Last Updated: December 13, 17:38
Friday, December 13, 2024
ޚަބަރު

ރައީސްގެ ހަމްދަރުދީގެ މެސެޖެއް މޯދީ އަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިންޑިއާގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއާ ގުޅިގެން އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސްގެ މެސެޖުގައި، މިއަދު ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި އެޤައުމުގެ އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލުނު ޚަބަރާއެކު، ފުން ހިތާމައެއް ލިބިވަޑައިގަތްކަން ހާމަކުރައްވާފައިވެ އެވެ. އަދި އެތައް ބައެއްގެ ފުރާނައާއި ދިރިއުޅުމާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުމަކީ ހިތްޕުޅަށް ގެންނަވަންދަތި ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

ރައީސް ވަނީ ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއިއެކު ހަމްދަރުދީ ފޮނުއްވާފަ އެވެ. އަދި އެމަނިކުފާނުގެ މެސެޖުގައި މީހުން ސަލާމަތް ކުރުމުގައި އެ ސަރަޙައްދުގައި މިހާރު ކުރިއަށްދާ މަސައްކަތް ކާމިޔާބުކަމާއެކު އަވަސް ފުރުޞަތެއްގައި ނިމިގެން ދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވި އެވެ.

މީގެއިތުރުން މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރައްވައި، ފުރާނަ ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.