Last Updated: June 16, 20:19
Sunday, June 16, 2019
ތާރީޚް

ދެ ވަނަ ބޮޑު ހަނގުރާމައިގެ އާސާރު: އައްޑޫ މީދޫ

ދެވަނަ ބޮޑު ހަނގުރާމަ

ދެވަނަ ބޮޑު ހަނގުރާމައަކީ ދުނިޔޭގެ ވަރަށް ބޮޑު ބައެއްގައި 1939 ވަނަ އަހަރުން 1945 ވަނަ އަހަރާ ހަމައަށް ކުރެވުނު ވަރުގަދަ ވެގެންވާ ހަނގުރާމައެކެވެ. މި ހަނގުރާމަ މައިގަޑު ގޮތެއްގައި ކުރެވުނީ ޔޫރަޕާއި ޕެސިފިކުގައެވެ. ދެން ކޮންމެވެސް މިންވަރަކަށް އެފްރިކާގެ އުތުރާއި އިންޑިއާ ކަނޑުގައެވެ. ޔޫރަޕުގައި ހަނގުރާމަ ފެށުނީ ޖަރުމަނު ސިފައިން 1939 ގައި ޕޮލެންޑަށް އަރައިގަތުމުންނެވެ. ޔޫރަޕުގެ ހަނގުރާމައިގެ އެއްކޮޅުގައި ތިބީ ޖަރުމަނާއި އިޓަލީ އެވެ. އަނެއްކޮޅުގައި އިނގިރޭސިންނާއި ރޫސީންނެވެ. ދެން ތަންކޮޅެއް ފަހުން އެމެރިކާ އެވެ.

ޕެސިފިކުގައި ހަނގުރާމަ ފެށުނީ 1941 ގެ ޑިސެމްބަރުގައި އެމެރިކާގެ ހަވާއީއަށް ޖަޕާނު ސިފައިން ހަމަލާ ދިނުމުންނެވެ. ޕެސިފިކާއި އިންޑިޔާ ކަނޑުގެ ހަނގުރާމައިގެ އެއްކޮޅުގައި އޮތީ ޖަޕާނެވެ. އަނެއްކޮޅުގައި ތިބީ އެމެރިކާ އާއި އިނގިރޭސިންނެވެ. އިނގިރޭސިންނާއި ގުޅިފައިވާ ލަޝްކަރަށް ކިޔަނީ އިއްތިހާދީންނެވެ. ނުވަތަ އެލައިޑް ޕަވަރސް އެވެ. ޖަރުމަނާއި އިޓަލީ އަދި ޖަޕާނުގެ ގުޅިފައިވާ ލަޝްކަރަށް ކިޔަނީ އެކްސިސް ނުވަތަ އެކްސިސް ޕަވަރސް އެވެ.

ހަނގުރާމަ ފެށުނުއިރު އޭޝިއާގެ އިރުމަތިން އިނގިރޭސިންގެ ދިފާއީ ފާރަކީ މެލޭޝިއާ އާއި އިންޑޮނީޝިޔާ އަދި ބަރުމާ އެވެ. ހަނގުރާމަ ފެށިގެން ދާދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޖަޕާނުން މިތަންތަން ހިފައިފި އެވެ. ސިންގަޕޫރުވެސް ހިފައިފިއެވެ. ބަރުމާ ވެސް ހިފައިފި އެވެ. މިހެންވުމުން އިނގިރޭސި ކަނޑުގެ ސިފައިންގެ އިރުމަތީ އަރުމާޒަށް މަޖުބޫރުވީ ފަހަތަށް ޖެހޭށެވެ. އެގޮތުން ލަންކާގެ ޓްރިންކޮމަލީ އެމީހުންގެ މައި މަރުކަޒު ކަމުގައި ހެދިއެވެ. ގިނަދުވަސްތަކެއް ނުވެ ބަންގާޅު ކަނޑުގައިވެސް ޖަޕާނުގެ ނޭވީ ބާރުގަދަކުރުމުން އިނގިރޭސިންނަށް މަޖުބޫރުވީ އެއަށްވުރެވެސް މާފަހަތަށް ގޮސް އެފްރިކާގެ އިރުމަތީ ބިތުގައި އޮޕަރޭޝަނުގެ ހެޑްކުއާޓަރު ގާއިމް ކުރުމަށެވެ.

އިނގިރޭސިންނަށް އިންޑިޔާ ކަނޑުގެ ކޮންޓްރޯލް ވަރަށް މުހިއްމެވެ. މީގެ ސިއްރަކީ އިނގިރޭސިންނަށް ބޭނުންވާ މައުދަނާއި ތެލާއި ގޭހާއި މިހެންގޮސް ހުރިހާ ތަކެއްޗަކީ އޭޝިއާއިން ގެންނަން ޖެހޭ ތަކެތި ކަމަށް ވުމާއި މިތަކެތި އުފުލާ ބޯޓު ފަހަރަށް ރައްކާތެރިކަން ދިނުމެވެ.

ޖަޕާނުން ދިޔައީ މިފަދަ ބޯޓު ފަހަރަށް ހަމަލާ ދެމުންނެވެ. ޖަޕާނުގެ ބޮޑެތި މަނަވަރުތައް ހަރަކާތްތެރިވަމުން ދިޔައީ ޕެސިފިކުގައެވެ. އިންޑިޔާ ކަނޑަށް ނިކުމެގެން އިނގިރޭސިންނަށް ދުއްތުރާ ކުރުމުގައި މައިގަޑު ދައުރެއް އަދާކުރީ ޖަޕާނުގެ ސަބްމެރިންތަކެވެ. އޭގެ ބައިވަރެއް އޮވެއެވެ.

އިނގިރޭސި ސިފައިން އައްޑޫގައި ގާއިމްވުން

ދެވަނަ ބޮޑު ހަނގުރާމައިގެ ހުޅުގަނޑު އަދި އޭޝިއާގައި ފެތުރުމުގެ ހަތަރުމަސް ކުރިން 1941 ގެ ސެޕްޓެމްބަރ މަހު އިނގިރޭސި ކަނޑުގެ ސިފައިންގެ މަރުކަޒެއް އައްޑު އަތޮޅު ގަމުގައި ގާއިމު ކުރިއެވެ. ހަނގުރާމަ ނިމެންދެން މި މަރުކަޒުގެ ނަމަކީ ޕޯރޓް-ޓީ އެވެ. މިއީ ސިންގަޕޫރުގައިވާ ފޯވާޑް ބޭހާއި އެފްރިކާގެ އިރުމަތީގައިވާ ބޭސްތަކާއި ދޭތެރޭ ގާއިމްކުރެވުނު ސަޕޯޓް އެންޑް ކޯޑިނޭޓް މަރުކަޒެކެވެ. އައްޑޫގައި މިފަދަ ތަނެއް ހެދުމުގެ ސަބަބަކީ ސްޓްރެޓީޖިކް ގޮތުން އައްޑޫ އޮތް ހިސާބަކީ އިންޑިޔާކަނޑުގެ ޝިޕިން ލޭނަށް ވަރަށް ވެސް މުހިއްމު ހިސާބަކަށް ވުމެވެ. ހަނގުރާމައިން އިނގިރޭސިން ބަލިވުމާއި ނުވުން ގުޅިފައި އޮތީ އިނގިރޭސިންގެ ސަޕްލައި ދެމެހެއްޓުމާއެވެ. ސަޕްލައި ދެމެހެއްޓެން އޮތީ އިންޑިއާ ކަނޑުގެ ކޮންޓްރޯލް ދެމެހެއްޓިގެންނެވެ.

