އާންމު އިޖުތިމާއީ މިންގަޑާ ޚިލާފު ކޮންޓެންޓް އާންމުކުރާ މައްސަލާގައި "ދެންމެ" ވެބްސައިޓް ބްލޮކްކުރަން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް މީޑިއާ ކައުންސިލުން މިއަދު ނިންމައިފި އެވެ.
މީޑީއާ ކައުންސިލުން ބުނީ ދެންމެ" ނަމަކަށް ކިޔާ ވެބްސައިޓަކުން ރާއްޖޭގެ އާންމު އިޖްތިމާއީ މިންގަނޑާ ހިލާފު ބޭއަދަބީ، ހަޑިހުތުރު ބަހުރުވައިން އެތަކެއް ލިޔުމެއް ޝާއިއުކޮށްފައިވާ އާއި އެކި ފަރާތްތަކުގެ ޒާތީ ކަންކަމާއި އަބުރާއި ބެހޭ ފަދަ ހަބަރުތައް ޝާއިއުކުރާ ކަމުގެ ޝަކުވާ އެކި ގޮތްގޮތުން އެ ކައުންސިލަށް ލިބިފައިވާ ކަމަށެވެ.
މި މައްސަލަ މީޑިއާ ކައުންސިލްގެ ޝަކުވާ ބަލާ ކޮމިޓީން ބެލިއިރު، އެ ވެބްސައިޓަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވެބްސައިޓެއް ވެސް ނޫން ކަމަށާއި އެ ވެބްސައިޓުން އާންމުކޮށްފައިވާ ލިޔުންތަކުގެ ތެރޭގައި ޖިންސީ ގުނަވަނެއް ނުވަތަ ޖިންސީ ހަރަކާތެއް ނުވަތަ އެފަދަ މަންޒަރު ސިފަވާ އެތައް ލިޔުމެއް އެ ވެބްސައިޓުން އާންމުކޮށްފައިވާ ކަމަށެވެ. އެ ވެބްސައިޓުން ކޮންމެ ދުވަހަކު މަދުވެގެން އެފަދަ އެއް ލިޔުން އާންމުކުރާ ކަމަށާއި އެފަދަ އިޖުތިމާއީ މިންގަނޑާއި ހިލާފު ލިޔުންތައް ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ދައުރުވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް މީޑިއާ ކައުންސިލުން ބުނެ އެވެ.
މި މައްސަލާގައި މީޑިއާ ކައުންސިލުން ވަނީ އެ ވެބްސައިޓުން އާންމު އިޖްތިމާއީ މިންގަނޑާ ހިލާފަށް ލިޔުންތައް އާންމުކުރަމުންދާތީ، އެފަދަ ކަންކަން ނުކުރަން ތަކުރާރުކޮށް އިންޒާރު ދީފައި ވަނިކޮށް ވެސް ތަކުރާރުކޮށް އެކަން ކުރަމުންދާތީ އެ ވެބްސައިޓް ބްލޮކް ކުރަން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމެއް ނިންމާފަ އެވެ.