Last Updated: July 6, 22:22
Sunday, July 6, 2025
ޚަބަރު

ގަވާއިދާ ހިލާފަށް އުޅުނު 11 ބިދޭސީއަކު އަތުލައިގެންފި

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދިޔަ 11 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިއަދު ހެނދުނު ހުޅުމާލޭގެ 12 ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ 11 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ވަނީ އާއްމުންނަށް ރިޕޯޓު ކުރެވޭގޮތަށް ހުޅުވާލި "އިމިގްރޭޝަން ވޮޗް" ޕްލެޓްފޯމާ އެކު މި އޮޕަރޭޝަން ކުރިޔަށް އޮތްތަނުގައި އިތުރަށް ފުޅާވެގެންދާނެ ކަމަށް ބުނެފަ އެވެ.

މި ޕްލެޓްފޯމުން ކޮންމެ ފަރާތަަކަށްވެސް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ރިޕޯޓް ކުރެވިދާނެ ކަމަށާއި ނޫނީ ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީއެއްގެ މައުލޫމާތުވެސް ހިއްސާ ކުރެވިދާނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

"އިމިގްރޭޝަން ވޮޗް"ގެ އެހީގައި އާންމުންނަށް 24 ގަޑިއިރު އިމިގްރޭޝަނަށް ރިޕޯޓްކުރެވޭނެ އެވެ. އިމިގްރޭޝަނާ ގުޅުންހުރި ރިޕޯޓެއް ނުވަތަ މައްސަލައެއް ހުށަހަޅާއިރު، މައުލޫމާތާ ފޮޓޯވެސް މި ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެ އެވެ.