ޖަޕާނުގެ ލޯތަކަށް ވަރަށްވެސް ސިއްރުން ހިންގަމުން ދިޔަ މި މަރުކަޒަކީ، އިނގިރޭސިންގެ އިރުމަތީ އަރުމާޒުގެ އެންމެ މުހިއްމު އެއް މަރުކަޒެވެ. މިހާ ސިއްރުން މިތަން ހިންގި ކަމަށް ވިޔަސް ޖަޕާނަށް މި މައުލޫމާތު ކޮންމެވެސް މިންވަރަކަށް އެނގެއެވެ. އެކަން ޔަގީންވަނީ އައްޑު އަތޮޅު ކައިރީގައި އޮތް އިނގިރޭސިންގެ ތެޔޮ ޓޭންކަރެއް ކަމަށްވާ "ބްރިޓިޝް ލޯޔަލްޓީ" އަށް ހަމަލަދީ ފައްތާލާފައި ވުމެވެ.

މީގެ އިތުރުން، އައްޑުއަތޮޅާއި ސިލޯނާއި ދެމެދު ދަތުރުކުރި ބައެއް އޮޑިފަހަރު ހިފަހައްޓައި އިނގިރޭސިން ތިބި ތަނާއި ކުރާ ކަންކަމާއި މެދު ސުވާލުކޮށް ހަދާފައިވާތީ އެވެ.

625475_447835048648521_1663590373_n
ޕޯޓް ޓީގެ މައި މަރުކަޒު ގަމުގައި ހުރިއިރު އެތަނަށް މަދަދު ކުރުމުގެ ވަސީލަތްތައް އައްޑު އަތޮޅުގެ އެހެން ބައެއް ރަށް ރަށުގައިވެސް ގާއިމު ކުރިއެވެ. މީގެ ތެރެއިން އެންމެ މުހިއްމު އެއް ވަސީލަތަކީ މީދޫ މާއެޅެ ސަރަހައްދުގައި ގާއިމު ކުރި ޑިފެންސް ޕޯސްޓެވެ. ގަން ފިޔަވައި ދެން އެންމެ ގިނަ ސިފައިން ތިބެފައި އެންމެ ގިނަ ހަތިޔާރު ބެހެއްޓީ މިތަނުގައެވެ. މާއެޅެ މިކަމަށް އިޚުތިޔާރު ކުރި ސަބަބަކީ އެއީ އައްޑު އަތޮޅުގެ އިރު އުތުރު ދުންޏަށް ވެފައި އޭޝިއާގެ އިރުމަތިން އަތޮޅާއި ކައިރިކުރާ ބަޔަކަށް ހަމަލަދޭން އެންމެ އެކަށީގެންވާ ތަނަކީ އެއީ ކަމަށް ވުމެވެ. ޖަޕާނުގެ މަނަވަރަކަށް ވިޔަސް އަދި ސަބްމެރީނަކަށް ވިޔަސް އިންޑިޔާ ކަނޑަށް ނުކުމެގެން އަންނާނީ އިރުމަތިންނެވެ.

މީދޫ މާއެޅެ ޑިފެންސް ޕޯސްޓްގެ ބިނާތައް

މިތަނުގައި ގާއިމު ކުރެވުނު ބިނާ ތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއްޗަކީ، އެތާނގައި ބެހެއްޓި ދެ ބޮޑުބަޑި އާއި ބިންގަރާސް ތަކެވެ. މިހާރު ފެންނާން ހުރީ ބޮޑުބަޑި ހަރުކުރާން ހަދާފައިވާ ދެ ބަޑިދާން "ގަން އެމްޕްލޭސްމެންޓް" އާއި އެއްބައި ހަލާކުވެފައިވާ ބިންގަރާހެކެވެ. މިބިންގަރާސް ތަކުގެ ފުރިހަމަ އަދަދެއް އެނގެން ނެތް ނަމަވެސް ،1970 މ. ގެ އަހަރު ތަކާ ޖެހެން ދެން ވެސް އެތާނގައި ތިން ބިންގަރާސް ހުރި ކަމަށް ވެއެވެ.

މީގެ ތެރެއިން ދެ ބިން ގަރާހަކީ ހޭޅިފަށުން ފެށިގެން ތަންކޮޅެއް އެތެރެއަށް އެއްގަމުގައި ހަދާފައި ހުރި ބިންގަރާސް ތަކެވެ. މިދެ ބިންގަރާހަކީ ބަޑިބޭހާއި އެހެނިހެން ހަތިޔާރުތައް ރައްކާތެރިކަމާއެކު ގުދަން ކުރުމަށްޓަކައި ހެދި ތަންތަނެވެ. މިހާރު ފެންނާން ހުރި، އެއްބައި ހަލާކުވެފައިވާ ބިންގަރާހަކީ އެންމެ ހޭޅި ފަށުގައި ހުރި ބިންގަރާހެވެ. ލަފާކުރެވޭ ގޮތުގައި، މިބިންގަރާސް ހަދާފައިވަނީ، ދުޝްމަނުންނަށް ހަމަލާއެއް ދޭން ޖެހޭ ފަދަ ހާލަތެއްގައި ރައްކާތެރިވެ ތިބެގެން ހަމަލާ ދޭން ބޭނުން ކުރުމަށެވެ.

ބަޑި ބަހައްޓާން ހަދާފައިވާ ބަޑިދާނާއި ބިންގަރާސްތަކަކީ، އެތެރެއަށް ދަގަނޑު ލައިގެން ކޮންކްރީޓުން ވަރަށް ވަރުގަދައަށް ހަދާފައިވާ ތަންތަނެވެ. އުސްމިނުގައި ގާތްގަޑަކަށް 80 ފޫޓް ހުރި ސިގްނަލް ޓަވަރެއްވެސް ހުއްޓެވެ. އެޓަވަރަށް ރަށު މީހުން ކިޔާ އުޅުނީ އުސް ދަގަނޑުގެއެވެ.އެތަނުގެ އެއްވެސް ބައެއްވެސް މިހާރު ފެންނާކަށްނެތެވެ.

މީދޫ ޑިފެންސް ޕޯސްޓުގެ ޚިދުމަތުގައި ތިބީ އިނގިރޭސި ސިފައިންނެވެ.މިހިސާބަށް ކުރެވުނު ދިރާސާ ތަކުން އެމީހުންގެ ސީދާ އަދަދު އެނގޭކަށް ނެތެވެ. ނަމަވެސް "މާއެޅެ" ގައި އިނގިރޭސިން އުޅުނު ހަނދާން ހުރި ބައެއް މީހުންން ކިޔާދޭ ގޮތުގައި 50 އަށް ވުރެ ގިނަ މީހުން އެތާނގައި އުޅުނު ކަމަށް ވެއެވެ. އާދައިގެ މަސައްކަތު މީހުންގެ ގޮތުގައި ތިބީ އޭޝިއާގެ ކުލީ ސިފައިންނެވެ. އެއީ އިންޑިއާ އާއި ސްރީލަންކާގެ މީހުންނެވެ.
555283_455596811205678_714628409_n

ދޮން މީހުންނަށް ރަށު މީހުން ކިޔާ އުޅުނީ ދޮން އިނގިރޭސިން އެވެ. އަދި ކަޅު މީހުންނަށް ކަޅު ފަރަންޖީންނޭ ކިޔައި އުޅުނެވެ. ގަމުގެ މައި މަރުކަޒުން ސިފައިންގެ މަތީ އޮފިސަރުން ވެސް ދޭތެރެ ދޭތެރެއިން މީދޫ ޑިފެންސް ޕޯސްޓަށް ގޮސް އިރުޝާދާއި ތަމްރީނު ދީ އުޅުނެވެ. މިތާގައި މަސައްކަތް ކުރާ މީހުން އުޅެން ފޭލިގެ ގޮތަށް ހަދާފައިވާ ކޭމްޕު ތަކެއް ހުއްޓެވެ. އަދި ބަދިގެއާއި ކާ ގެއެއް ވެސް ހުއްޓެވެ.

