Last Updated: July 14, 22:13
Sunday, July 14, 2024
ޚަބަރު

ޑިޕްލޮމެޓެއްގެ ސައިކަލް ވަގަށް ނެގުމުން 10 މަހަށް ޖަލަށް

ރާއްޖޭގައި ބޭރުގެ ޑިޕްލޮމެޓެއްގެ ސައިކަލް ވަގަށް ނެގިކަމުގެ ކުށް ސާބތުވެ މީހަކު 10 މަހަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ރާއްޖޭގައި ހުންނަވާ އިނގިރޭސިވިލާތުގެ އޮނަރަރީ ކޮންސުލް ޑރ. ޕޯލް އާރްތާ ވަން ޑްރީޝްގެ ސައިކަލު ވަގަށް ނެގިކަމުގެ ކުށް ސާބިތުވެ ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ރ. ކަނދޮޅުދޫ، ދޮންވެލި، އަހުމަދު އިރުޝާންގެ މައްޗަށެވެ.

އޭނަގެ މައްޗަށް އުފުލާފައި ވަނީ ވައްކަން ކުރުމުގެ ދެ ދައުވާއެކެވެ. އެއީ ސައިކަލު ވަގަށް ނެގުމުގެ ދައުވާގެ އިތުރުން ސައިކަލު މަޑިދަށުގައި އޮތް އައިނެއް ވަގަށް ނެގިކަމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމް ގައި ބުނީ، ނޮވެމްބަރު 14، 2023 ވަނަ ދުވަހުގެ 10:30 ހާއިރު ސަންސިޔާމް ބިލްޑިން ކުރިމަތީގައި ޕާކްކޮށްފައި ހުއްޓައި ޕޯލްގެ ވޭވް 125 ސައިކަލު، އިރުޝާން ވަގަށް ނަގާފައިވާ ކަމަށެވެ.

ކޯޓުގައި އޭނަ ވަނީ ދައުވާތަކަށް އިއުތިރާފުވެ، ޕްރޮސެކިއުޓާ ޖެނެރަލްއާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ވެސް ހަދައިފަ އެވެ. އެހެންވެ ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު އުނިކުރުމަށް ފަހު ވައްކަން ކުރުމުގެ ކުށުގައި ހުކުމްކޮށްފައި ވަނީ 10 މަހާއި 8 ދުވަހަށް ޖަލަށްލުމަށެވެ.