Last Updated: October 8, 10:15
Tuesday, October 8, 2024
ޚަބަރު

ކޮމިއުނިސްޓް ޕާޓީން ޕީއެންސީގެ ވަފުދާ ބައްދަލުކޮށްފި

ކޮންގްރެސް ޕާޓީން ޗައިނާއަށް ވަޑައިގެންނެވި ވަފުދުގެ އިސްވެރިޔާ ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުޙައްމަދު އަމީން ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ)ގެ އިންޓަނޭޝަނަލް ލިއޭޒަން ޑިޕާޓޫމެންޓުގެ މިނިސްޓަރ ލިއު ޖިއަންޗޯއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމަކީ ސީޕީސީގެ ދަޢުވަތަކަށް ކޮންގްރެސް ޕާޓީގެ މަތީ ފަންތީގެ ވަފުދެއް ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޭއްވި ބައްދަލުވުމެކެވެ.

ދެ މިނިސްޓަރުންގެ ބައްދަލުވުމުގައި ސީޕީސީގެ އިންޓަނޭޝަނަލް ލިއޭޒަން ޑިޕާޓުމެންޓުގެ މިނިސްޓަރު ލިއު ޖިއަންޗޯ ފާހަގަކުރެއްވި ގޮތުގައި މި އަހަރަކީ ރާއްޖެއަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ކުރެއްވި ރަސްމީ ދަތުރުފުޅަށް ދިހަ އަހަރު ފުރޭ އަހަރެވެ. އަދި މި އަހަރުގެ ޖަނަވަރީ މަހު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާއާއި ރާއްޖޭގެ ގުޅުމަކީ ޝާމިލު އިސްތިރާޖީ ގުޅުމެއްގެ ދަރަޖައަށް ގެންދެވުމަށް ދެ ޤައުމުގެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވާކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރަށް ކޮންގްރެސް ޕާޓީ ހިމެނޭހެން ރާއްޖޭގެ ސިޔާސީ ޕާޓީތަކާ ސީޕީސީން ގާތް ގުޅުމެއް ބާއްވަމުންދާކަން ފާހަގަކުރައްވައި ލިއު ޖިއަންޗޯ ވިދާޅުވީ ޕާޓީއާއި ޤައުމު ހިންގުމުގައި އެ ޕާޓީއަށް ލިބިފައިވާ ތަޖުރިބާތައް ކޮންގްރެސް ޕާޓީއާ ހިއްސަކުރުމަށް ތައްޔާރަށް އޮތް ކަމަށެވެ.

މިނިސްޓަރ އަމީނުގެ ވާހަކަފުޅުގައި ދެ ޤައުމުގެ މެދުގައި އޮތް އެކުވެރި ގުޅުމަކީ ޒަމާންވީ ގުޅުމެއްކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ރައީސުންގެ ބެލެހެއްޓެވުމުގެ ދަށުން ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގެ އިޤުތިޞާދީ އިޖުތިމާޢީ ކުރިއެރުމަށް ޗައިނާއިން ދެމުންދާ އެހީތެރިކަމަށް މިނިސްޓަރ ޝުކުރު އަދާކުރެއްވި އެވެ.

ޗައިނާއާއި ރާއްޖޭގެ މެދުގައި ދަތުރުފަތުރާއި ވިޔަފާރިއާއި ސަގާފީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިވުމަށް އެދިވަޑައިގަންނަވާކަން މިނިސްޓަރ އަމީނު ފާހަގަކުރެއްވި އެވެ. އަދި ދެ ޤައުމުގެ އެންމެ އިސްވެރިން ބޭނުންފުޅުވާ ގޮތަށް ދެ ޤައުމުގެ މެދުގައި އިސްތިރާޖީ މުވާސަލާތުތައް ހަރުދަނާކޮށް، ދައުލަތް ހިންގުމުގެ ތަޖުރިބާތައް ހިއްސާކުރުން އިތުރުކޮށް، ގިނަ ދައުލަތްތައް ޝާމިލުވާ ގޮތަށް ސަރަހައްދީ ތަރައްޤީއަށް މަސައްކަތްކުރުން އިތުރަށް ހަރުދަނާކުރުމުގައި ޗައިނާއާއެކު ރާއްޖެއިން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ އަމީން ދެއްވި އެވެ.