Last Updated: July 14, 22:13
Sunday, July 14, 2024
މުނިފޫހިފިލުވުން

އާލިއާގެ "އަލްފާ" ގެ ޝޫޓިން ފަށައިފި

ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ވަރުގަދަ އެކްޝަން ރޯލަކުން ފެންނާނެ ފިލްމު "އަފްލާ" ގެ ޝޫޓިން ފަށައިފި އެވެ.

މިދިޔަ ހުކުރު ދުވަހު އިއުލާންކުރި މި ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސް އަށް ހަދާ ބަތަލާއިން ލީޑްކުރާ ފުރަތަމަ ފިލްމެވެ. އާލިއާއާ އެކީ "އަލްފާ" ގެ ވަރުގަދަ ރޯލެއް އަރަމުން އަންނަ ޒުވާން ބަތަލާ ޝަރްވާރީ ވާގް ވެސް ކުޅޭނެ އެވެ.

ޝިވް ރަވައިލް ޑައިރެކްޓްކުރާ ފިލްމުގެ ކާސްޓްގައި ބޮބީ ޑިއޯލް އާއި އަނިލް ކަޕޫރް ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. "އަލްފާ" އަކީ އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުން އާލިއާ، ވައިއާރްއެފަށް ކުޅޭ ފުރަތަމަ ފިލްމެވެ. އެކަމަކު މިއީ އޭނަ ފުރަތަމަ އެކްޝަން ރޯލު ކުޅޭ ފިލްމެއް ނޫނެވެ. މިދިޔަ އަހަރު ރިލީޒްކުރި ހޮލީވުޑްގެ ސްޕައި އެކްޝަން ތުރިލާ "ހާޓް އޮފް ސްޓޯން" ގައި ވެސް ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ ވަނީ އެކްޝަން ރޯލެއް ކުޅެފަ އެވެ.

"އަލްފާ" ގެ ޝޫޓިން މިހާރު ކުރިއަށްދާ އިރު، މި އަހަރުގެ ފަހުކޮޅު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" ގެ މަސައްކަތް އާލިއާ ފަށާނެ އެވެ. ކާސްޓްގައި ރަންބީރާއި ވިކީ ކޯޝަލް ހިމެނޭ އެ ފިލްމުގެ ޝޫޓިން ފަށަން ތާވަލުކޮށްފައި އޮތީ ނޮވެމްބަރުގަ އެވެ.

އާލިއާ ދެން އެންމެ އަވަހަށް ފެންނާނީ އޮކްޓޯބަރު 11 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ޖިގްރާ" އިންނެވެ.

ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ ފިލްމުތަކުގެ ތެރޭގައި ސަލްމާން ޚާންގެ "ޓައިގާ" ފްރެންޒައިވާ ރިތިކް ރޯޝަންގެ "ވޯ" ގެ އިތުރުން ޝާހްރުކް ޚާންގެ "ޕަތާން" ހިމެނެ އެވެ. ރިތިކް މިހާރު އަންނަނީ އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ "ވޯ 2" ގެ މަސައްކަތް ކުރަމުންނެވެ.