ފޭލިގެތަކުގެ ވައު އެއްސުމަށްޓަކައި ތިން ފޫޓު ތިންފޫޓުގެ ވަރުގަދަ ކޮންކްރީޓު ބުޑުތަކެއް ހުއްޓެވެ. މީގެ ގާތްގަޑަކަށް ސާޅީހަކަށް ބުޑު ހުއްޓެވެ. މީން ކޮންމެ ބުޑެއްގައި ދަގަނޑު ބޮޅެއް ހަރުކޮށްފައި ހުރެއެވެ. ފޭލިގެ ތަކާއި ވަކީން ތަންކޮޅެއް ދުރުގައި ހަދާފައިވާ ފާޚާނާ ބަރިއެއްވެސް ހުއްޓެވެ. ފެން ނެގުމަށް ބޮޑު ދެ ފެންވަޅު ބަހައްޓާފައި ހުއްޓެވެ. މި ދެވަޅަކީވެސް އަޑީބައި ކޮންކްރީޓުން ރާނާފައިވާ ދެވަޅެވެ. އިނގިރޭސިން ފޭބުމުން، ރަށުގެ ވެރިން، މިވަޅު ބުރިތައް އުފުރާލައިގެން އެއްގަމަށް ގެނައެވެ. އެތަނުން ބޮޑު ވަޅު ބެހެއްޓީ މީދޫ ހުކުރު މިސްކިތުގެ ގޯތި ތެރޭގައެވެ. އެވަޅަށް ރަށު މީހުން ކިޔާ އުޅުނީ "މާމިސްކިދެ ބޮނޑޮ ވަޑޮ" އެވެ. އަނެއް ވަޅު ބަހައްޓާފައިވަނީ ކޯގަންނުގައި ހުންނަ ފަނޑިޔާރު މިސްކިތުގެ ވަޅަކަށެވެ.

އާއްމު ބޭނުން ތަކަށް ފެން ނަގަން މާއެޅެގައި ވަޅުތައް ބަހައްޓާފައި ހުރި ނަމަވެސް ، ބުއިމަށާއި ކެއްކުން ފަދަ ކަންކަމަށް ބޭނުންވާ ފެން ނަގައި އުޅުނީ މީދޫ މޫސާގެފަންނު މިސްކިތު ވަޅުންނާއި ހުޅުދޫ މާފިށީގައި އިނގިރޭސިން ބެހެއްޓި ބޮޑު ވަޅަކުންނެވެ. މިވަޅުން ނަގާ ފެން އުފުލަނީ އެކަމަށް ޚާއްސަ ލޯރިއެއްގައެވެ. ލަފާ ކުރެވޭ ގޮތުގައި މިވަޅު ތަކުން ފެން ނަގާފައިވާނީ ގަވާއިދުން އެވަޅުތައް ކްލޮރިން ކޮށްގެންނެވެ.

މާފިށީ ވަޅު އަދިވެސް އޭރުގެ ގޮތަށް އެބަހުއްޓެވެ. މި ވަޅުތަކުގެ ކައިރިއަށް ލޯރި ދުއްވަނީ ރަށުގެ ވަށައިގެން އިނގިރޭސިން ހަދާފައިވާ މަގަކުންނެވެ. އެމަގަށް ރަށު މީހުން ކިޔައި އުޅުނީ ލޮރި މަގެވެ. މިމަގަކީ، ގިނަ އަދަދެއްގެ ރުއްގަސް ކޮށުމަށްފަހު ޗަކަކޮށް އޮތް، ބިންއަޑި ސަރަހައްދު ތަކަށް ފަސް އަޅާ ބަރައިގެން ހަދާފައިވާ މަގެކެވެ. މިމަގު ހެދުނީ މެދު ނުކެނޑި ދެ މަސް ދުވަހު މަސައްކަތް ކޮށްގެންނެވެ. މިމަގު ހެދުމުގައި،ރަށުގެ ގިނަ ބަޔަކުވެސް، އިނގިރޭސިންނަށް މަސައްކަތް ކޮށް ދިނެވެ. މަސައްކަތު ދިޔަ މީހުންނަށް އުޖޫރަ އެއްގެ ގޮތުގައި މައިގަނޑު ގޮތެއްގައި ދިނީ ކާބޯ ތަކެއްޗެވެ.

އަސާސީ ބޭސް ފަރުވާއަށްޓަކައި ޑޮކްޓަރަކާއި އެކު އަސްފަތާލޭ ކިޔުނު ތަނެއްވެސް ހުއްޓެވެ. މިތަނަށް އެދުވަސްވަރު މީދޫ މީހުން ކިޔައި އުޅުނީ މާއެޅެ އަސްފަތާލެވެ. އަސްފަތާލެކޭ ކިޔަސް އެއީ ހެލްތު ޕޯސްޓެކެވެ. ބޮޑުކަމެއް ދިމާވެއްޖެނަމަ އެމީހަކު ގެންދަނީ ގަމަށެވެ. އެތެރެވަރީގެ ހޫނުގަދަ ތަނެއްވީމާ އާއްމުކޮށް ދިމާވާ ބައްޔަކަށް އޮތީ މަދިރިއާއި ފެނާއި ކެއުމުގެ ސަބަބުން ކުރިމަތިވާ ކަންކަމެވެ.

ރަށުގެ މާހައުލަކީ ދޮން އިނގިރޭސީންނާ އެއްގޮތަކަށް ވެސް ނުގުޅޭ މާހައުލަކަށްވާތީ އެމީހުން ބަލިވުން އޮތީ ވަރަށް އާއްމު ކަމެއްގެ ގޮތުގައެވެ. ހަމުގައި ކޫރުމެއް އެޅުނަސް އެތަނެއް ފާރުވެ ފަސޭހަ ނުވާކަމަށް ކިޔައެވެ. އެހެން އެވަނީ އިނގިރޭސިންވެސް ގަބޫލުކުރާގޮތުގައި މޭވާ އާއި ތަރުކާރީ އަދި އެއްގަމު މަސް ގިނަގިނައިން ކާން ނުލިބޭތީ އެވެ. ސިފައިންގެ އިތުރުން ރަށު މީހުންގެ ތެރެއިން ބަލިވާ މީހުންނަށް ވެސް މި އަސްފަތާލުން ފަރުވާ ދީފައިވެއެވެ. އަސްފަތާލެއްގެ އިތުރުން މުނިފޫހި ފިލުވުމަށްޓަކައި ކުޅިވަރު ކުޅޭނެ ހޯލެއްވެސް ހުރި ކަމަށްވެއެވެ. އަދި ފުޓްބޯޅައާއި އެހެނިހެން ކުޅިވަރު ކުޅޭނެ ދަނޑެއްވެސް ހަދާފައި އޮތެވެ.

