ހދ. ހަނިމާދޫ އެއާޕޯޓުގައި ސީޕްލޭންގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގެ ސަބް ކޮމިޓީގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވީ ހަނިމާދޫގައި މިހާރު އިންޓަނޭޝަނަލް އެއާޕޯޓެއް ހެދުމުގެ ބޮޑު މަޝްރޫއެއް ހިނގަމުންދާ ކަމަށާއި އެ މަސައްކަތް ނިމެންވާއިރަށް ހަނިމާދޫގައި ކުޑަ ސީޕްލޭން ޓާމިނަލެއް އަޅައި، އޮޕަރޭޝަނަށް ގެންނާނެ ކަމަށެވެ.
"ރާއްޖޭގައި އިންޓަނޭޝަނަލް އެއާޕޯޓެއް ފީޒިބަލްވާނީ ކައިރީގައި އޮންނަ ބެޑްތަކަށް އެކްސެސެވެގެން. އެހެންވީމަ، 180 ކިލޯމީޓަރުގެ ރޭޑިއަސްގައި، ހަނިމާދޫ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުތަކުން އަންނަ ފަސިންޖަރުންނަށް މިދެންނެވި ރޭޑިއަސްގައި ހުރި ރިސޯޓުތަކަށް، ޕްރޮޕަޓީސްތަކަށް ދެވެންޏާ ހަނިމާދޫ ފީޒިބަލްވާނެ،" މުޖުތަބާ ވިދާޅުވި އެވެ.
މުޖުތަބާ ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އަށް ޖައްސާ ބައެއް ސީޕްލޭންތައް ހަނިމާދޫގައި ގާއިމްކުރާ ސީޕްލޭން ޓާމިނަލަށް ޖައްސާ ގޮތަށް ހެދި ނަމަވެސް އެއްވެސް މައްސަލައެއް ދިމައެއް ނުވާނެ ކަމަށެވެ.
ރާއްޖޭގެ އެންމެ އުތުރުގައި ހިމެނޭ އެއާޕޯޓްތަކުގެ ތެރެއިން ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެވެ. މި މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާ އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.
މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ނިންމާފަ އެވެ.