Last Updated: April 18, 20:01
Friday, April 18, 2025
ޚަބަރު

ހަނިއްޔާގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރަންޖެހޭ

އިރާނުގައި އަވަހަރާކޮށްލި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

އީރާންގެ އާ ރައީސް މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެން އުޅުއްވަނިކޮށް ހަނިއްޔާ އަވަހާރަކޮށްލީ އޭނާ ހުންނެވި ގެޔަށް ހަމަލާ ދީގެންނެވެ. ހަނިއްޔާގެ ޖަނާޒާ އިއްޔެ އިރާނުގައި ބާއްވާފައިވާއިރު، އޭނާގެ ހަށިކޮޅު މިއަދު ފަސްދާނުލުމަށް މިހާރު ވަނީ ގަތަރަށް ގެންގޮސްފަ އެވެ.

ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ މުޙައްމަދު ޢިޔާޒު ޢަބްދުއްލަތީފު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ޣައިބަށް ކަށުނަމާދު ކުރަމުންދާ ކަމަށާއި ރާއްޖޭގައި ވެސް މިއަދުގެ ހުކުރު ނަމާދަށްފަހު ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށުނަމާދު ކުރާގޮތަށް ހަމަޖައްސައިދޭން އިސްލާމިކް މިނިސްޓްރީ އަށް ގޮވާލާ ކަމަށެވެ.

އިޔާޒުގެ މި ވާހަކަތަކަށް ތާއީދު ކުރައްވަމުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު ކުރެއްވި ޕޯސްޓެއްގައި ވަނީ މީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ އެކަން ކުށްވެރިކޮށް އިއްޔެ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ވަނީ ފަލަސްތީނުގެ ގާޒާގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ގެނެސް ސަރަޙައްދުގައި ސުލްހަ ގާއިމުކުރަން ގައުމުތަކަށް ވެސް ގޮވާލާފަ އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގައި، ހަނިއްޔާގެ ތިން ފިރިހެން ދަރިން އަދި ތިން ކާފަ ދަރިން ވެސް ޝަހީދު ކޮށްލާފައިވެ އެވެ.