ޑިފެންސް ޕޯސްޓްގެ މީހުންނާއި ރަށު މީހުންގެ ގުޅުން

އެދުވަސްވަރުގެ މާއެޅެ ސަރަހައްދަކީ ރަށު މީހުން އާބާދުވެގެން އުޅުނު ސަރަހައްދާއި ވަރަށް ދުރު ހިސާބެކެވެ. ބައިސިކަލެއް ނުވަތަ މޮޓޯރ ސައިކަލެއް ނުހުރެއެވެ. ފައިމަގުގައި ހިނގާން ޖެހެނީ ދިގު ހިނގުމެކެވެ. އެހެންވެ ރަށު މީހުން އެސަރަހައްދަށް އާއްމުކޮށް ގޮހެއް ނޫޅެވެ. އެތާގައި އުޅޭ ސިފައިންގެ ކުއްލި ހަރަކާތްތައް ހުންނަ ގޮތުން ރަށުގެ ގިނަ މީހުން ބިރުވެސް ގަނެއެވެ. މާއެޅެ އިނގިރޭސިން އުޅޭ ސަރަހައްދު ބަލައިލާން ދާ މީހަކަށްވެސް ސިފައިންގެ މީހުން ފެންނާނީ ކޮންމެވެސް ރުކެއް ނުވަތަ ގަހަކާއި ނިވާވެގެން ހުރެފައި ސިއްސައިގެންދާ ގޮތަށް ހަމަ ކުއްލިއަކަށެވެ. އެމީހުން މި ސަކަރާތެއް ޖަހަނީވެސް ރަށު މީހުން ބިރު ގަންނަކަން އެނގޭތީ ގަސްތުގައި ބިރު ގެންނެވުމަށެވެ.

ރަށުގެ އަންހެނުންގެ ތެރެއިން އެތަނަށް ދާން ކެރެނީ ވަރަށް މަދު ބަޔަކަށެވެ. އަންހެނަކު ފެނިއްޖެނަމަ އަތުގައި ހިފައި ހައްޔަރު ކުރާ ކަމަށް ވެއެވެ. އެހެން ހެދުމުން އެ އަންހެނަކު މުހުއްމާއިދިއޭ މުހުއްމާއިދިއޭ ކިޔައި ވަރަށް ބާރަށް ގޮވާ ކަމަށް ވެއެވެ. އެ ގޮވުމެއް ގޮވަނީ އޭރު މީދޫ ކަތީބު ދެށިނާގެ މުހުއްމައިދީ އަށެވެ.

ރަށު މީހުންނަށް ހީވެފައި އޮންނަނީ ފެންނާ މަނިކުފާނަށް ގޮވީމާ ދޮން އިނގިރޭސިންނާއި ކަޅު ފަރަންޖީން ވެސް ވަރަށް ބިރު ގަންނާނެ ކަމަށެވެ. އަންހެންވެރިންނާއި ފޮށުމުގެ ކަންތައް ބޮޑަށް އަންނަނީ ކަޅު އިނގިރޭސިންގެ ފަރާތުންނެވެ. މި ފޮށުމެއް މިހެން އަޔަސް ރަށު މީހުންނަށް އިނގިރޭސިން ޖުމްލަގޮތެއްގައި ވަރަށް ހެޔޮކަމަށް ވެއެވެެ.

ރަށުގެ ބައެއް މީހުން އެތާނގެ ބަދިގޭގައި މަސައްކަތް ކޮށް ދޭން އުޅުނެވެ. މި މީހުން ބަދިގޭ މަސައްކަތް ނިމިގެން ގެއަށް ދާއިރު އެންމެ ރަނގަޅަށް ކާއެެއްޗެހި ލިބެއެވެ. ރަށު މީހުން އެތާނގެ ބަދިގެއަށް ކިޔާ އުޅުނީ މާއެޅެ ބަދިގެއެވެ. ބަދިގޭގައި މަސައްކަތް ކުރާ މީހުން ނޫނަސް، ކާ އެެެއްޗެއް ބޭނުންވެގެން މާއެޅެ ބަދިގެ ކާރިއަށް ދާ މީސް މީހުންނަށް ކާބޯ ތަކެތި ލިބެއެވެ. ރަށު މީހުން ވެސް މޭވާއާއި ކުކުޅާއި ބިހާއި ފަލަމަޑީގެ ބާވަތްތައް މާއެޅެ މީހުންނަށް ވިއްކައި އުޅުނެވެ. އެއިގެ ބަދަލުގައި ކާޑުގެ ބާވަތްތަކާއި އަލުވި، ގެރި ކިރު އަދި ޑޮންޑޮން ފަދަ ތަކެތި ރަށު މީހުން އަތުލައެވެ. ސިފައިން ރަށުތެރެއަށް އާއްމުކޮށް ގޮސް އުޅުނީ ފެން ނަގާން ލޯރީގައެވެ. އެނޫން ހާލަތެއްގައި އެއިން މީހަކު ރަށު ތެރެއަށް އަރައި އުޅުނީ މަދު ފަހަރެއްގައެވެ.

ޑިފެންސް ޕޯސްޓުގެ އިންޖިނިއަރިން މަސައްކަތުގައި އިސްކޮށް އުޅުނު އިނގިރޭސި މީހާއަށް ރަށު މީހުން ކިޔައި އުޅުނު ނަމަކީ މެލަ މޭސްތިރީ އެވެ. އެކިކަންކަމުގައި ސައިކަލެއްގައި މީނާ ދޭތެރެއަކުން ރަށުގެ އާބާދުވެފައިވާ ސަރަހައްދަށް އައިސް އުޅުނެވެ. މީނާއަށް މެލަ މޭސްތިރީ ކިޔަން ޖެހުނު ވަކި ސަބަބެއް އެގޭކަށް ނެތެވެ. ގަބޫލު ކުރެވޭ ގޮތުގައި މީނާގެ ކާކީ ޔުނިފޯމުގައި ދަބަރާއި ކިލާ އުގުޅިފައި ހުންނާތީ ދާވެފައި ހުންނަ ނަޖިސް މީހަކަށް ބަލައިގެން އެނަން ދިނީއެވެ. ކޮންމެއަކަސް އިނގިރޭސިންގެ ތެރެއިން ރަށު މީހުންނަށް އެންމެ ގިނައިން ފެނުނު މީހަކީ މި މެލަ މޭސްތިރީއެވެ.

މާއެޅެ ޑިފެންސް ޕޯސްޓުގައި އިނގިރޭސިން ތިބިއިރު އެމީހުން ކުއްތާ އެއް ގެންގުޅުނެވެ. މިއީ ކޮން ބޭނުމެއްގައި ގެންގުޅުނު ކުއްތާތަކެއްކަން އެގޭކަށް ނެތެވެ. ފަހަރުގައި އެއީ ފުލުސް ކުއްތާއެއް ކަމުގައި ވެދާނެއެވެ. ނޫނީ އެއީ ރަށު މީހުންގެ ތުރާލެއް އަތުވެއްޖައީ ވިއްޔާ އެމީހުން މައިތިރިކުރަން ގެންގުޅުނު އެއްޗަކަށް ވެސް ވެދާނެއެވެ. ކޮންމެއަކަސް ރަށުގެ ބައެއް މީހުންގެ ގައިގައި މި ކުއްތާ ބީހިގެން ޝަރީއަތުގައި ތާހިރުވާންޖެހޭ ކަމަށް ފޮތުގައި ބަޔާންކޮށްފައި އޮންނަ ގޮތައް ހަތް ފެނުން ތާހިރުވާން ޖެހުނު ކަމަށް ކިޔައި އުޅެއެވެ.

