ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގުމަށް އިމާރާތެއް ހޯދިގޮތާ ގުޅިގެން އެ އިދާރާއަށް އަމާޒުވަމުންދާ ތުހުމަތުތައް ބަލައިދިނުމަށް އެންސްޕާއިން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި އެދިއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ ބްރޯޑްކާސްޓިން ފެށި "އެމްއެމް ޓީވީ" ޗެނަލް ހިންގަނީ އެންސްޕާގެ ފައިސާ އިން ކުއްޔަށް ނަގާފައިވާ ތަނެއްގައި ކަމަށާއި އެތަނަށް ކުލި ދައްކަނީ އެންސްޕާ އިން ކަމަށް ބުނެ ދަނީ ތުހުމަތުތައް ކުރަމުންނެވެ. މި ޓީވީ ޗެނަލަށް އެންސްޕާ އިން 34 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ.
އެންސްޕާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އިދާރާ ހިންގުމަށް އިމާރަތެއް ހޯދުމުގެ މުއާމަލާތްތައް ފިނޭންސް މިނިސްޓްރީން ފިޔަވައި އެހެން ފަރާތަކާ އެކު ކުރިއަށް ގެންގޮސްފައި ނުވާނެ ކަމަށެވެ. ފިނޭންސް މިނިސްޓްރީއާ އެކު މުއާމަލާތް ކުރިއަށް ގެންގޮސްފައިވަނީ ގަވާއިދުގެ ތެރެއިން ކަމަށް އެންސްޕާ އިން ބުނެ އެވެ.
އެންސްޕާ ހިންގުމަށް މުވައްޒަފުން ހޯދުމާއި އެ މުވައްޒަފުންގެ ޒިންމާތައް ހަވާލު ކުރުމަކީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކުރަމުންދާ ކަމެެއް ކަމަށް ވެސް ބުންޏެވެ. އަދި އެ އެޖެންސީއާ ގުޅުވާ ފަތުރަމުންދާ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށާއި މިފަދަ ދޮގު ވާހަކަތައް ފަތުރާ މީހުންނަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާއަށް ހުށަހަޅާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މީގެއިތުރުން އެކަމާ ގުޅޭ ފުރިހަމަ ތަހުގީގެއް ހިންގާ އެކަމުގެ ތަފްސީލު ރައްޔިތުންނަށް ހާމަކޮށް ދިނުމަށް އޭސީސީއަށް ވެސް ވަނީ ގޮވާލާފަ އެވެ.