Last Updated: July 3, 09:04
Thursday, July 3, 2025
ޚަބަރު

މީޑިއާ ކައުންސިލުގެ މައްސަލަ ޕީއެސްއެމުން މަޖިލީހަށް

ރޭ ބޭއްވި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާގައި ޕީއެސްއެމްގެ އެޑިޓޯރިއަލް ކޮންޓެންޓާ ހިލާފު ވީޑިއޯއެއް ދެއްކި ކަމަށް ބުނާ މައްސަލައާ ގުޅިގެން މީޑިއާ ކައުންސިލުގެ މައްސަލަ ޕީއެސްއެމުން މަޖިލީހަށް ހުށަހަޅައިފި އެވެ.

ޕީއެސްއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެވޯޑް ލިބޭ ކެޓަގަރީތަކާއި އެ ކެޓަގަރީތަކަށް ނޮމިނޭޓު ވެފައިވާ ފަރާތްތަކާއި އެވޯޑް ލިބޭ ފަރާތްތައް ދުރާލައި އެ ކައުންސިލްގެ އިސްވެރިންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ޕީއެސްއެމްއިން ލައިވް ކަވަރޭޖް ހަދާ ޙަފްލާތަކުގައި ދައްކާ ވީޑިއޯ ފުޓޭޖްތަކަކީ ޕީއެސްއެމްގެ އެޑިޓޯރިއަލްއަށް ފެތޭ ކޮންޓެންޓަށް ވާން ޖެހޭ އިރު، ޕީއެސްއެމްއަށް ކުރިން އެންގުމެއްނެތި ކުއްލިއަކަށް ހަފްލާގެ ތެރޭގައި ވީޑިއޯ ދެއްކުމަކީ ގަސްތުގައި ދުރާލާ ރާވައިގެން ޕީއެސްއެމްގެ އެޑިޓޯރިއަލް އުސޫލާ ހިލާފު ކޮންޓެންޓު ޕީއެސްއެމުން ދެއްކުމަށް މީޑިއާ ކައުންސިލުން ކުރި ކަމެއް ކަމަށް އެ ކުންފުނިން ދެކޭތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ޕީއެސްއެމްގެ ބަޔާނުގައިވެ އެވެ.

"މިކަމަކީ ޕީއެސްއެމްއަށް ރައްޔިތުން ކުރަމުންއަންނަ އިތުބާރު ގެއްލި، ކުންފުނީގެ މައްޗަށް އޮތް ޤާނޫނީ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅި، އިއާދަނުކުރެވޭނެ ވަރުގެ ގެއްލުން ލިބިދާނެފަދަ އަމަލެއް ކަމުގައި ދެކެމެވެ." ޕީއެސްއެމްގެ ބަޔާނުގައިވެ އެވެ.

މީޑިއާ ކައުންސިލަކީ ގާނޫނަކުން އުފެދިފައިވާ ކައުންސިލަކަށްވާތީ އެ ކައުންސިލަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް ޒިންމާދާރުކަމާއެކީ އަދާކުރުމަށާއި އެންމެހާ ފަރާތްތަކުގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް މީޑިއާ ކައުންސިލަށް މި ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

"ޕަބްލިކް ސާވިސް މީޑިއާގެ ތަސައްވުރު ރައްޔިތުން ކުރިމަތީގައި ގެއްލޭފަދަ އަމަލެއް މޯލްޑިވްސް މީޑިއާ ކައުންސިލުން ހިންގާފައިވާތީ އެމައްސަލަ ބައްލަވައިދެއްވުން އެދި މި ކުންފުނީގެ ފަރާތުން މިހާރު ވާނީ ރައްޔިތުން މަޖިލީހަށް ހުށަހަޅާފައެވެ." ޕީއެސްއެމްގެ ބަޔާނުގައިވެ އެވެ.

އެ ވީޑިއޯގެ މައްސަލައިގައި މީޑިއާ ކައުންސިލްގެ ރައީސް އަހްމަދު މުސްތަފާ ޕީއެސްއެމްގެ ވަޒީފާ އިން މިއަދު ވަނީ ވަކިކޮށްފަ އެވެ.