ހަނގުރާމައިގެ އާސާރު ދެމެހެއްޓުމުގެ ޚިޔާލު

މީދޫ މާއެޅެ ޑިފެންސް ޕޯސްޓުގައި ގާއިމުކުރި ބިނާތަކުގެ އާސާރުން ބައެއް މިހާރުވެސް ފެންނާން އެބަހުއްޓެވެ. މި އާސާރުތައް ފެންނާން ހުރުމާއިއެކު މާއެޅެ ނުވަތަ އެރަށު މީހުން އާއްމުގޮތެއްގައި ކިޔާ ގޮތަށް "ދެބަޑި ދޭތެރެ" ސަރަހައްދަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ތާރީޚީ ސައިޓެއް ކަމަށް ބަލަން ޖެހެއެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ މިފަދަ ސައިޓުތަކާއި އާސާރުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރުމަށް ވޯލްޑް ވޯރ ޓޫ ހެރިޓޭޖް އަދި ވޯލްޑް ވޯރ ޓޫ މެމޯރިއަލްގެ ނަމުގައި ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގެ ޖަމިއްޔާ ޖަމާއަތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ސިންގަޕޫރާއި އަދިވެސް އެނޫން ބައެއް ގައުމު ތަކުގައި ދެވަނަ ބޮޑު ހަނގުރާމައިގެ އާސާރުތައް ހިމާޔަތް ކޮށް ބަލަހައްޓަނީ ސީދާ އެގައުމެއްގެ ނޭޝަނަލް ހެރިޓޭޖް އޮފީހުންނެވެ. އެންޖީއޯ ތަކާއި ސަރުކާރުތަކުގެ އެއްބާރު ލުމާއި އެކު އެފަދަ ގައުމުތަކުގައި މިފަދަ ސައިޓުތަކާއި ހަނގުރާމައާއި ގުޅޭ ވަރަށް ގިނަ ތަކެތި ވަނީ ހިމާޔަތް ކުރެވިފައެވެ. އަދި އެފަދަ ތަންތަން ރަމްޒުކޮށްދޭ ހަނދާނީ ބިނާތަކާއި ދާރުލްއާސާރު ތަކާއި މާލަންތައް ވެސް ވަނީ ތަރައްގީ ކުރެވިފައެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ އާސާރުތައް ބައެއް ގައުމުތަކުގައި ހިމާޔަތް ކުރެވިފައި ވީ ނަމަވެސް ދިވެހިރާއްޖެ ފަދަ ގައުމު ތަކުގައިވާ އެފަދަ ސައިޓުތައް ވަނީ ވީރާނާ ވެފައެވެ. އެހެންކަމުން އެ ހަނގުރާމައާއި ބެހޭ ވަރަށް ގިނަ ރިކޯޑްތައް ދުނިޔޭގެ އަސްކަރީ އަދަބިއްޔާތުގެ ސަފުހާތަކުގައި އަދިވެސް އޮތީ ނުލިޔެވިއެވެ. ލިޔެވިފައިވާ ގިނަ މައުލޫމާތު ތަކަކީވެސް ފުރިހަމަ ނުވާ މައުލޫމާތު ތަކެކެވެ. މިގޮތުން ބަލާއިރު އައްޑޫ ގަމުގައި ގާއިމު ކުރި ޕޯރޓް-ޓީގެ މައި މަރުކަޒާއި ބެހޭ މައުލޫމާތު ލިބެން ހުރި ނަމަވެސް، އެމަރުކަޒާއި އެކު އައްޑު އަތޮޅު ހިތަދޫ، މީދޫ، ވިލިގިލި އަދި ހެރަތެރޭގައި ގާއިމު ކުރި ފެސިލިޓީސް ތަކާއި ބެހޭ ތަފްސީލީ މައުލޫމާތެއް ފެންނާކަށް ނެތެވެ.
Gun-Battery

ޚާއްސަކޮށް މީދޫ ޑިފެންސް ޕޯސްޓުގައި އިނގިރޭސި ސިފައިން އުޅެފައިވާ ކަމުގެ ތަފްސީލީ މައުލޫމާތެއް އާއްމު ސައިޓަކުން ވިޔަސް އަދި ހަނގުރާމައިގެ އަސްކަރީ އަދަބިއްޔާތުގެ ތެރެއިންވިޔަސް ފެންނާކަށް ނެތެވެ. ދިވެހި ސަރުކާރުގެ ރަސްމީ ލިޔުމަކުން ވެސް މީދޫގައި އިގިރޭސި ސިފައިން ތިބުމުގެ ހުއްދަ ދިންކަން އެނގޭކަށް ނެތެވެ. ގަމުގައި މަރުކަޒެއް ގާއިމު ކުރުމަށް ދިން ހުއްދައިގެ ދަށުން އަތޮޅުގެ ކޮންމެ ރަށެއްގައިވެސް ޑިފެންސް ޕޯސްޓް ހެދުން ހުއްދަ ވެފައި އޮތީ ތޯއްޗެކެވެ.

ކޮންމެއަކަސް، މީދޫގައި ޑިފެންސް ޕޯސްޓް ހެދީ ސަރުކާރުގެ ރުހުން އޮވެގެންކަމާއި ސަރުކާރަށް އެނގިގެން ކަމަށް ޔަގީން ކުރެވެއެވެ. މިކަން އެނގެނީ އިގިރޭސިން މީދޫ ގައި ގާއިމުވި ދުވަހުން ފެށިގެން ދިވެހި ސަރުކާރުގެ ފަރާތުން ފޮނުވާފައި ހުރި ފުލުސް އޮފްސަރ އަކު މީދޫގައި އުޅުނެވެ.

އޭނާގެ ނަމަކީ ޑާޑާ ކާސިން ކަލޭގެ ފާނެވެ. އޭނާގެ ރޯލަކީ ސަރުކާރުން ނުރުހޭ ފަދަ ކަމެއް މިމީހުންގެ ފަރާތުން ހިނގާތޯ ބެލުމާއި އަދި ރަށުމީހުންނާއި އެމީހުންނާއި މެދު ހިނގާ މުއާމަލާތު ތައް ބަލާ ސަރުކާރަށް މައުލޫމާތު ފޯރު ކޮށް ދިނުމެވެ. މިދެންނެވި ފުލުސް އޮފިސަރ އުޅުނީ މާއެޅެ ސަރަހައްދުގައި އިނގިރޭސިން ތިބޭ ހިސާބާ ތަންކޮޅެއް ދުރުގައި ވަކިން އަޅާފައިވާ ކުޑަ ގެއެއްގައެވެ.

މީދޫ މާއެޅެ ސަރަހައްދުގެ ގާތްގަޑަކަށް 50 ހެކްޓަރުގެ ސަރަހައްދެއްގައި އިނގިރޭސި އަސްކަރިއްޔާގެ ފަރާތުން ހަނގުރާމައިގެ ވަސީލަތްތަކެއް ގާއިމުކޮށް އެތާގައި ފަސް އަހަރުވަންދެން އުޅުނު އުޅުމަކީ، ލިޔެވިފައިވާ ތަފްސީލް ރިކޯޑެއް އޮންނަން ނުޖެހޭ ވަރުގެ އާދައިގެ ކަމެއް ނޫނެވެ. އެތާގައި އިނގިރޭސި ސިފައިން އުޅުނު މަންޒަރު ދުށް އަދި ރަނގަޅަށް ހަނދާން ހުރި މީހުން މިހާރުވެސް ދުނިޔޭގައި އެބަ ތިއްބެވެ.

އިނގިރޭސި ސިފައިން ގާއިމު ކުރި ބިނާތަކާއި ބަޑިދާން ތަކުގެ މުހިއްމު ބައިތައް އަދިވެސް ފެންނާން އެހެރީއެވެ. އެހެންވީމާ މިހާތަނަށް ބަޔަކު އެވާހަކަ ލިޔެފައި ނެތަސް މި ރިކޯޑުތައް ކޮންމެވެސް ބަޔަކު ލިޔެ، ތާރީޚަށްޓަކައި ރައްކާކުރަން ޖެހެއެވެ. ކުރީގައި ލިޔެވިފައި ނެތުމަކީ ފަހުން ލިޔާން ނުޖެހުމަށް އޮތް ހުއްޖަތެއް ނޫނެވެ.

