ރާއްޖެ އަބަދުވެސް އޮންނާނީ އިންސާފުގެ ފަޅީގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ގަތުލު އާންމެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް ދެކުނު އެފްރިކާ އިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅި މައްސަލާގައި ބައިވެރިވާން ރާއްޖޭން ހުށަހެޅުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ރައީސް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފަށް އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ޖަރީމާތަކަށް ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށާއި ގާނޫނުގެ ވެރިކަން ނަގަހައްޓާ، ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމަށެވެ.
ރާއްޖެ އަބަދުވެސް އޮންނާނީ އިންސާނިއްޔަތާއި ސުލްހައާއި އިންސާފުގެ ފަޅީގައި ކަމަށާއި އެއާއެކު ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނު ރައްޔިތުންނާ އެކު ކަމަށްވެސް ވިދާޅުވި އެވެ.
ދެކުނު އެފްރިކާގެ ފަރާތުން އައިސީޖޭ އަށް ހުށަހެޅި މައްސަލާގައި ހުށަހަޅާފައިވަނީ، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަކީ، 1948 ވަނަ އަހަރުގެ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ޖެނޮސައިޑް ކޮންވެންޝަން) އާ ޚިލާފު ޢަމަލުތަކެއް ކަމަށެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ރާއްޖެއިން މިއަދު ހުށަހެޅި އިންޓަރވެންޝަން ބިނާކޮށްފައިވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން "އިންސައިޓްމަންޓް ޓު ކޮމިޓް ޖެނޮސައިޑް" އަދި "ޑިއުޓީ ޓު ޕަނިޝް ދަ އިންސައިޓްމަންޓް އޮފް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތާ ގުޅޭގޮތުން ކަމަށެވެ.
އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ޢަމަލުތައް ކުށްވެރިކޮށް، އެ ޢަމަލުތަކަކީ ޖެނޮސައިޑް އަދި އެޕާތައިޑްގެ ޢަމަލުތަކެއްކަމާއި، އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާތަކެއްކަމަށް ދިވެހި ސަރުކާރުން ދަނީ ބައިނަލްއަޤްވާމީ އެހެން މައިދާންތަކުގައި ކެނޑިނޭޅި ވަކާލާތުކުރަމުންނެވެ.