Last Updated: July 15, 02:03
Sunday, July 14, 2024
ޚަބަރު

ރާއްޖެ އެންމެ ބޭނުންވާ ކަންްކަމަށް އެއްބާރުލުން ދޭނަން

ޗައިނާ ސަފީރު ވަން ލިޒިން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން އެންމެ ބޭނުންވާ ކަންކަން ކޮށްދިނުމަށް އެއްބާރުލުން ދޭނެ ކަމަށް ޗައިނާ ސަފީރު ވަން ލިޒިން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ބައްދަލުކުރެއްވުމުގައި ޗައިނާ ސަފީރު ވަނީ ރައީސް މުއިއްޒުއާ ބައްދަލުކުރައްވާފައެވެ. އަދި ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ ލީޑަރުން މަޝްވަރާކުރެއްވި ކަންކަމާއި، އެއްބަސްވެވަޑައިގެންފައިވާ ކަންކަން ތަންފީޒުކޮށް ހަލުވި ދުވެލީގައި ކުރިއަށްގެންދިއުމަށް ކުރެއްވެންހުރި ކަންކަމާއި ގުޅޭގޮތުން ހިޔާރު ބަދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާ ސަފީރު ވަނީ ރާއްޖޭން މިވަގުތަށް އެންމެ ބޭނުންވާނެ ކަންކަން ރައީސް މުއިއްޒުގެ ފަރާތްޕުޅުން އޮޅުންފިލުއްވައި އެކަންކަން ކޮށްދިނުމަށް ޗައިނާ ސަރުކާރަށް ވެވެންއޮތް އެހީތެރިކަމަކާއި، އެއްބާރުލުމެއް ދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ދެ ޤައުމު ގުޅިގެން ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ވެސް މަޝްވާރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް މުއިއްޒުއާއި ޗައިނާ ސަފީރުވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަށް އެއްބާރުލުންދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އިސްވެރިންވެސް އި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ހުރިހާ ޤައުމަކާ ގުޅިގެން، ވަޒަން ހަމަކޮށް ހަލުވި، ބާރުމިނުގައި ޤައުމު ތަރައްޤީކުރުމަށް މަސައްކަތްކުރުން ކަމަށް ރައީސް އޮފީހުން ބުނެފައިެވއެވެ.