ސައިޓުގައި ގެންގުޅުނު ހަތިޔާރު

މާއެޅެ ޑިފެންސް ޕޯސްޓަކީ ހަނގުރާމައިގެ އެއްވެސް ކަމެއް އަމަލީ ގޮތުން ތަމްސީލުވި ތަނެއް ނޫނެވެ. އެތާކު ހަމަލާތަކެއް ނުހިގައެވެ. އެހެންނަމަވެސް ތަން ޑިޒައިން ކުރެވިފައިވަނީ އަތޮޅުގެ އިރު އުތުރު ފަރާތުގެ ދިފާއާއި އޮބްޒަރވޭޝަނަށް ކަމަށްވާތީ މިކަމަށް ބޭނުންވާ ހުރިހާ ހަތިޔާރެއް ހުއްޓެވެ. މިތަނުގެ އެންމެ ބޮޑު ދެ ހަތިޔާރަކީ ބޮޑު ބަޑީގެ ދެ ބަޑިއެވެ. އެއީ ބަޑިދާނުގެ މަތީގައި ބެހެއްޓިފައިވާ " ކޯސްޓަލް އާޓިލަރީ 6 އިންޗީސް ބެޓެރީސް" އޭ ކިޔާ ވައްތަރުގެ ދެ ބަޑި އެވެ. އަތޮޅާއި ކައިރިވާ ދުޝްމަނުންގެ މަނަވަރުތަކާއި ބޯޓުތަކަށް ދިހަ މޭލު ދުރުންވެސް ހަމަލަދެވޭ ވަރުގެ ދެ ބަޑި އެވެ.

އިންޑިޔާ ކަނޑުގެ ސަލާމަތަށް އޭރު އޮތް އެންމެ ބޮޑު ނުރައްކަލަކީ ޖަޕާނުގެ ސަބްމެރީން ކަމަށްވާތީ ސަބްމެރީނަށް ހަމަލަ ދެވޭ ޒާތުގެ ޗާޖަރ ގެންގުޅުނެވެ. މި ހަތިޔާރަކީ މަނަވަރު ފަހަރުގައި އާއްމުކޮށް ގެންގުޅޭ އެއްޗަކަށް ވިޔަސް މާއެޅެ ޑިފެންސް ޕޯސްޓު ހުރީ މާކަނޑާ ހަމަޖެހިގެން ކަމަށްވާތީ މިޒާތުގެ ޗާރޖަރ ފޮނުވާލެވޭ ހަތިޔާރު ވެސް ގެންގުޅުނެވެ. މެޝިން ބަޑިއާއި ރައިފަލް ހުއްޓެވެ.

ހަމައެހެންމެ މަތިންދާބޯޓަށް ހަމަލަދޭ ޒާތުގެ އެންޓިއެއަރކްރާފްޓް ބޮޑު ބަޑިވެސް ހުއްޓެވެ. އެކަމަކު އެތަނުގައި ގެންގުޅުނު ގިނަ ހަތިޔާރުގެ ފުރިހަމަ މައުލޫމާތެއް އެނގޭކަށް ނެތެވެ. އޭގެ ސަބަބަކީ އިނގިރޭސި މިލިޓަރީ އެއްވެސް ޑޮކިއުމަންޓެއްގައި މިކަމާއި ގުޅޭ ތަފްސީލް މައުލޫމާތު ހާމަކޮށްފައި ނެތުމެވެ.

އިނގިރޭސި ސިފައިން މާއެޅުން ފޭބުން

ދެވަނަ ބޮޑު ހަނގުރާމަ ނިމުނު ކަމަށް ރަސްމީކޮށް އިއުލާން ކުރުމުގެ ކުރީން، އާދެ 1944 މ. ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ގަމުގެ މަރުކަޒުގެ މިލިޓަރީ އޮޕަރޭޝަން ހުއްޓާލައިފިއެވެ. އެއާއި އެކު ގަމާއި ވިލިގިނލީގައި ހުރި ގިނަ ހަތިޔާރު ތައް އިނގިރޭސިންގެ އެހެން މަރުކަޒު ތަަކަށް ގެން ދިޔައެވެ. ގަމުގައި ބަހައްޓާފައި ދިޔައީ ހަތަރު "ބޯފޯސް އެންޓި އެއަރކްރާފްޓް ގަން" އެވެ.

ގަމުގެ ބްރިޓިޝް ވޯ މެމޯރިއަލް ސައިޓުގައި މިހާރުވެސް ފެންނާން ހުރީ މިދެންނެވި ބޮޑު ބަޑި ކަމަށް ގަބޫލު ކުރެވެއެވެ. ކޮންމެއަކަސް ، އިނގިރޭސި ސިފައިން ގަމުގެ މައި މަރުކަޒުން ފައިބައިގެން ދިޔަ އިރު ދިޔައީ، ހިތަދޫ އާއި މީދޫގައި ހުރި ބޮޑު ބަޑިތައް ރޫޅާލުމަށް ފަހު ، ބޭނުން ނުކުރެވޭ ގޮތް ހަދާފައި ބަޑިދާން މަތީގައި ހުރި ގޮތައް ބަހައްޓާފައެެވެ.
މީދޫ ސައިޓުން ގެން ދިޔަ ކަމަށް ވަނީ ހަމަ އެކަނި އެމީހުން މަސައްކަތް ކުރަން ގެންގެޅުނު ފޯކް ލިފްޓާއި ބޮޑެތި ލޯރި ފަދަ ތަކެއްޗެވެ.

ފޭލިގެތަކާއި ދެން ހުރި ހުރިހާ ބިނާ ތަކެއް ވެސް އެހުރި ގޮތަށް ދޫކޮށްފަ ދިޔައީއެވެ. މީގެ އިތުރުން ދޫކޮށްފަ ދިޔަ ތަކެތީގެ ތެރޭގައި ، ވާވެލާ ވެއްޔާއި، ފިފާ ތަކާއި ،ޓިނާއި ،އެކި ފަލަ މިނުގެ ލޮއި ނަރާއި އަދި ބޯޓް ދެލި ހިމެނެއެވެ. މީދޫ މާއެޅެ ސަރަހައްދުގައި އެމީހުން ބޯޓް ދެލި ވަޅުލާފައި ހުރި ސަރަހައްދުން ދާދި ފަހުންވެސް ބޯޓް ދެލި ފެނިފައި ވެއެވެ.

ސައިޓްގައި ހުރި ތަކެތީގެ މިހާރުގެ ހާލަތު

މީދޫ ޑިފެންސް ޕޯސްޓްގައިވާ އެންމެ ފާހަގަ ކޮށްލެވޭ އެއްޗަކީ ރަށު މީހުން ކިޔާގޮތުން ނަމަ ދެ ބަޑި ބުރުޒެވެ. ބަޑި ބުރުޒުގެ އަސްލު މާނައަކީ ބަޑި ބަހައްޓާ ކިއްލާ އެވެ. ވީމާ މިލިޔުމުގައި އަޅުގަނޑު ބޭނުން ކުރާ ހިތްވަނީ ބަޑިދާން މިބަހެވެ. މި ބަޑިދާން (ގަން އެމްޕްލޭސްމެންޓް) އަކީ ހިލަ ކޮންކްރީޓުން ހަދާފައިވާ ބޮޑު ދެ ބްލޮކެވެ. އޭގެ ސައިޒަކީ ގާތް ގަޑަކަށް 14 ފޫޓް 14 ފޫޓެވެ.

