ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ކޮށްފއިވާ ދައުވާއަކާ ގުޅޭގޮތުން ނުވަތަ އެނޫން ވެސް މައްސަލައަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ އައްބާސް ޝަރީފް ވިދާޅުވީ ފާއިތުވި ތިން ހަފުތާގެ ތެރޭގައި ގިނަ ބައެއްގެ ފަރާތުން އެކި ވަސީލަތްތައް މެދުވެރިކޮށް ޝަކުވާތައް ލިބެމުން އަންނަ ކަމަށާއި އެ ޝަކުވާތައް ބެލުމަށް ރަސްމީކޮށް ޝަކުވާ ހުށަހެޅުމުގެ ނިޒާމެއް ޕީޖީ އޮފީހުގެ ވެބްސައިޓާއި އެކި ގޮފިތަކުގައި މިހާރު ޤާއިމުވެފައިވާނެ ކަމަށެވެ.
ޕީޖީ އޮފީހާ ގުޅޭގޮތުން ރަސްމީކޮށް ޝަކުވާ ހުށަހަޅަން މިއަދުން ފެށިގެން ކުރިއަށް އޮތް 20 ދުވަހަށް ހުޅުވާލާފައިވާކަމަށް އައްބާސް ވިދާޅުވި އެވެ. ޕީޖީ ވަނީ މައްސަލަތަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅުއްވާއިރު، އެ މައްސަލައެއް ރިވިއުކުރަންވީ ސަބަބު ސާފުކޮށް ބަޔާންކުރަން އެދިފަ އެވެ.
"ޝަކުވާތައް އަޅުގަނޑުމެންނަށް ލިބުމާ އެކު މި އޮފީހުގައި އަޅުގަނޑު ވެސް ހިމެނިގެން ނަގާ ޓީމަކުން، ހުރިހާ މައްސަލަތައް ވަކިވަކިން ދިރާސާކޮށް، ބަލާފައި، އެ މައްސަލަތަކާ ބެހޭ ގޮތުން އަޅުގަނޑު ގޮތްތަކެއް ނިންމާނީ،" އައްބާސް ވިދާޅުވި އެވެ.
އައްބާސް ވަނީ އެ ޝަކުވާތަކާ ގުޅިގެން އެއްވެސް ނިންމުމެއް ބަދަލުކުރާނަމަ ސަބަބުތައް އާންމުކޮށް ހިއްސާކުރައްވާނެ ކަމަށާއި އަދި އަމިއްލައަށް އެއްވެސް މައްސަލައެއް ރިވިއު ނުކުރައްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
"އަޅުގަނޑުގެ އަމިއްލައަށް ރިވިއުކުރަން ނުނިންމާ ސަބަބަކީ، އޭރުން އަޅުގަނޑަށް އަންނާނެ އެލިގޭޝަން އަޅުގަނޑަށް ވަކި މައްސަލައެއް ނުނެގިއްޖެއްޔާ ނުވަތަ ވަކި މައްސަލައެއް ނަގާފަ، އޭގައި ކުރީގެ ޕީޖީގެ ޑިޒިޝަން ބަދަލުކޮށްފިއްޔާ އަޅުގަނޑަށް އެލިގޭޝަން އަންނާނެ އަޅުގަނޑު އަމިއްލަ ޕާސަނަލް ކޮންމެވެސް ކަމެއްގައޭ އެ މައްސަލަ ޗޫސް ކުރީ. އަޅުގަނޑު ބޭނުމެއް ނޫން އެ ފުރުސަތު ދޭކަށް. އެހެންވެ އަޅުގަނޑު ޕަބްލިކަށް މި ހުޅުވާލީ،" ޕީޖީ ވިދާޅުވި އެވެ.