Last Updated: October 3, 16:50
Thursday, October 3, 2024
ޚަބަރު

ރާއްޖެއަކީ ހަރުދަނާ ގައުމެއްކަން ސާބިތުކޮށް ދެއްވައިފި

ރައީސް މުއިއްޒާއި ގާސިމް އިބްރާހިމް - ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަކީ ހަރުދަނާ ގައުމެއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ސާބިތުކޮށްދެއްވާފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އދ. އާންމު މަޖިލީހުގެ 79ވަނަ ބައްދަލުވުމުގައި ރައީސް މުއިއްޒު ދެއްވި ތަގުރީރަށް ތައުރީފު ކުރައްވައި، ގާސިމް ވިދާޅުވީ މީގެ 59 އަހަރު ކުރީން ދިވެހީންގެ ފަޚުރުވެރި މިނިވަން ދިދަ އދ ގެ އިދާރާގައި ވިހުރެން ފެށި ފަހުން، މި ޤައުމުގެ ވެރިޔަކު އދ ގައި ދިވެހި ޤައުމު ތަމްސީލް ކުރުމުގައި ރައީސް މުއިއްޒު ދިވެހި ޤައުމު ތަމްސީލް ކޮށްދެއްވީ، ނުހަނު ވިސްނުންތެރިކަމާއި އެކު ވަރަށް ފުރިހަމަ އަށް ކަމަށެވެ.

"މި ލޮބުވެތި ޤައުމަކީ ފަޚުރުވެރި، ކެރޭ، ހަރުދަނާ، ދުރުވިސްނޭ، ޢިލްމާއި ހުނަރު ލިބިފައިވާ، ތަރައްޤީއަށް އުންމީދު ކުރާ ތަޞައްވަރެއް އޮތް، އަދި މުޅި ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ޤައުމެއްކަން، ރައީސް ޑރ މުޢިއްޒު އެވަނީ ވަރަށް ސާބިތު ކަމާއި އެކު ދައްކުވައިދެއްވާފަ އެވެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އދ ގެ ޢާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި، ރައީސް ދެއްވި ތަޤްރީރު ދުނިޔޭގެ ސަމާލުކަން ލިބިގެންދިޔަ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ އިދިކޮޅު ބައެއް ފަރާތްތަކަށް، ޚާއްސަކޮށް ވެރިކަމުގެ 5 އަހަރުގެ ދައުރެއް ލިބިވަޑައިގެންނެވި ނަމަވެސް އދ ގައި ރާއްޖެ ތަމްސީލު ކޮށްލަން ކެރިވަޑައިނުގަތް ބޭފުޅަކަށް، ރައީސް މުޢިއްޒުގެ ތަޤްރީރު އޮޅުން ފިލާވަޑައިނުގަތް ނަމަވެސް، ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުޙީގައި އެމަނިކުފާނުގެ ތަޤްރީރް ހިމެނިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުން އދގެ ސަލާމަތީ މަޖިލީހުގެ ތަޅުމުގައި ތަޤުރީރު ކުރެއްވި ރާއްޖޭގެ ފުރަތަމަ ރައީސް އަކީވެސް ރައީސް މުއިއްޒުކަން ގާސިމް ފާހަގަކުރެއްވި އެވެ.