Last Updated: July 14, 22:13
Sunday, July 14, 2024
ޚަބަރު

ވެރިކަމުގެ ވައްޓަފާޅި އަށް ބަދަލުތަކެއް ގެންނަން ޖެހޭ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް - ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވެރިކަން ކުރުމުގެ ވައްޓަފާޅިއާމެދު އަލުން ވިސްނައި، ބަދަލުތައް ގެންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެެވެ.

ނާޒިމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަމާޒުކޮށްގެން ވެސްޓްމިންސްޓަރ ފައުންޑޭޝަން ފޮރ ޑިމޮކްރަސީން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި މަސައްކަތު ބައްދަލުވުމަކީ ދެ ދުވަހުގެ މުއްދަތަށް ކްރޮސްރޯޑްސްގައި ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމެކެވެ.

މި މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތާއި، މަޖިލީސް މެދުވެރިކޮށް އަޅުއްވަމުން ގެންދަަވާ އިސްލާޙީ ފިޔަވަޅުތަކާ ބެހޭ ގޮތުންނާއި މެންބަރުންގެ މަސައްކަތުގައި ރައްޔިތުންނަށް އިސްކަން ދެއްވުމަށާއި، ހަރަކާތްތެރިކަން ދެއްކެވުމުގެ މައްޗަށް އަލިއަޅުއްވާ ވާހަކަ ދެއްކެވާފައެވެ. އެގޮތުން ނާޒިމް ވިދާޅުވީ ހުރިހާ މެންބަރުންވެސް އެ މެންބަރުންގެ ޒިންމާތައް އަދާ ކުރުމުގައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް އިސްކަން ދޭން ޖެހޭނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ، 2008 ގެ ގާނޫނުއަސާސީ ތަންފީޒުކުރުމުގައި ކާމިޔާބީ ހާސިލުކޮށްފައިވާ މިންވަރާއި ދައުލަތުން ކޮށްފައިވާ ހޭދައާ މެދު ވިސްނުން ހިންގާލަން ޖެހޭ ކަމަށެވެ. އެގޮތުން މިއަދުގެ ހާލަތަށް ބައްލަވާލައްވަމުން މާލީ ޒިންމާދާރުކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިުއެވެ.

"އަޅުގަނޑުމެން ވެރިކަން ކުރުމުގެ ވައްޓަފާޅިއާމެދު އަލުން ވިސްނައި، ބަދަލުތައް ގެނަސް، ކަންކަން އިޞްލާޙުކޮށް، ބައެއް ކަންކަން އަލުން މުރާޖަޢާ ކުރަން ޖެހޭ" ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމް ވިދާޅުވިއެވެ.

ނާޒިމް ވަނީ މެންބަރުންގެ މަސައްކަތުގައި ރައްޔިތުންގެ އަޑުތައް އެއްސެވުމަށް ބާރުއަޅުއްވައި، ގާނޫނުތައް ހެދުމުގެ މަސައްކަތުގައި ރައްޔިތުންގެ ވިންދާއި އިހުސާސްތަކަށް ރިއާޔަތް ކުރެއްވުމުގެ މުހިންމު ކަންވެސް ފާހަގަ ކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގައި ނަޒާހަތްތެރިކަމާއި، އަމިއްލައަށް ޖަވާބުދާރީ ވުމާއި ޖަވާބުދާރީ ކުރުވުމާއި ތިންބާރު ވަކިވެފައިވާ ނިޒާމެއް ދެމެހެއްޓުމުގެ މުހިންމު ކަންވެސް ފާހަގަ ކުރައްވާފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގައި ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރުވަނިވި ނިޒާމަކަށް އަމާޒުކޮށް، ކޮމިޓީތަކުގެ މަސައްކަތްތައް ހަރުދަނާކޮށް، ފާރަވެރިވުން ދަމަހައްޓައި، ކަންކަން ނިންމުމުގައި އާންމު ރައްޔިތުންގެ ބައިވެރި ކުރުވުން އިތުރުކުރުމަށްވެސް ނާޒިމް ގޮވާލެއްވިއެވެ. އަދި އިލްމީ ދިރާސާގެ އަލީގައި ނިންމުންތައް ނިންމުމަށާއި، ހަރުދަނާ މަދަނަވެށި މަޝްވަރާތަކުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގައި މެންބަރުންގެ ދައުރު މިހާރަށް ވުރެން ބޮޑަށް ފުޅާކުރުމަށް ގޮވާލެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ޑިމޮކްރެޓިކް އަގުތައް ދެމެހެއްޓުމަށާއި ގައުމީ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ރިއާޔަތް ކޮށްދެއްވުމަށްވެސް މެންބަރުންގެ އަރިހުން އެދިވަޑައިގެންފައިވެއެވެ. އަދި އެކުވެރި މާހައުލެއްގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެން، ޕާޓީތަކުގެ ހިޔާލު ތަފާތުވުންތަކުން މެންބަރުން އެއްކިބާވެ ތިއްބަވައިގެން ނަތީޖާ ނެރެދެއްވުމަށްވެސް އެދިވަޑައިގަނެފައިވެއެވެ.

"އަޅުގަނޑުމެން ކުރިއަށް ދާންޖެހޭނީ ޙަޤީޤީ މާނައިގައި ރައްޔިތުންގެ އިޙުސާސްތަކާއި އުންމީދުތައް ތަމްސީލުކުރާ މަޖިލީހެއް ދެމެހެއްޓުމަށް މަސައްކަތް ކުރަމުން" ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމް ވިދާޅުވިއެވެ.

މި މަސައްކަތު ބައްދަލުވުމުގައި މެންބަރުން މަސައްކަތް ކުރެއްވުމުގައި ފާހަގަކޮށްލެވޭ ގިނަ ދާއިރާތަކުން މައުލޫމަތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.