މިއީ ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ދޭނެ ސަރުކާރެއް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
މީޑިއާ ކައުންސިލުން ރޭ ބޭއްވި "11 ވަނަ ނޫސްވެރިކަމުގެ އެވޯޑް" ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ނޫސްވެރިންނާ ވަރަށް ގާތުން މަސައްކަތް ކުރައްވާ ރައީސެއް ކަމަށާއި ސަރުކާރުގެ ސިޔާސަތުތަކާއި އެކި ކަންކަމަށް ސަރުކާރުން ކުރާ ހޭދަތަކުގެ މައުލޫމާތު މީޑިއާ އަށް ފޮރިވުމެއް ނެތި، ހިފެހެއްޓުމެއް ނެތި ހާމަކުރުމަކީ އުފާކުރައްވާ ކަމަށެވެ.
މި ސަރުކާރަކީ ނޫސްވެރިންނާއި ވަރަށް ގާތުން ގުޅިގެން މަސައްކަތް ކުރާނެ ސަރުކާރެއް ކަމަށާއި ހުރިހާ ކަމެއްގައި ވެސް ދެފުށް ފެންނަ ސިޔާސަތާއި، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރާނެ ސަރުކާރެއް ކަމަށްވެސް ވިދާޅުވި އެވެ.
"ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ފުރިހަމަ އަށް ދޭނެ ސަރުކާރެއްކަން. ނޫސްވެރިންގެ ޒިންމާ އަދާކުރުމުގައި މި ސަރުކާރުން ފުރިހަމަ އަށް އެއްބާރުލުން ދޭނެކަން،" ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ އިންސާނީ ކަރާމާތް ގެއްލޭ ގޮތަށް މީހުންގެ އަބުރާއި އިއްޒަތް ނަގާލުމަށް ދޮގު މައުލޫމާތާއި ހަބަރު ނުފެތުރުމަށް ނޫސްވެރިންނަށް ގޮވާލައްވާފަ އެވެ. އަދި މީޑިއާގެ ވަސީލަތްތަކުން ފަތުރާ ހަބަރުތަކަކީ ހުރިހާ އުމުރަކާއި ގުޅޭ، އިޖުތިމާއީ މިންގަނޑުތަކަށް ފެތޭ ތަކެއްޗަށް ހެދުން މުހިއްމުކަން ވެސް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން މަދަރުސާތަކުންނާއި ކޮލެޖު، ޔުނިވާސިޓީތަކުން ކިޔަވައިގެން ނިކުންނަ ޤާބިލު ދަރިންގެ ތެރެއިން މޮޅެތި ނޫސްވެރިން އުފެއްދުމުގެ މުހިއްމުކަން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.