަ އިރު، ކުރީގެ ފިލްމުގެ މައިގަނޑު ކާސްޓް އާ ފިލްމުން ފެންނާނެތޯ ނޫންތޯ އަދި އޮތީ ސުވާލުމާކެއްގެ ތެރޭގަ އެވެ. ނަމަވެސް "ޑެވިލް ވެއާސް ޕްރާޑާ" ގެ ސީކްއެލްގެ މައިގަނޑު ޕްލޮޓް ވެސް އެނބުރޭނީ ކުޅަދާނަ ބަތަލާ މެރީލް ސްޓްރީޕް ކުޅުނު ހައި ޕްރޮފައިލް، ފެޝަން މެގަޒިންގެ އެޑިޓަރު މިރަންޓާ ޕްރީސްޓްލީގެ ވަށައިގެންނެވެ.

ދެވަނަ ބައި ޑައިރެކްޓްކުރާނެ މީހަކާ ބެހޭ ވާހަކައެއް އަދި ނުދެކެވެ އެވެ.

ޖޫން 30، 2006 ގައި ރިލީޒްކުރި "ޑެވިލް ވެއާސް ޕްރާޑާ" އަކީ 41 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި، 326.7 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. މީގެ ކާސްޓްގައި އޭން ހެތަވޭ އާއި އެމިލީ ބްލަންޓާއި ސްޓޭންލީ ޓަކީ އަދި ސައިމަން ބޭކާ ފަދަ މަޝްހޫރު ތަރިން ހިމެނެ އެވެ.