Last Updated: July 14, 22:13
Sunday, July 14, 2024
ޚަބަރު

ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރާ ގާނޫނަކަށް އެފްއޭއޯގެ ލަފާ

ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމަށްޓަކައި ހާއްސަ ގާނޫނެއް އެކުލަވާލުމަށް އދ. ގެ ފުޑް އެންޑް އެގްރިކަލްޗާ އޮގަނައިޒޭޝަން (އެފްއޭއޯ) ގެ ޤާނޫނީ ލަފައަކަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެދިވަޑައިގެންފި އެވެ.

މިނިސްޓަރު އެކަމަށް އެދިވަޑައިގެންނެވީ އެފްއޭއޯގެ ކޮމެޓީ އޮން ފިޝަރީޒްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިޓަލީ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެފްއޭއޯގެ އެސިސްޓެންޓް ޑިރެކްޓަ ޖެނެރަލް މެނުއެލް ބަރަންޖާ އެކީ ބޭއްވި ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި މީގެ 40 އަހަރު ކުރިން އެފްއޭއޯގެ އެހީއާ އެކީ ރާއްޖޭގައި ތަރައްގީކުރި ފިޝް އެގްރިގޭޓިން ޑިވައިސްތަކުގެ ބޭނުންކުރެވޭ މުއްދަތު އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ވެސް އަލިއަޅުވާލެއްވިއެވެ. އަދި މި އަހަރުގެ ތެރޭ މެރިކަލްޗަ ދާއިރާގެ ބޮޑު މަޝްރޫޢެއް ކުރިއަށް ގެންދަން ރާވާފައިވާތީ އެ ދައިރާއިން ގުޅިގެން މަސައްކަތް ކުރުމަށް ވެސް މަޝްވަރާކޮށްފައިވެ އެވެ.

މިނިސްޓަރު ޝިޔާމު ވިދާޅުވީ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ބޭނުން ކުރުމުގެ ޤާނޫނެއް އެކުލަވާލުމަށް އެފްއޭއޯގެ ގާނޫނީ ލަފާ މުހިއްމު ކަމަށާއި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގައި އެފްއޭއޯ އިން އަދާކުރާ ދައުރަކީ ވަރަށް މުހިއްމު ދައުރެއް ކަމަށެވެ. އެގޮތުން ހިޖުރަކުރާ ކަނޑުގެ ވަސީލަތްތައް މެނޭޖް ކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ވެސް މިނިސްޓަރު އެދިވަޑައިގެންފައެވެ.

އެ ބައްދަލުވުމުގައި، އެފްއޭއޯ އިން ވަނީ ރާއްޖޭއިން އިންޑިއާ ކަނޑުގެ މަސްވެރިކަމުގައި އަދާކުރާ ދައުރު ފާހަގަކޮށް ދެ ފަރާތް ގުޅިގެން މަސައްކަތް ކުރަން ޝައުޤުވެރިކަން ފާޅުކޮށްފަ އެވެ. އަދި ގްލޯބަލް އެންވައިރަންމަންޓަލް ފެސިލިޓީ މެދުވެރިކޮށް ބަޔޯޑައިވަސިޓީ ބިއޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން ތަންފީޒު ކުރުމަށް ފަންނީ އެހީ ދިނުމަށް ތައްޔާރަށް އޮތް ކަމަށް އެ ޖަމާއަތުން ބުނެފައިވެ އެވެ.

މި މަހުގެ 7-13 އަށް މިނިސްޓަރު ޝިޔާމް އިޓަލީ އަށް ކުރައްވަމުން ގެންދަވާ މިދަތުރަކީ އެފްއޭއޯގެ ކޮމިޓީ އޮން ފިޝަރީޒްގެ 36 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ.