Last Updated: October 3, 14:10
Thursday, October 3, 2024
ޚަބަރު

އިޒްރޭލުން ލުބްނާނަށް ދޭ ހަމަލާތައް ކުށްވެރިކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް

އިޒްރޭލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފި އެވެ.

ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލުން ލުބްނާނަށް ހަމަލާތައް ދީ ކުށެއް ނެތް އާންމުން މަރައި، އެތައް ބަޔަކު އަނިޔާވެ އަދި އެތައް ބަޔަކު ގެދޮރު ދޫކޮށްދާންޖެހުން ކުށްވެރިކުރާ ކަމަށެވެ.

މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އަދި އިންސާނީ ހައްގުތަކުގެ ގާނޫނާއި ވެސް ހިލާފު އަމަލުތަކެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން އިޒްރޭލުން ހިންގާ ޖަަރީމާތަކަށް ބައިނަލްއަގުވާމީ މުޖުތަމައު އިން އެގައުމު ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށާއި އަދި ލުބްނާނާއި ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ހިންގާ ގަތުލްއާންމަށް ނިންމުމެއް ގެނައުމަށް ބައިނަލްއަގުވާމޫ މުޖުތަމައު އިން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އިޒްރޭލުން ފާއިތުވި ދެ ހަފްތާތެރޭ ލުބްނާނުގެ އެކި ސަރަހައްދުތަކަށް ވައިގެ ވަރުގަދަ ހަމަލާތަކެއް ވަނީ ދީފަ އެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ދިން ވައިގެ ހަމަލާއެއްގައި ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ އާއި އެ ޖަމާއަތުގެ ލީޑަރުންތަކެއް ވަނީ އަވަހާރަކޮށްލާފަ އެވެ.

ހިޒްބުﷲ އިން ވަނީ ނަސްރުﷲ އަވަހާރަކޮށްލި ނަމަވެސް ފަލަސްތީނުގެ ގާޒާ އާއި ލުބްނާނުގެ ދިފާއުގައި ދުޝްމަނުންނާއި ކުރިމަތިލުމުގައި އެ ޖަމާއަތް ދެމި އޮންނާނެ ކަމަށް ބުނެފަ އެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ލުބްނާނުން މިހާތަނަށް 1،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ލުބްނާނުން 100،000 އަށް ވުރެ ގިނަ މީހުން ވަނީ އެގައުމު ދޫކޮށް ސީރިޔާ އަށް ގޮސްފަ އެވެ.