މީން ކޮންމެ ބަޑިދާނެއްގެ މެދުގައި ދަގަނޑު ތޭރިތައް ޖަހައި ރިންގެއް ގޮތަށް ހަދާފައިވެއެވެ. އެއީ ބަޑި އެކި ފަރާތް ފަރާތައް އަނބުރާން ވެގެން ހުންނަ ބަޑި ހަރެކެވެ. ކުރީ ޒަމާނުގައި ރަށު މީހުން ވަނީ މި ދެ ބުލޮކްގެ މަތިން ދެތިން ފަށަލައެއް ތަޅާލައިފައެވެ. އެއީ ދަނގަޑުގެ ބޭނުމުގައެވެ. މިދެ ބަޑިދާނަކީ ކުރީން ރަށުގެ ހޭޅިފަށަށް ވުރެ އެއްގަމުގައި ހަދާފައިވާ ދެ އެއްޗެވެ. ނަމަވެސް ފާއިތުވެ ދިޔަ ފަންސާހަކަށް އަހަރުގެ ތެރޭގައި އެސަރަހައްދުގެ ހޭޅިފަށުން ވަރަށް ބޮޑު ބައެއް ގިރައިގެން ދިއުމުގެ ސަބަބުން ، މިހާރު މިދެ ބަޑިދާންވެސް ވަނީ އެއްގަމުން ވަކިވެ މޫދުގައެވެ.
533933_447323078699718_223924278_n

ބަޑިދާނުގެ އިތުރަށް ދެން މިހާރު ފެންނަން ހުރީ، މުގުރި ހަލާކު ވެފައިވާ ބިންގަރާހެއްގެ އެެއް ބައެވެ. މިބިންގަރާހަކީވެސް ކުރީން ރަށުގެ ހޭޅިފަށަށް ވުރެ އެއްގަމުގެ ބިމު އަޑީގައި ހަދާފައިވާ ބިންގަރާހެކެވެ. ނަމަވެސް ކުރީގައިވެސް ބުނި ފަދައިން އެސަރަހައްދުގެ ބޮޑު ބައެއް ގިރައިގެން ދިއުމުން މި ބިންގަރާހުގެ ބައި ވެސް މިހާރު ހުރީ ރާޅު ޖަހާ ހިސާބު ގޮނޑު ދޮށުގައެވެ. ކުރީން ބިމު އަޑީގައި ހުރި އެތި މިހާރު އެ ފެންނަނީ މުޅީން ވެލިގަނޑުގެ މަތީންނެވެ.

ހިތާމައާއިއެކު ފާހަގަކޮށްލަން ޖެހެނީ މި ސައިޓުގައިވާ އާސާރުތައް ވަރަށް ބޮޑަށް ވީރާނާވެ އެއިގެ ހައިބަތު ގެއްލިފައިވާ ކަމެވެ. ލޮލަށް ފެންނަ ފެނުމުގައި މިއީ ތިން ގާގަޑު ކަމަށް ވިޔަސް މިތަކެތީގެ ތާރީޚީ އަގު ކިތަންމެހާ ވެސް ބޮޑެވެ. މިސައިޓް އަވަސް ގޮތަކުން ހިމާޔަތް ނުކުރެވިއްޖެ ނަމަ ގެއްލިގެން ދާނީ އަގުހުރި ތާރީޚީ އާސާރެކެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ އާސާރީ ތަރިކައެކެވެ. ކޮންމެ ގައުމެއްގައި ވެސް މިގޮތަށް ހުންނަ ތަކެއްޗަކީ އެބައެއްގެ ގައުމީ އާސާރުތަކެވެ.

ސައިޓުގައިވާ އާސާރުތައް ނެތުމުގެ ސަބަބު

މާއެޅެ ޑިފެންސް ޕޯސްޓުން އިނގިރޭސިން ފައިބައިގެން ދިޔަ އިރު އެސައިޓްގައި ހުރި ބިނާތައް ރޫޅާ ލުމަށްފަހު ޓިނާއި ދަނގަޑާއި ކޮންކްރީޓް ބްލޮކް ފަދަ ތަކެތި ރަށުމީހުން ނަގާފައި ވެއެވެ. ބަޑިދާން މަތީގައި ބަހައްޓާފައި ދިޔަ ބޮޑު ބަޑީގެ ތޮށިގަނޑުވެސް ދަނގަޑުގެ ބޭނުމުގައި އެކިފަހަރު މަތިން ކީހައިގެން ނަގާ ސުންނާފަތި ކޮށްލީއެވެ. މީގެ އިތުރުން ސަރަހައްދު ނިވައިކުރުމުގެ ގޮތުން އެމީހުން އިންދައި ހެއްދި ބިޔަ ގަސްތައްވެސް ވަނީ ކަނޑާ ހުސްކޮށްފައެވެ. ދާދިފަހަކާ ހަމައަށް އާދައިގެ ސައިޒުގެ ދެ ނިކަގަހެއް ހުއްޓެވެ.

ބަޑިދާންތައް ހަލާކުވުމުގެ ސަބަބަކީ މީހުންނާއި މޫސުމެވެ. އޭގައިވާ ދަގަނޑުގެ ބޭނުމުގައި ކީހައިގެންނާއި ތަޅާލައިގެން ބައެއް ފަށަލަތައް ވަނީ ނައްތާލައިފައެވެ. ދެން އެ ދެ ބްލޮކްވެސް މިހާރުވީ މޫދުގައެވެ. ބިންގަރާސްތައް ހަލާކުވުމުގެ ސަބަބަކީ މީހުންނެވެ. 1970 ގެ އަހަރުތަކުގެ ތެރޭގައި ހުޅުދޫގައި ބަނދެފައިވާ ބޯޓު ފަހަރުގެ އެކި މަސައްކަތްތަކަށް ދަގަނޑު ބޭނުންވެގެން ބިންގަރާސްތަކުގެ ކޮންކްރީޓް ގަނޑު ތަޅައިލައި ދަގަނޑު ކީހައިގެން ގެންގޮސްފައިވެއެވެ.

ފޭލިގެ ބުޑުތައް ވެސް ނެތިގެން ދިޔައީ ހަމަ މި އުސޫލުންނެވެ. މިހާރު ފެންނަން ހުރި ބިންގަރާހުގެ މަތީބައި ހަލާކުވެގެންދިޔައީ މީދޫ މީހުން އޭގެ މަތީގައި މަސް ފިހުމާއި އެނޫންވެސް ކަންތަކަށް އަލިފާން އެންދުމުގެ ސަބަބުންނެވެ. ދެން ދަގަނޑުގެ ބޭނުމުގައި ކޮންކްރީޓު ތަލާލުމުންނެވެ. މިކަން ކުރަނީ ބައެއް ފަހަރު ދޯނިފަހަރުގެ ނަގިލި ތައްޔާރުކުރުމުގެ ގޮތުންނެވެ.

ވޯލްޑް ވޯރ ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ތަރައްގީ ކުރުން

މީދޫ މާއެޅެ ސަރަހައްދުގައި މިހާރު ހުރި އާސާރެއް ވިއްޔާ އެ އެއްޗެއް ހިމާޔަތް ކުރެވޭ ގޮތަށް އެސައިޓް ތަރައްގީ ކޮށްފިނަމަ އެތަން ވެގެން ދާނީ މީދޫގެ މުހިއްމު ޓޫރިސްޓް އެޓްރެކްޝަނަކަށެވެ. ޚާއްސަކޮށް އިނގިރޭސި އަދި ޔޫރަޕާއި އެމެރިކާ ޓޫރިސްޓުންގެ ޝައުގުވެރިކަން ބޮޑު ތަނަކަށް ހެދިދާނެއެވެ. އެތަނަކީ އިނގިރޭސިންގެ އަސްކަރިއްޔާއިން ބިނާކޮށްފައިވާ އިނގިރޭސިން ފަޚުރުވެރިވާ، އެމީހުންގެ ތާރީޚާއި ގުޅިފައިވާ ތަނެކެވެ.

