Last Updated: October 3, 16:06
Thursday, October 3, 2024
ޚަބަރު

ސީޕްލޭން ހިދުމަތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްދަނީ

"މޯލްޑިވިއަން ސީޕްލޭން" ވިޔަފާރި ޒަމާނީކޮށް، އިތުރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ގޮތުން، ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދެވުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު މިގޮތަށް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިނޭންސުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.

މީގެ ބޭނުމަކީ އައިލެންޑް އޭވިއޭޝަނުން ހިންގަމުން ގެންދާ "މޯލްޑިވިއަން ސީޕްލޭން" ވިޔަފާރި ޒަމާނީކޮށް، އިތުރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެގޮތުން އައިލެންޑް އޭވިއޭޝަންގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދުމުގެ ކަންކަން 30 އެޕްރީލް 2025 އަށް ނިންމުމަށް ވަނީ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ކަނޑުގެ ވަޞީލަތްތަކުން ލިބޭ ނަފާ އިތުރުކުރުމުގެ ގޮތުން، ކުރިއަށް ގެންދާނެ ކަންތައްތަކެއް ވެސް ވަނީ ނިންމަވާފަ އެވެ.

އެގޮތުން ނިންމެވި ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރިތައް ޤާއިމުކުރުމަށްޓަކައި، ހެޗަރީތައް ބިނާކުރުމާއި ހެޗަރީގައި އުފައްދާ ބާވަތްތައް މޫދުގެ މާޙައުލުގައި ބޮޑުކުރުމަށް، ފޮރިން އިންވެސްޓްމަންޓްތައް ހިމެނޭގޮތަށް އާންމުކޮށް ހުޅުވާލައިގެން، ވަކި ޒޯނުތަކެއް މެރިކަލްޗަރ ތަރައްޤީކުރާ ޒޯންތަކެއްގެ ގޮތުގައި ކަނޑައެޅުން ހިމެނެ އެވެ. އެގޮތުން ކަނޑައެޅުއްވި ޒޯންތަކަކީ:

– ބޮޑުތިލަދުންމަތި (ހދ. އަދި ށ.އަތޮޅު) މެރިކަލްޗަރ ޒޯން
– މާޅޮސްމަޑުލު އުތުރުބުރީ (ރ) އަތޮޅު މެރިކަލްޗަރ ޒޯން
– މުލަކަތޮޅު (މ) އަތޮޅު މެރިކަލްޗަރ ޒޯން
– ކޮޅުމަޑުލު (ތ) އަތޮޅު މެރިކަލްޗަރ ޒޯން މިއެވެ.

މީގެ އިތުރުން މާލެއަތޮޅު ދެކުނުން، ވާދޫ ކަނޑުއޮޅިން ފެށިގެން ގާތްގަނޑަކަށް 7 ކިލޯމީޓަރު ދެކުނުން އޮތް ޖުމްލަ 73 ހެކްޓަރުގެ ފަރުގެ ސަރަޙައްދަކީ ކޮމަރޝަލް ސްކޭލެއްގައި ފާނަ އާލާކުރުމުގެ މަސައްކަތް ހިންގުމަށް ޚާއްޞަކުރެވޭ މޫދުކޮށީގެ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅުމާއި މެރިކަލްޗަރ ކުރުމަށް ކަނޑައަޅާ ޒޯނުތައް ކުއްޔަށް ދިނުމުގައި ޢަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުން މީގެ ތެރޭގައި ހިމެނެ އެވެ.