Last Updated: July 15, 02:03
Sunday, July 14, 2024
ޚަބަރު

ރާއްޖެ ހަމަމަގަށް އަޅުވަން ރައީސް ކެނޑިނޭޅި މަސައްކަތް ކުރައްވާ

ރާއްޖެ ހަމަމަގަށް އެޅުއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ދާންދޫ ކައުންސިލުގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށުގައި ބިން ހިއްކާފައިވާ ސަރަހައްދުގައި އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމާއި ގެދޮރު އިމާރާތްކުރުމަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމާއި ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ކުރިޔަށްގެންދިއުމާއި މަޑުޖެހިފައިވާ ބައެއް މަޝްރޫޢުތައް ކުރިޔަށްގެންދާނެ ގޮތްތަކެއް ހޯދުން ހިމެނެ އެވެ.

އަދި ޞިއްޙީ ޚިދުމަތާ ތަޢުލީމީ ދާއިރާގެ ވަސީލަތްތައް ތަރައްޤީކުރުމާއި ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އެންމެ މުހިންމު ކަންތައްތަކާ ގުޅޭގޮތުން ކައުންސިލަރުން ނައިބު ރައީސާއި މަޝްވަރާކުރެއްވި އެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް މިހާރު މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރައްވައި ރާއްޖެ ހަމަމަގަށް އެޅުއްވުމަށް ރައީސް މުޢިއްޒު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވި އެވެ. އަދި ތަރައްޤީގެ ހުރިހާކަމެއްވެސް ސަރުކާރާ ރައީސް ވެސް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަން ފާހަގަކުރައްވައި ވަނީ ކައުންސިލުން ވެސް އަބަދުވެސް ތަރައްޤީގެ ފިކުރުގައި ދެމިތިއްބެވުމަށް އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރައްވައި އެކަންކަން ގާތުން ބައްލަވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވި އެވެ.