Last Updated: May 14, 20:54
Wednesday, May 14, 2025
ޚަބަރު

މި އަހަރު އަލަށް 100 ގެސްޓްހައުސް ހުޅުވި

މި އަހަރުގެ ތެރޭގައި މުޅިން އަލަށް 100 ގެސްޓްހައުސް ހުޅުވައި ހިދުމަތް ދޭން ފަށާފައިވ ކަމަށާއި އެއާ އެކީ ގެސްޓްހައުސްތަކުން ނެރުނު އެނދުގެ އަދަދު 1،000 އަށް އަރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރު ފެށުނު އިރު، ގެސްޓްހައުސްތަކުގެ ބެޑް ކެޕޭސިޓީ އުޅުނީ 13،657 ގަ އެވެ. އެއީ 809 ގެސްޓްހައުސްއާ އެކީގަ އެވެ. ނަމަވެސް އަލަށް ހުޅުވި ގެސްޓްހައުސްތަކާ އެކީ މިހާރު ގެސްޓްހައުސްތަކުގެ އަދަދު 909 އަށް އަރާފައިވާ އިރު، ބެޑް ކެޕޭސިޓީ އަކީ މިހާރު 15،325 އެވެ.

ޓޫރިޒަމް ވިޔަފާރީގެ ތެރެއިން ގެސްޓްހައުސް ވިޔަފާރި އަކީ ރާއްޖޭގައި އެންމެ ބޮޑަށް ފުޅާވަމުން އަންނަ ވިޔަފާރި އެވެ. އެގޮތުން ލޯކަލް ޓޫރިޒަމް އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަރަމުންނެވެ.

މި އަހަރު އަލަށް ހުޅުވި 100 ގެސްޓްހައުސްއާ އެކީ ބެޑް ކެެޕޭސިޓީ އަށް ޖުމްލަ 1،214 އެނދު އިތުރުވެފައިވެ އެވެ.

މި އަހަރު މުޅި ރާއްޖޭގެ ޓޫރިޒަމްގެ ބެޑް ކެޕޭސިޓީ އަކީ ސިޓީ 62،864 އެވެ. އެއީ 171 ރިސޯޓަކުން 42،539 އެނދާއި 909 ގެސްޓުހައުސް އިން 15،325 އެނދާއި 155 ސަފާރީއަކުން 3،044 އެނދުގެ އިތުރުން 41 ހޮޓަލަކުން 1،956 އެނދާ އެކީގ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް 1.8 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އިރު، ޓާގެޓަކީ ދެ މިލިއަނެވެ.