އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންގެންދާ ހަމަލާތަކުގައި ސްކޫލަކަށް ހަމަލާދީ 29 މީހަކު ޝަހީދު ކޮށްލައިފިއެވެ.
އިޒްރޭލުން ހަމަލާދީފައިވާ ސްކޫލަކީ، އިޒްރޭލުގެ ހަމަލާތަކުން ސަލާމަތްވުމަށް ރައްކާތެރިކަން ހޯދާފައިވާ ގިނަބަޔަކު ތިބި ސްކޫލެއް ކަމަށްވެސް ރިޕޯޓް ކޮށްފައިވެއެވެ. ބޭރު މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިއްޔެގެ މި ހަމަލާތަކުގައި 29 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.
ބޭރު މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިޒްރޭލުން ވަނީ ޣައްޒާގައި ހުންނަ ސްކޫލުތަކަކަށް ހޮނިހިރު، އާދީއްތަ އަދި ހޯމަ ދުވަހުވެސް ހަމަލާދީފައެވެ.
މީގެއިތުރުން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި އިއްޔެ އެކަނިވެސް ޣައްޒާއިން 77 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 38,200 އަށް ވުރެ މައްޗަށް އަރާފައެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޗީފް ޕްރޮސެކިއުޓާ ކަރީމް ހާން ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދިފާއީ ވަޒީރު ޔޯއާވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި އެދިފައެވެ.