ސައިޓް މާކެޓް ކުރާނީ ހަމައެގޮތަށެވެ. ދިވެހިރާއްޖެފަދަ އެކަހެރި ގައުމެއްގެ އެކަހެރި ރަށެއްގައި މީގެ 75 އަހަރު ކުރިން އިނގިރޭސިން ކޮށްފައިވާ މިފަދަ މަސައްކަތެއްގެ ނިޝާން ފެނުމަކީ އެމީހުންނަށް ވަރަށް ޚާއްސަ އުފަލެއް ލިބޭނެ ކަމެކެވެ. މިސައިޓް ހިމާޔަތް ކުރާއިރު ގަމުގެ ވޯރ މެމޯރިއަލް މޮނިއުމެންޓް ނަމޫނާ އަކަށް ބަލައިގެން އެމަސައްކަތް ކޮށްފީވިއްޔާ ރީތިވެފައި އޭގެ ހައިބަތު ވެސް އިތުރު ވެގެންދާނެއެވެ.

ދާދިފަހުން ހެރެތެރެ ރިސޯޓަށް ޒިޔާރަތް ކުރި އިނގިރޭސި މުސްކުޅި ދެމަފިރިއަކު އަމިއްލައަށް އެދިގެން މީދޫ މާއެޅެ ސަރަހައްދު ބަލައިލާން ދިޔައެވެ. އެއީ އެތާގައި ބޮޑު ބަޑި ބެހެއްޓި ދެ ބަޑިދާނާއި ބިންގަރާސްތަކުގެ ވަޅުތައް ބަލައިލުމަށްޓަކައެވެ. ހުޅުދޫ މާފިށީގައި އިނގިރޭސިން ބެހެއްޓި ބޮޑު ވަޅު ބަލައިލާން ވެސް ދިޔައެވެ. ފިރިހެން މީހާ ބުނި ގޮތުގައި އޭނާ އަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އިނގިރޭސި އަސްކަރިއްޔާގައި މަސައްކަތްކުރި މީހެކެވެ.

އައްޑޫ ގަމުގެ މަރުކަޒާއި މާއެޅެ ޑިފެންސް ޕޯސްޓްގައި ވެސް މަސައްކަތް ކުރިއެވެ. އަދި މާފިށީގައި ވަޅު ބެހެއްޓުމުގައި އިސްވެ މަސައްކަތް ކުރީވެސް އޭނާއެވެ. އޭނާގެ ވާހަކައިންވެސް އެނގެނީ އިނގިރޭސިންގެ ތާރީޚާއި ގުޅިފައިވާ ތަންތަނަކީ އެމީހުން ނުހަނު ޝައުގުވެރިވާ އަދި އެމީހުނަށް މުގައްދަސް ތަންތަން ކަމެވެ.

2010 މ.ވަނަ އަހަރު މާރޗް މަހުގެ ތެރޭގައި ގަމުގެ އީކުއޭޓަރ ވިލެޖްގައި ޗުއްޓީ ހޭދަކުރާން ދިޔަ އާރްއޭއެފް ރިޔޫނިއަންގެ 28 މީހުންގެ ގްރޫޕެއް ވެސް މީދޫ މާއެޅެ ސައިޓް ބަލައިލާން ޒިޔާރަތް ކުރިއެވެ. އެހެންވީމާ ވޯލްޑް ވޯރ ހެރިޓޭޖް ސައިޓެއްގެ ގޮތުގައި މި ސައިޓް ހިމާޔަތް ވާނޭހެން ތަރައްގީކޮށް ސައިޓް ބަލާލަން ޒިޔާރަތް ކުރާ މެހްމާނުންނަށް ކާރުފަދަ އުޅަނދުތަކުގައި ފަސޭހައިން ދެވޭނޭހެން މަގު ހަދަން އެބަޖެހެއެވެ.

އޭރުން އައްޑޫގެ ހުރިހާ ރިސޯޓް އަދި ގެސްޓް ހައުސް ތަކަށް އަންނަ ޓޫރިސްޓުންނަށް ޓުއަރ ގައިޑް އިންފޯމޭޝަންގެ ގޮތުގައި ވެސް މި ސައިޓްގެ ވާހަކަ ކިޔައި ދެވިދާނެއެވެ. ގިނަ ޓުއަރިސްޓުން ޒިޔާރަތް ކުރާ ތަނަކަށް ހެދިދާނެއެވެ. މިފަދަ ސައިޓް ތަކަށް ޝައުގުވެރިކަން ހުންނަނީ ހަމަ އެކަނި ބޭރު ގައުމު ތަކުން އަންނަ މެހުމާނުންނެއް ނޫނެވެ. ރާއްޖޭގެ އެހެން ރަށްރަށުން މީދުއަށް ޒިޔާރަތް ކުރާ މެހުމާނުންނަށް ވެސް މިތަން ވެގެން ދާނީ ޚާއްސަ ތަނެއްގެ ގޮތުގައެވެ. އެންމެ ގިނަ ސެލްފީ ނަގާނެ ޚާއްސަ ލޮކޭޝަނަކީވެސް މިސައިޓް ކަމަށް ހެދިދާނެއެވެ.

މި ލިޔުން ނިންމައިލުން

މި ލިޔުމުގެ ބޭނުމަކީ މީދޫ މާއެޅެ ޑިފެންސް ޕޯސްޓާއި ބެހޭ ގޮތުން ކޮންމެވެސް ވަރެއްގެ މައުލޫމާތު ހާމަކުރުމާއިއެކު އެތަނަކީ ކިހާ މުހިއްމު ތަނެއް ކަމާއި އަދި އެތަން ހިމާޔަތް ކުރުމުގެ ބޭނުން ތެރިކަން ޒުވާން ޖީލުގެ ސަމާލު ކަމަށް ގެނައުމެވެ. މީދޫގެ އިތުރުން ހިތަދޫ ކޯއްޓޭ ސަރަހައްދާއި، ވިލިގިލި އަދި މަރަދޫ ވެންބޮޅަފިށީގައިވެސް އިނގިރޭސިން އުޅުނެވެ. އެތަންތާގައިވެސް ހަމަ މިޒާތުގެ އޮޕަރޭޝަންތައް ހިންގި އެވެ. އެކަމަކު އެއިންތަނެއްގެ ތާރީޚާއި ބެހޭގޮތުން މާތަފްސީލީ ލިޔުމެއް އަދި ނުލިޔެވެއެވެ. ލިޔެވިފައި އޮތަސް އެޔެއް ނުފެނެއެވެ. އެހެންވީމާ އެފަދަ ތަންތަނުގެ ތާރީޚު ލިޔާން ހިތްވަރު ދިނުމަކީވެސް މި ލިޔުމުގެ އެއްބޭނުމެވެ.

މި ހުރިހާ މައުލޫމާތެއް އެއްކުރެވުނީމާ އޭގެ އެހީގައި ފަހުން އިތުރަށް ރިސާޗް ކޮށްގެން ލިޔާ ލިޔުން ތެރިންނަށް އަދި މިއަށް ވުރެވެސް ފުރިހަމަ ކޮށް ލިޔެވޭނެ ކަމަށް އުއްމީދު ކުރަމެވެ. ދެކޭން ބޭނުންވަނީ އެދުވަހެވެ.
= ނިމުނީ =
ހަވާލާ ދީފައިވަނީ :
http://www.thewarillustrated.info/214/now-it-can-be-told-how-royal-marines-hacked-a-base-from-jungle.asp . 1
Page No. 329 – 334 : The British Empire and the Second World War .2
http://en.wikipedia.org/wiki/Addu_City .3
From Interviews with Elder People of Meedhoo Community .4
http://www.worldwar2heritage.com/en/ .5

ނޯޓް: މި ލިއުމަކީ http://www.meedhoo.com ގެ ފަރާތުން "އައްޑޫލައިވް"ގެ ކިއުންތެރިންނަށް ގެނެސްދިން މައުލޫމާތުން ފުރިގެންވާ ލިއުމެކެވެ.